ގދ. ތިނަދޫގައި ހުރި ފިހާރައަކުން ދެ ޓީޝާޓް ވަގަށް ނެގި ދިވެއްސަކު 22،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ކުރީ ގދ. ތިނަދޫ، އާލަކްސް، އަޝްރަފް މުހައްމަދުގެ މައްޗަށެވެ.

އަޝްރަފްގެ މައްޗަށް މި ދައުވާ ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހުގެރޭ 22:30 ހާއިރު ތިނަދޫ ރަށު ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައި ފާސް ކުރިއިރު، އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ދެ ޓީޝާޓް ފެނުނު މައްސަލައިގައެވެ.

އެ ދެ ޓީޝާޓަކީ ތިނަދޫގައި ހުންނަ "އައިކިއުޓް" ފިހާރަ އިން ވަގަށް ނަގާފައިވާ ދެ ޓީޝާޓެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އަޝްރަފް ވަނީ ކުށަށް އިއުތިރާފްވެފައެވެ.

ޝަރީއަތުގެ މަޖިލިހުގައި އަޝްރަފް ބުނެފައި ވަނީ ޖަލު އަދަބެއްގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި ދިނުމަށެވެ. އަދި ޖޫރިމަނާއެއް ކަނޑައަޅައިފި ނަމަ، އެ ފައިސާ ދެއްކޭނެ ކަމަށާއި އޭނާއަކީ މަސްވެރިއެއްގެ އިތުރުން ޑައިވް ކުރާ މީހެއް ކަމަށް ވެސް ޝަރީއަތުގެ މަޖިލިހުގައި އަޝްރަފް ބުނެފައިވެއެވެ.

އަޝްރަފްގެ މައްޗަށް ޖޫރިމަނާގެ ހުކުމެއް އައީ، މި ދައުވާގެ އިބްތިދާއީ މަރުހަލާގައި އާއި އަވަސް ނިޔާގެ ޝަރީއަތުގައި ކުށަށް އިއުތިރާފްވެފައިވާތީއެވެ. އެހެން ނޫން ނަމަ، ގާނޫނުލްއުގޫބާތުގެ ދަށުން އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައީހެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބް އިއްވެވި ހުކުމްގައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން އަޝްރަފްގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބު 22،000ރ އިން ޖޫރިމަނާކޮށް މި ފައިސާ ހަތަރު މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު

    ވައްކަންކޮއްގެން އެއް ރުފިޔާ ނެގުމަކީވެސް ބޮޑުކަމެއް!

  2. Anonymous

    މިހާރު ސަރުކާރު ބޭނުންވަނީ ލާރި.

  3. ހުސޭނުބޭ

    މުސްކުޅިން ބުނޭ ދޯ ކާއްޓެއް ކާއިރު ކުޑަ ކާއްޓެއް ނުކާށޭ. ވިހި ތިރީސް މިލިއަން ރުފިޔާ ވަގަށްނެގިނަމަ މިހާރަކު އަދަބެއް ނުލިބޭ. ފާސްވަނީ އެވަރަށް ބޮޑުކޮށް ވަގަށްނެގީމާ.

  4. އެކަލޯ

    ރަގަޅު ޓީޝާޓެއް އެންމެ 11000 ރުފިޔާއަށް