ރާއްޖެ އިން ކެނެޑާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ރާއްޖެ އިން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ގަފޫރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އަބްދުލް ގަފޫރު އެ މަގާމަށް އައްޔަން ކުރަން ފާސްވީ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

ނޮން ރެސިޑެންޓް ސަފީރަކަށް ގަފޫރު އައްޔަނުކުރެއްވުމުން އެ ގައުމުގައި އޭނާ ހުންނަވަން ޖެހިވަޑައިނުގަންނަވާނެއެވެ.

ރާއްޖެ އިން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އަބްދުލް ގަފޫރު އައްޔަން ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އޭގެ އިތުރުން އޭނާ ވަނީ މެލޭޝިއާއަށާއި ސްރީލަންކާގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

އަދި ފޮރިން މިނިސްޓްރީގައި ވެސް ގިނަ މަގާމުތަކެއް އަބްދުލް ގަފޫރު ފުރުއްވާފައިވެއެވެ.

އަބްދުލް ގަފޫރު ވަނީ 1984 ވަނަ އަހަރު އޮސްޓްޜޭލިއާގެ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން، ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލު ކުރައްވައިފައެވެ.