ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ ތަނަވަސް އަޣުލަބިއްޔަތު ރައީސް ޔާމީން ނަންގަވާނެ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެެއެވެ.

ޝަހީމް މިހެން ވިދާޅުވީ މިރޭ ފުވައްމުލަކު ފުނާޑު އަވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަހީމްގެ ވިދާޅުވީ ފުވައްމުލަކުގެ އެކި އަވަށްތަކުގެ އެކި ގެތަކަށް ޒިއާރަތްކޮށް އަދި ޕީޕީއެމްގެ އެކި ބޭބޭފުޅުންނާއި ބައްދަލު ކުރާތާ ހަތަރު ވަރަކަށް ދުވަސް ވެފައި ވާއިރު ކޮންމެ ގެއަކުން ފެނުނީ ހިނިތުންވުމާއި އުޖާލާ މޫނުތަކެއް ކަމަށެވެ.

"މިދަތުރު މިނިންމާލަނީ ވަރަށް އުފަލާއި އެކު. ފުވައްމުލަކުގެ ތަނަވަސް އަޣުލަބިއްޔަތު ރައީސް ޔާމީން ނަންގަވާނެ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިރޭ ވެސް ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި އިރު ދިވެހިރާއްޖެ އަށް ކުރިމަތިވެފައި އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ.

"އިޖުތިމާޢީ ފޭރާން އޮތީ ވީދިފައި. މުޒަހަރާތައް ކުރަމުން ދިޔަ. އިޤުތިޞާދާއި ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމަށް އޮތީ ނާޒުކު ހާލަތެއްގައި. އެއާޕޯޓްގެ މައްސަލަ އޮތީ ބޭރު ގައުމެއްގެ ކޯޓެއްގައި. އެހެން ނަމަވެސް އެކަންކަމާއި ހިކުމަތްތެރިކަމާއި އެކު ކުރިމަތިލައްވާ 400 މިލިއަން ޑޮލަރުގެ ބަދަލެއް ދައްކަވާ ދިވެހިންނަށް އެއާޕޯޓް އަލުން ހޯއްދަވައިދެއްވި." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ ޔުނިވަސިޓީއެއް އުފައްދަވާ ކީރިތި ޤުރުއާން ހިތުދަސް ކުރައްވާ ގައުމީ ފެންވަރުގެ އިނާމު ދެއްވަން ފެއްޓެވުން ފަދަ އެތައް ޚިދުމަތެއް ރައީސް ޔާމީން ގެންދަވަނީ ދިވެހިރާއްޖެއަށް ކޮށްދެއްވަމުން ކަމަށެވެ.

"ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ދުވަސްވަރަކީ އިސްލާމީ ގައުމުތަކާއި ދުރަށް ރާއްޖެ ދަތުރުކޮށްފައިވާ ދުވަސްވަރެއް. ނަމަވެސް ވެރިކަމަށް ހަވާލުވެ ވަޑައިގެން އަރަބި ގައުމުތަކާއި ގުޅުން ބަދަހި ކުރެއްވި. މިހާރު ހައްޖަށާއި އުމްރާއަށް ދަތުރުކުރާ މީހުން ވިސާ ނަގަން ރާއްޖެ އިން ބޭރަށް ދާކަށް ނުޖެހޭ. މިހާރު ސައުދީ އެއާލައިން އިން ސީދާ ޖިއްދާއަށް ދެވޭ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދެވަނަ ވިސްނުމަކަށް ވަޑައިނުގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ޒުވާނުންނަށް ފެހި ފަހި ފުރުސަތުތައް ފަހިކޮށްދެއްވީ ރައީސް ޔާމީން. މީގެ ކުރިން އަޅުގަނޑުމެން އަޑު އެހީ ބިރަކާއި ނުލާ މަޖާ ކުރެވޭނެއޭ. ނަމަވެސް މިއަދު ރައީސް ވިދާޅުވަނީ ޒުވާނުން ވެސް ﷲ އަށް ބިރުވެތިވާން ޖެހޭނެއޭ. މިއަދު ލޯން ސްކީމްތައް ތަޢާރަފްކޮށް ވިޔަފާރީގެ ފުރުސަތުތައް ތަނަވަސް ކޮށްދެއްވައިފި." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ހުރިހާ ކަމެއް އެންމެ ފުރިހަމަ އަށް ރަނގަށް ހުރި ކަމަށް އޭނާ ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

"100 ޕަސެންޓަށް ފަސް އަހަރުން ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެ. އިތުރު ދައުރެއް ރައިސް ޔާމީނަށް ދެއްވުމުން ރައްޔިތުންނާއި ގައުމަށް އޮތީ މަންފާ." ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮލެޖް

    ޢިބޫއާއި ފައިސަލް ކައިރީ ކުދިންތަކަކަށް ކިޔަވައިދޭށޭބުނެފިއްޔާ ކިޔާނީ ޕޕާކެހެތޭހޭ

  2. ދިވެހި އަޑު

    ﷲތައާޅާގެ ހެޔޮރަހްމަތުން 2018 ޔާމީނަށާއި ޝަހީމަށް ކާމިޔާބުވާނެ.

  3. އަލީ

    އިންޝާﷲ ރައީސް ޔާމީން ހޮވޭނެ.

  4. މޫސަ

    އެރަށުގެ ރީތި އަންހެން ކުދިންނާއެކު ސެލްފީ ނެގުމަކުން ހުވަފެންދެކޭ ނަތީޖާ ވޯޓުން ނުފެނިދާނެ ނޫންތޯ