މާލިއްޔަތު ގާނޫނާ ހިލާފަށް އެއްވެސް ދަތުރެއް ކުރައްވާފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

މާރިޔާ އެގޮތަށް ވިދާޅުވީ، މަޖިލިހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހުސެއިން މުހައްމަދު ލަތީފް އެއްސެވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ފަސްޓު ކްލާހުގައި މާރިޔާ އަބޫ ދާބީއަށް ދަތުރުކުރެއްވީ ކީއްވެގެންތޯ އާއި އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން އެއްވެސް އެއްޗެއް އަންގާފައިވޭތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މާރިޔާ ވިދާޅުވީ މާލިއްޔަތު ގާނޫނާ ހިލާފަށް އެއްވެސް ދަތުރެއް ކޮށްފައި ނުވާނެ ކަމަށެވެ.

އަބޫދާބީގެ ދަތުރުގެ ހަރަދާ ގުޅޭ ގޮތުން ނޫސްތަކުން ރިޕޯޓްކުރާ ގޮތަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ ދަތުރުގެ ޓިކެޓް ނަގަނީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާއާ އެއްގޮތަށް މޯލްޑިވިއަން ހޮލިޑޭސްއިން ކަމަށެވެ.

އަދި 2015 އަހަރުން ފެށިގެން ވެސް އޮންނަ ސާކިއުލާގެ އުސޫލުގެ ދަށުން ޓިކެޓް ނަގަން ޖެހޭނީ މޯލްޑިވިއަން ހޮލިޑޭސްއިން ކަމަށް ބުނެފައި އޮންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެ ސާކިއުލާގައި އޮވޭ މިނިސްޓަރުން ދަތުރުކުރަން ޖެހޭނީ ބިޒްނަސް ކްލާސްގައޭ. ކެޓަގަރީތަކަށް ބަހާލައިގެން އެ ކެޓެގަރީގައި ހިމެނޭ ބައެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަޒީރުންވެސް. އެހެންވީމާ އެއާ އެއްގޮތަށް ކަންކަން ކޮށްފައި އޮންނާނީ." މާރިޔާ ވިދާޅުވިއެވެ.

"ދެން އޮންނަނީ މުޅި ދަތުރަށް ލިބޭ 180 ޑޮލަރުގެ ޕޮކެޓް މަނީއެއް. އެކަމަކު އެވެސް ނޫސް މަޖައްލާގައި އޮތީ އެގޮތަކަށް ނޫން. އެހެން ހުރިހާ ހޮސްޕިޓަލިޓީއެއް ވަނީ އެތަނުން ބަލަހައްޓަވާފައި"

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އަޅެ ހަމަ ހައިރާން! ލަންޑަނުން ބޮޑެތި ގޯތި ގަނެފައި އެހުރީ ޗަކޮއި ކިއްލިތަޅައިގެންތަ؟

  2. ފަރުހާދު

    ކަލޭ ނަހަދާނެ ކަމަކަށް ތެދެއް.