ކ. މާފުށި ރަށްވެއްސަކަށް ނުވާ ނަމަ، އެ ރަށު ހިއްކި ބިމުން ގޯތި ލިބުމުގެ ފުރުސަތު ހަނިވާ ގޮތަށް މާފުށީ ކައުންސިލުން އާ އުސޫލެއް ނެރެ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާފުށި ކައިރިން 25 ހެކްޓަރުގެ ބިން ހިއްކައި ކައުންސިލާ ހަވާލު ކުރީ ޑިސެމްބަރު 2021 ގައެވެ. އެ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. މިދިޔަ ޖެނުއަރީ މަހު މާފުށީ ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ފާސް ކުރިއިރު، ހިއްކި ބިމުން 300 އަށް ވުރެ ގިނަ ގޯތި ދޭން ނިންމިއެވެ.

މާފުށި ކައިރިން ހިއްކި ބިމުން 312 ގޯތި ދޫކުރަނީ

ގޯތިތަކަށް ކުރިމަތިލުމަށް މާފުށީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ވެސް ކުރިއެވެ. ނަމަވެސް އެ އިއުލާން ބާތިލްކޮށް އަލުން ވަނީ އެ ރަށުން ގޯތި ދިނުމާ ބެހޭ އުސޫލަށް އިސްލާހު ގެނެސްފައެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު މާފުށީ ކައުންސިލުން ވަނީ އަލުން ހުޅުވާލައިފައެވެ.

އުސޫލަށް އިސްލާހު ގެނެސް އަލުން ކުރި އިއުލާނުގައިވާ ގޮތުން، އެ ރަށުގެ ރަށްވެއްސަކަށް ނުވާ ނަމަ ލިބޭ ޕޮއިންޓް އުނިވާނެއެވެ. އެކަމަކު، ގޯއްޗަށް އެދި ކުރިމަތިލާކަށް އެއްވެސް ހުރަހެއް ނެތެވެ.

ކުރީގައި އުސޫލުގައިވާ ގޮތުން މާފުށީ ނޫން އެހެން ރަށްވެހިންނަށް ވެސް ގޯތި ދޫކުރުގައި ޕޮއިންޓް ލިބޭނީ އެއްވަރަށެވެ.

ކ. މާފުށި

ނަމަވެސް އާ އުސޫލުގައިވާގޮތުން ގޯއްޗައް އެދޭ ފަރާތަކީ މާފުށީ ރަށްވެއްސަކަށް ނުވާނަމަ 30 ޕޮއިންޓު އުނިވާނެއެވެ. އަދި ގޯއްޗައް އެދޭ ފަރާތަކީ 40 އަހަރު ފުރިފައިވާ މީހެއް ނަމަ 20 ޕޮއިންޓް ލިބޭނެ ކަމަށް އުސޫލުގައި ވެއެވެ.

މާފުށީގެ ކައުންސިލް ރައީސް ހަސަން ސޮލާހް "ވަގުތަށް" މިއަދު ވިދާޅުވީ މާފުށިން ގޯތިދޭ އުސޫލަށް ބަދަލު ގެނައި އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. ކުރިން އުސޫލު އޮތް ގޮތުން ނަމަ، މާފުށީގެ ރަށްވެހިންނަށް ގޯތި ލިބުމުގެ އެހާ ބޮޑު ފުރުސަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

- ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުން.

- އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ، އެ ބިން ދޫކޮށްލުން.

- ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުން.

- އެއްމެދު އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ދޫކޮށްލައި ނުވަތަ ހިބައިން ދީފައިވާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވުން.

"ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވޭ އުސޫލު ބަދަލުވާން. އެއީ ރަށްވެހިންނަށް ގޯތި ލިބޭނެ ފަހި ފުރުސަތެއް އޮންނަން ބޭނުންވީ. އެހެންވެ އެ ބަދަލު ގެނައީ،" ސޮލާހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައުންސިލުން ބޭނުން ވަނީ މި ރަށުގައި މީހުން ވަޒަންވެރި ކުރުވަން. އެހެންވީމަ، މި ރަށުގެ ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުސަތު ހޯދައި ދޭން ޖެހެނީ." ސޮލާހް ވިދާޅުވިއެވެ.

ސޮލާހް ވިދާޅުވި ގޮތުގައި މާފުށީގައި އެންމެ ފަހުން ކުރި ދިރާސާ އިން ދައްކާ ގޮތުގައި ބޯހިޔާވަހިކަން ބޭނުންވާ 800 އާއި 1،000 ދެމެދުގެ އަދަދަކަށް މީހުން އެބަތިބިއެވެ.

މާފުށިން ދޫކުރަނީ 2000 އަކަފޫޓްގެ 308 ގޯއްޗެވެ. އެ ގޯތިތަކަށް އެދުމުގެ ފުރުސަތު ކައުންސިލުން ވަނީ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.

ސޮލާހް ވިދާޅުވީ މާފުށި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ކައުންސިލްގެ އެންމެ ބޮޑު އެއް މަގްސަދަކީ އެ ވައުދު ފުއްދޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށް ސޮލާހް ވިދާޅުވިއެވެ.

މާފުއްޓަށް އިތުރު ކުރެވުނު ބިމާއި ޕިކްނިކް އައިލެންޑްގެ މަސައްކަތަށް، ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 128 މިލިއަން ރުފިޔާ ހަރަދު ކުރިއިރު، މި ދެ ބިން ވެސް ވަނީ ކައުންސިލާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާލުފޮޅި

    އެޖެހުނީ ކޮންތާކު… މާލެ ހުޅުމާލެއިން ފުލެޓާ ގޯތި ދޭންވީމަ މާލޭ މީހުންގެ ޝަރުތު ހަމައެއް ނުވެ، ޝަރުތު ހަމަވެގެން ހުރިހާ ތަނަކަށް އަޅާލަނީ ރާއްޖެތެރޭ ބައިގަނޑު.. މިދެން ބޮޑުވެއްޖެ މުސީބާތެއް..

    15
    5
    • ޝެން

      މާލެ ކައިރީގައި އޮންނަ ހުރިހާ ފަޅުތަކަކީ މާލޭ މީހުންގެ ތަންތަނެއް ނޫން. މާލޭގެ ފަޅު ހިއްކައިގެން ގޯތި ދޭނަމަ ހަމަ އެކަނި މާލޭ މީހުނަށް ލިބޭނީ. ހުޅުމާލެ ކިޔަސް އެއީ މާލެ އާއި ބެހޭ ވެސް ތަނެއް ނޫން.

      7
      7
      • ހާލުފޮޅި

        ހުޅުމާލެ ހިއްކީ މާލޭގަ ގޯތިދޭން ޖާގަ ނެތުމުން، މާލޭގެ ތޮއްޖެހުން ކުޑަކުރަން މާލެ މީހުނަށް ބޯހިޔާވަހިކަން ދޭން.. އެއީ ރާއްޖެތެރޭ މީހުން އަރާ ހިއްކި ތަނެއް ނޫން..

        1
        2
  2. ޑޮނާޑް

    މާފުށި ރަށްވެއްސަކާ އިނަސް ތިވަރައް ޕޮއިންޓް އުނިކުރޭ ، ނުކިޔަވާ ތިބޭ މީހުން ތަންތަނަން ލީމަ ވާނެ ގޮތްތީ

    8
    1
  3. ކޮރަލް

    ނަން ވާނީ މާލޭ މީހުންނެވެ .