ގުޅިފައިވާ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓުގެ ރަނިންގ މޭޓް، ފައިސަލް ނަސީމް، މިއަދު އޭނާގެ އުފަން ރަށް، ފުވައްމުލައް ސިޓީ އަށް ވަޑައިގެންފިއެވެ. އޭނާ ފުވައްމުލަކަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތުގައި، ވައިގެ މަގުންނެވެ.

އޭނާ ވަޑައިގެންނެވި ގަޑީގައި، މަރުޙަބާ ދެންނެވުމަށް، ފުވައްމުލަކުގައި އެމްޑީޕީ އާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެންބަރުން، އެއަރޕޯޓު ސަރަޙައްދަށް ގޮސްފައިވެއެވެ.

އޭގެފަހުން، އޭނާވަނީ އެރަށުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ގޮސް، އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކޮށް، ވާހަކަ ދައްކަވާފައެވެ. އުފަން ރަށުގައި، އަމިއްލަ ބަހުރުވައިން، ރައްޔިތުންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވެފައިވަނީ، ރައްޔިތުންނަށް އަމާނާތްތެރިވާނެކަމުގެ ވައުދު، އޭނާ ވަނީ ޙައްޖު ދުވަހުކަމަށެވެ.

ފައިސަލް ފުވައްމުލަކުގައި- ފޮޓޯ: އެމްޑީޕީ

މީގެއިތުރުންވެސް، ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން، އޭނާވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި، ޕީޕީއެމް އަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، ވަޒީފާ ގެއްލިދާނެކަމުގެ ބިރަށްޓަކައި، ތާއީދު ކުރާ ޕާޓީ ހާމަކުރަން ޖެހިލުންވައި ތިބި ފަރާތްތަކުންވެސް، ނިކުމެ، ރައީސް ޔާމީނާ ދެކޮޅަށް ވޯޓު ދެއްވަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެފަދަ ސަބަބެއްގައި، ވަޒީފާ ގެއްލޭ ކޮންމެ މީހަކަށް، ކޯލިޝަނުން ވެރިކަމަށް އައިސްފިނަމަ ވަޒީފާ ހޯދައިދޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ، އިދިކޮޅު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އަށް ތައުރީފް ކުރައްވާ، ފައިސަލް ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން، އޭނާއަކީ ފަސްބައި ސާފު ބޭފުޅެއްކަމަށް، ފައިސަލް ވިދާޅުވެފައިވެއެވެ.

މީގެކުރިން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ، ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާފައެވެ. އެ ސިޓީ އިން، ޑރ. ޝަހީމަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވެއެވެ.

މި ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ފައިސަލް ކުރައްވާ މި ދަތުރުގައި، ދޮރުން ދޮރަށް ހިންގެވުމާއި، މާދަމާ ރޭ އެ ސިޓީގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހުމަދު

    ކާށިދޫދާއިރާމެމްބަރު ފުވައްމުލަކުން ތާއީދުއެބަ އޮތޯ.

  2. ނުޒުފާ

    އަރަފާތް ދުވަހު މެންދުރު ނަމާދު ވަގުތު ދެޖިންސުގެ މީހުން މަސްހުނިވެ ސަކަރާތް ޖެހުމަކީ ހުއްދަކަމެއް ކަމުގައި އަދާލަތުން ބަލައިގަނެ، އެކަން ޕްރޮމޯޓް ކުރަނީތޯ؟ މިއަދު މިކަމަކީ މިދުވަހުގެ ހުރުމަތްކަނޑާލުންކަމަށް އަދާލަތުގެ އެއްވެސް ޢިލްމުވެރިއަކަށް ބުނަން ނުކެރުމުން އިނގެނީ އަދާލަތު ވިކިފައިވާ މިންވަރު. ޙައްޤު ބަސް ބުނަން ފަސް ޖެހެނީ ކީއްވެގެންތޯ؟