ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫޢުގެ މަސައްކަތްކުރާ މަސައްކަތްތެރިން މުޒާހަރާ ހުއްޓާލުމަށްފަހު، އަލުން މަސައްކަތް ފަށައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކޯޕަރޭޝަންގެ މަޝްރޫއެއް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރެއްގެ މުވައްޒަފުންގެ ޝަކުވާތަކުގެ ސަބަބުން މިދިޔަ މަހު 25 އިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސައްކަތް މެދުކަނޑާލާފައި އޮތް ކަމަށެވެ.

ނަމަވެސް، މިދިޔަ ހުކުރު ދުވަހު އެ މުވައްޒަފުން އަލުން މަސައްކަތަށް ނުކުންނަން ފަށާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެކޯޕަރޭޝަނުން ބުނީ، އެމައްސަލަ އެ ކޯޕަރޭޝަނަށް ލިބުނު ހިސާބުން ފެށިގެން މުވައްޒަފުންނާއި ކޮންޓްރެކްޓަރާ ދެމެދު ހުރި މައްސަލަތައް އަވަހަށް ހައްލުކުރުމަށް ކޮންޓްރެކްޓަރަށް ބާރުއެޅަމުން ދިޔަ ކަމަށެވެ.

"ކޮންޓްރެކްޓަރު މައުލޫމާތު ދީފައި ވަނީ މިހާރު ހުރިހާ ކަމެއް ހައްލު ކުރެވިފައިވާ ކަމަށާއި މުވައްޒަފުން އެދިފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ކަންކަން ހަމަޖައްސައިދިނުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. މި ކޯޕަރޭޝަނުން ދަނީ މިކަން ވަރަށް ގާތުން ބަލަމުންނެވެ،" ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެކޯޕަރޭޝަނުން ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ކޮންޓްރެކްޓަރުންނަށް އެ ކޯޕަރޭޝަނުން ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަމުން އަންނަ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން މަޝްރޫއު ހިންގުމަށްޓަކައި އެ ކޯޕަރޭޝަނުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ވެސް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެހެހ

    ތިހާލުގައި ތިބެ ބަޔަކު ހަދާތަނެއް ކިހާރައްކާތެރިވާނެބާ ، މާދަމާ ތިތަނަށް ވަންނަންތިބީ ދިވެހި ރައްޔިތުން ، ކިހާ އިތުބާރެއް ތި އިމާރާތަށް އެބައޮތް ، ސަރުކަރުގެ ބަހެއް ބޭނުން

  2. ބީރުމީހާ

    ތިޔާ ބައިގަޑަކަށް މަސައްކަތްކުރުވާއިރު ހުކުރުވަގުތެއް ދަންވަރެއް ނޯވޭ ބޭރުކުރޭ