ޅ. ނައިފަރުގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަށް އެނގިވަޑައިގަތުމުން ހަމަ ޔަގީނުންވެސް އެމަނިކުފާނު ކީރިތި ކުރައްވާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރުގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ސައީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޤާއިމުކޮށްފައިވާ 20 ރަށުގެ ނަރުދަމާގެ މަސައްކަތަށް 720 މިލިއަން ކަނޑައަޅާފައި ވުމުން އެ އަދަދު ބޮޑުވެ އެމްޑީޕީގެ މެންބަރުން އެކަމަށް ފާޑުވިދާޅުވެ އެކަން ކުށްވެރިކޮށް އެ އަދަދު މި ސަރުކާރުން މުރާޖަޢާ ކޮށްފައިވާ ކަމަށެވެ. އެގޮތުން މުރާޖަޢާ ކުރުމަށްފަހު އެ އަދަދު 1.3 ބިލިއަން ރުފިޔާ އަށް އިތުރު ކުރިކަން ސަޢީދު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ފެނާއި ނަރުދަމާގެ މަސައްކަތް ބައެއް ރަށްރަށުގައި ކުރިޔަށް ނުދާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު ވަރަށް ދެރަ ކަމަށާއި އެކަން ރައީސް ސޯލިހުގެ ސަމާލުކަމަށް އަތުުވެއްޖެ ނަމަ އެމަނިކުފާނަށްވެސް ކީރިތި ކުރެވޭނެ ކަމަށެވެ.

"1.3 ބިލިއަން ރުފިޔާއަށް ނިންމާލިއިރު.. އަޅުގަޑުމެންނަށް މި އަޑު އިވެނީ ހުރިހާ ރަށެއްގެ ނަރުދަމާތައް ނިންމާލައިފީމޭ. ފެން ވެސް އަޅައި ނިންމައިފިއޭ. އެހެން ނަމަވެސް ދޭތެރޭ ދޭތެރެއިން ގަރާރެއް. ދޭތެރެ ދޭތެރެއިން ސިޓީއެއް، ކަންބޮޑުވުމެއް، ޕެޓިޝަނެއް މި ހުށަހަޅަނީ ތިމަންނަމެން މިރަށަށް އަޅަން އުޅޭ ނަރުދަމާގެ މަސައްކަތް އެމްޕީއެއް ނުވަތަ އެމްޕީއެއް ހިމެނޭ ކުންފުންޏަކަާ ހަވާލުކުރީމޭ... (އެކަމަކު) ކުރިއަށް ނުދާ ވާހަކަ. ހުސް ކޮރަޕްޝަން." ސައީދު ވިދާޅުވިއެވެ.

ނައިފަރުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގައި ހުރި ކަމަށް ގަރާރުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ފެނުގައި ވަސް ހުރުމާއި، ދަބަރު ކުލަ ހުރުމާއި، ފެން ލީކުވުމާއި، އާރޯ ޕްލާންޓް ގައިވެސް މައްސަލަ ހުރުމާ، ފެން ދޫކުރާ ޕަންޕުގައިވެސް މައްސަލަތައް ހުރުމުގެ އިތުރުން ވެސް ގިނަ ކަންކަން ސައީދު ފާހަގަ ކުރެއްވި އެވެ.

ސައީދުގެ ވާހަކަތަކަށް ފާޑު ވިދާޅުވަމުން ނިޒާމީ ނުކުތާ ނެންގެވި ސަރުކާރަށް ތާއީދު ކުރައްވާ އެކި މެންބަރުން ވިދާޅުވީ ނައިފަރުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ މައްސަލަ ތަކަކީ ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރި އިރު "ފީކަޅާ" ކޮށް ކޮށްފައި ހުރުމުން ދިމާވާ މައްސަލަ ތައް ކަމަށެވެ.

އެ މެންބަރުންގެ ވާހަކަފުޅަށް ސައީދު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އެ މައްސަލަ އަކީ 6000 އަށްވުރެ ގިނަ ރައްޔިތުންނާއި ގުޅިފައި ހުރި މައްސަލައަކަށް ވާއިރުވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން އެކަމަށްވެސް ފާޑުވިދާޅުވެ ހަޖޫ ޖައްސަވަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ މެންބަރުންވެސް އެފަދައިން ކަންކުރުމުގެ ބަދަލުގައި އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުން މާ މުހިންމު ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ނައިފަރުގެ އެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަމާލު ކަމަށް ގެނެސް ދިނުމަށް ތަކުރާކޮށް މެންބަރުންގެ ކިބައިން އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހާދަ ނައިފަރުވެގެން މިއުޅެނީ.... ބާރުއޮތްދުވަހު 80% އަށް ވާބައި ކާލިއިރު، އެރަށް ތަމްސީލްކުރައްވާ މެމްބަރުގެ ހިތަކަށްވެސް އެއްޗެއް ނާރައޭ! ދެން ތިބޭފުޅާއަށް ކިއެއްތޯއެވެ.

    އެމް.ޓީ.ސީ.ސީ ނޫން ބަޔަކާ ހަވާލުކޮށްފިނަމަ ވާގޮތް އެއޮތީ ފެންނަން.
    ވީމާ، ސަރުކާރުގެ ބާރުހިނގާ ކުންފުނިން ހިންގަން ވަގުތު ބޭނުންވާނެ. ކިއު ތަރުތީބުން ދާއިރު ކެތްތެރިވާން ވާނެ.

  2. Ahmed

    ތިބޭފުޅުންގެ 5 އަހަރުގެ ދައުރުގައި ތިކަން ކުރިނަމަ މިއަދު ތިވާހަކަ ދައްކާކަށް ނުޖެހުނީސް ނޫންތޯ