އަންނަ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަން އަމާން އޮމާންކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުންވެސް މަސައްކަތްކުރުމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ގޮވާލައްވައިފިއެވެ.

އެކްޓިން ސީޕީ ނަވާޒް މިކަމަށް ގޮވާލެއްވީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނަކީ މުހިންމު މަސައްކަތްތަކެއްކުރައްވާ ބައެއްކަން ފާހަގަކުރެއްވިއެވެ.

އަދި މަސައްކަތްތަކުގައި އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާނެކަމަށާއި ގޮންޖެހުންތައް ކުރިމަތީވިނަމަވެސް ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ފުލުހުންގެ ގޮތުގައި، ހިނުތުންވުމާއެކު މަސައްކަތްކުރާ ބަޔަކަށްވުމަށާއި ފުލުހުންނާ ޤާނޫނީ ގޮތުން ހަވާލުކޮށްފައިވާ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ހުއްޓުމެއް އަޔަނުދީ ޚިދުމަތް ދިނުމުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންނެވެ.

ހަމައެއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އަމާން އޮމާންކަމާއެކު ކުރިއަށް ގެންގޮސް، އިންތިޚާބުގެ އެންމެހާ ކަންކަން އަމާން އޮމާންކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުންވެސް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދުގެ އިތުރުން ސްޕްޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ވެރިންނާއި އެޑިޕާޓްމަންޓްގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަނޑޭ

    ފުލުހުން އިންތިހާބައް ނުފޫޒު ފޯރުވާނެ ކަމައް ބެލެވެނީ...