ފަނޑިޔާރުން މަގާމުން ވަކިކުރަން ބޭނުންވާ ރައްޔިތުން މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ވެރިކަން ކުރާ އެމްޑީޕީއަށް ގެއްލިއްޖެ ކަމަށާއި އެހެންކަމުން ޖެހިލުންނުވެ ފަނޑިޔާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ގާއިމު ކޮށްދެއްވުމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެދިވަޑައިގެންފިއެވެ.

ތޯރިގު ކުރި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުން ވަކިކުރަން ބޭނުންވާ މަޖްލިސްގެ ތިންބައިކުޅަ ދެބައި ބައި ނުވަތަ 58 މެމްބަރުންގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލިއްޖެ ކަމަށާއި ރައީސް ޔާމިންގެ މައްސަލަތައް ބައްލަވާ ފަނޑިޔާރުން ނުފޫޒުން އެއްކިބާވެ ޝަރީއަތް ކުރިއަށް ގެންދަވަންވީ ކަމަށެވެ. މި ވެރިކަން މި ނިމެނީ ކަމަށް ވެސް ތޯރިގުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ ސްޕަ މެޖޯރިޓީ ސަރުކާރަށް ގެއްލުނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އިއްޔެ އެމްޑީޕީން އިސްތިއުފާ ދިނުމުންނެވެ. އިއްޔެ އެމްޑީޕީގެ 12 މަޖިލިސް މެންބަރަކު ވަނީ އެމްޑީޕީން އިސްތިއުފާ ދީފައެވެ. އެހެންކަމުން ދެން މަޖިލީހުގައި ތިއްބަވާނީ އެމްޑީޕީގެ 54 މެންބަރުންނެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ފަނޑިޔާރަކު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ސްޕަ މެޖޯރިޓީ އެމްޑީޕީން ހޯދުމަށްފަހު ވަރަށް ގިނަ ފަނޑިޔާރުން ވަނީ މަގާމުން ދުރުކޮށްފައެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި ސުޕްރީމް ކޯޓަށް މުޅިން އަލަށް ހަތް ފަނޑިޔާރުން އައްޔަންކޮށް، ހައިކޯޓަށް ވެސް ކުރިން ތިބި ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުން ފިޔަވައި އެހެން ހުރިހާ ފަނޑިޔާރުން ވަނީ ބަދަލު ކޮށްފައެވެ.

ގިނަ ފަނޑިޔާރުން މަގާމުތަކުން ދުރުކުރީ ސަރުކާރުގެ ވިސްނުމާއި އެއްގޮތައް މަސައްކަތް ނުކުރައްވާތީ ކަމަށް އެފަނޑިޔާރުން ތުހުމަތު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބްރާހީމް

    ތިއީ. ކަނޑަ އެޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ވާހަކައެއް.

  2. ރަޙްމަތު

    ފަނޑިޔާރު ގެތަކުގެ މިނިވަންކަން ރައްކާކުރަން އެދޭނަމަ ސިޔާސީ ފަރާތްތަކުގެ މެޖޯރިރީ ނެތްގޮތަކަށް ޖޭ.އެސް.ސީ އިޞްލާޙް ކުރަންޖެހެއެވެ. އޭރުން ތާތާކުން ތާކު ނުޖެހޭ ގޮތަށް ފަނޑިޔާރުން ސުލޫކު ނުވާނެއެވެ. އެއްވެސް ސަރުކާރަކުން ޖޭ.އެސް.ސީ މިނިވަންކުރަން އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާކަމަކަށް މިހާރު ގިނަބަޔަކު ބުނާތީ އިވެއެވެ.

  3. ޕިސްޕިސް

    އާން . . ތަނެއް ދޮރެއް ނުބަލާ ޔާމިނު މިނިވަންވޭތޯބަލާ . . އޭރު ބާރު އޮތީމަ މަޖްލިސް އަށް ނުފޫޒް ފޯރުވައިގެން ގާނޫނު ބަދަލްކޮށްގެން އަދީބު ނައިބްރައީސް އަކަށްވެސް ހެދީދޯ . . މުޅިން ތިފާޑަށޭ ޕިންކިޝްތަށް ތިއުޅެނީ

    • ހަސަނުގެ ދަރި ލަތީފް

      ހަމައެކަނި ބާރު އޮވެގެން ނޫން އެމްޑީޕީގެ މެމްބަރުންތައް ރިޝްވަތު ހިފާފަ ނައިބު ރައީސްގެ އުމުރު ހަގު ކުރަން ވޯޓްދިނީ އެމީހުންގެ ވޯޓާ ނުލާ އެކަން ނުވީސް

    • ވާގޮނުސްކޮ

      މިއަދު ވެސް ތިފެންނަނީ ޕިންކީސް ތެޅުނު ވައްތަރު. ޔެލޯސްތެޅުނުއަދިމިހާރުތެޅެމުންދާވައްތަރު ނުފެނޭ. ތިފެންނަނީ އެއްލޮލައް. ދެލޮލުން ބަލާފަ ދެލޮލައްވެސް ފެނިބަލަ.!!!