މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު މާޗު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ މާޗް މަހު 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރުމާއި އެކީ މިއީ 10 އިންސައްތައިގެ ކުރިއެރުމެވެ.

މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭން 228 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ މާޗް މަހު އެކްސްޕޯޓް ކޮށްފައިވަނީ 344 މިލިއަން ރުފިޔާގެ މުދަލެވެ. އެހެން ކަމުން މިއީ 51 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ މަހަށް ބަލާއިރު، ރާއްޖޭން އެންމެ ގިނަ މުދާ އިމްޕޯޓް ކޮށްފައިވަނީ ޔޫއޭއީންނެވެ. މިދިޔަ މަހުގެ އެކްސްޕޯޓަށް ބަލާއިރު، އެންމެ ގިނަ މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑަށެވެ.

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެފައިވާއިރު، މިދިޔަ މަހު ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ބަލާއިރު، މިދިޔަ މަހު 330 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބިފައިވަނީ 320 މިލިއަން ރުފިޔާއެވެ.