ހަށިގަނޑުގެ ތެރޭގައި ރަން ފޮރުވައިގެން، ރާއްޖެއަށް އެތެރެވި އިންޑިއާ މީހަކު 60،000ރ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާގެ މައްޗަށް ކުރުރެވެނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރި ކަމުގެ ތުހުމަތެވެ. އެގޮތުން މި މަހުގެ މާރިޗް މަހުގެ 17 ވަނަ ދުވަހު އޭނާ ވިޒް އެއާރގެ ފްލައިޓެއްގައި ރާއްޖެ އައިއިރު، އޭނާގެ އަމަލުތައް ހުރެގެން އޭނާގެ ލަގެޖް ބަލާ ފާސް ކުރިއެވެ. އަދި އޭގެ ތެރެއިން މީގެ ކުރިން އޭނާ އިންޑިއާއަށް ރަން އެތެރެ ކުރި ކަމުގެ ތުހުމަތު ކުރެވުނު މައްސަލައެއްގައި އެގައުމުގެ ކަސްޓަމްސް އިން އޭނާއަށް ދޫކޮށްފައިވާ ލިޔުމެއް ފެނުމާއެކު، އިތުރަށް އޭނާ ބަލާ ފާސް ކުރުމަށް، ކަސްޓަމްސްގެ ސެޕެޝަލް އޮޕަރޭޝަންސް އިން އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައެވެ.

އެ ހޮސްޕިޓަލުން އޭނާގެ ސީޓީ ސްކޭން ހަދައި ބެލިއިރު، ހަށިގަނޑުގެ އެތެރޭގައި ދެ "ފޮރިން ބޮޑީސް" އޮތްއިރު، އޭނާގެ ހަށިގަނޑުން އެތަކެތި ބޭރުވަންދެން ބެހެއްޓިއެވެ. އަދި އޭނާ ބޮޑުކަމުދިޔައިރު، ބޭރުވި ދެ ބުލެޓްގެ ބަރުދަން ބެލިއިރު، އޭގައި 361 ގްރޭމް ހުރި ކަމަށް ބުނެފައި ވެއެވެ.

މިއާއެކު އޭނާގެ މައްޗަށް ވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރި ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި އެ ރަން ދައުލަތަށް ނަގާ ދިނުމަށް ކޯޓުގައި ދައުލަތުން އެދުނެވެ.

އެ މައްސަލައިގައި އޭނާއާ ދައުލަތުން އެއްބަސްވުމެއް ހަދާފައި ވެއެވެ. އެގޮތުން އެ އެއްބަސްވުމުގައިވާގޮތުން އޭނާ ޖަލު އަދަބަކުން ސަލާމަތްވާއިރު، ކޯޓުންވެސް ވަނީ އެ އެއްބަސްވުން ބަލައިގަންނަން ނިންމާފައެވެ. އެގޮތުން އޭނާގެ މައްޗަށް އަންނަން އޮތް 6 މަހާއި ދެ އަހަރާއި ދެމެދުގެ ޖަލު ހުކުމުން ސަލާމަތްވެ، ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް 60،000ރ ދައްކަން އޭނާގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.

އަދި އޭނާގެ ހަށިގަނޑުން ނެގި ދެ ބުލެޓް ރަން ކަސްޓަމަސް އަށް ނެގުމަށްވެސް އަމުރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ގިނަގިނައިން ތިޔަކަހަލަ މީހުން އެތެރެކުރޭ.

  2. Anonymous

    ރަން އެތެރެކުރެވޭނެ ގޮތްވެސް ލިޔުމުގަ ހިމަނާލިނަމަ،

    • ައަހުމަދު

      އެހެނިހެން މުދާވެސް އެތެރެ ކުރާފަދައިން ކަސްޓަމްސް ފޯރމް ފުރައިގެން އިމްޕޯރޓް ޑިއުޓީ ދެއްކުމަށްފަހު