ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ފަސް މިލިއަނަށް ވުރެ ގިނަ ސިންގަލްޔޫސް ޕްލާސްޓިކް ނައްތާލައިފިއެވެ.

މިއީ ރާއްޖޭގެ އިމްޕޯޓް އެކްސްްޕޯޓް ގާނޫނުގެ ދަށުން ރާއްޖެއަށް އިމްޕޯޓްކުރުން މަނާތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ކުޅުދުއްފުށީ ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެއްޗެވެ.

އެގޮތުން ޖުމްލަ ފަސް މިލިއަން އަށާރަ ހާސް ފަސްސަތޭކަ ޕްލާސްޓިކް ނައްތާލައިފައި ވެެއެވެ.

އެ ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަދި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވައިދުގައި ބަޔާންކޮށްފައިވާކަން ކަސްޓަމްސްއިން ފާހަގަކޮށްފައި ވެއެވެ.