މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ގޯތި ދޭން ނިންމާފައިވާ އިރު، ކުރިން ބުނި ގޮތަށް އެ ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މަހު ނެރޭނެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭ މީހުންނަށް ދޭ ގޯއްޗާ ގުޅޭ ގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އާޒިމްގެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އެ ލިސްޓު ޖޫން މަހު ނެރޭނެ ކަމަށެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވުމުން ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މީގެ ކުރިންވެސް އެ ލިސްޓު ނެރޭނެ ކަމަށް މިނިސްޓަރު މަޖިލީހުގައި އެތައް ތާރީހެއް ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ޖޫން މަހު އެކަން ކުރާ ގޮތާއި އޭގެ ތަފްސީލު ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. އަދި ގޯތި ދޭން ބިން އެބައޮތްތޯ ވެސް ސުވާލުކުރެއްވިއެވެ.

"އަޅުގަނޑު ދަންނާވާފާނަން. އެންމެ ފަހުން އައި ދުވަހު ވެސް އަޅުގަނޑާ މި ސުވާލު ކުރެވުނު. [ވިދާޅުވިން] ޖޫން މަހުގައޭ އެކަން ކުރާނީ. އެހެންވީމާ ޖޫން މަސް އެއީ. އިތުރު ތާރީހެއް އަޅުގަނޑު ނުދެން.". ރައީސް ނަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ 5،000 ގޯތި ދޫކުރަން ނިންމައިފައެވެ.

އެ މަޝްރޫއުގެ ދަށުން ތިން ސައިޒެއްގެ ގޯތި ދޫކުރާނެއެވެ. އޭގެ ތެރެއިން އެންމެ ކުޑަ ސައިޒެއްގެ ގޮތުގައި 1250 އަކަފޫޓު ހުންނައިރު އެންމެ ބޮޑު ސައިޒެއްގެ ގޮތުގައި ދޫކުރަނީ 4000 އަކަފޫޓުގެ ގޯއްޗެވެ.

އެ ގޯތިތަކަށް 15،164 މީހުން ކުރިމަތިލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ގޯތި ދިނީ ކުލި ދެއްކުން ހުއްޓާލީ..

  2. ނަމަ

    ޖޫންމަހު މިނިސްޓަރު ގެއިން ބޭރައް ނުނެރެފިއްޔާ ވެދާނެ

  3. ނިއުމާ

    ވައުދު ވި ގޮތައް އިނކަނޑާ ދޭންވީ . ކޮންލިސްޓެއްގެ ވާހަކަ މިހާރުތުދައްކަންފެށީ .
    ތަކުރާރުކޮއް ޖެހިޖެހިގެނ 3 ފަހަރު އެހިޔަސް ބުނެފާނެ ޑިސެންބަރޭ .
    މީ ކީކޭ ކިޔާމީހެއްތަ އަޅެފަހެ ، މީހަކު މޮޔައެއްނުވާނެތަ .
    ތިޔަބުނާ ބިން ދޭ ވާހަކަ ދައްކާތާ މިހާރު 5 އަހަރުވިއްޔޭ . އިނގިލައްވާތޯ އެކަން . ދެން ބާކީ ވެރިކަމުގަ އޮތީ އެއްމަސް . 5 ަހަރު ދުވަސްނިމުންއިރު ވީ ވައުދު 1 މަސްތެރޭ ތަ ވާންމިއުޅެނީ . ވެރިކަމައް އާދެވޭނީ މީހުންގެ ލޯޔްބާ އިހުތިރާމް ލިބިގެން . ކޮންމެހެން ވިޔަފާރިއުސޫލުން ވޯޓާދިމާކޮއް ގޯތި ދޭން ސަރުތުކުރާ ފާޑަކައްނޫން .

  4. މާލެ

    މިކހަލަ ޒަމާނެެއްގަ ގޯތި ދިނުމުގެ ވިސް ނުން ހުންނާތީ ހަމަ ހައިރާން.ގައުމަށް ދުރުވިސްނުން ހުންނަމީހުން ބޭނުން.

  5. ޙަސަން

    ކޮބާތަ މެއިމަހު އިޢުލާނަމޭ ބުނި ފްލެޓްލިބޭ މީހުންގެ ލިސްޓް،
    ފުރަތަމަ ބުނީ މާރޗްގަ އިޢުލާނު ކުރާނަމޭ، ދެނަ ބުނީ މެއިގަ ލިސްޓް އިޢުލާން ކުރާނަމޭ،
    މިހާރު ތިބުނަނީ ޖޫންގައޭ،
    ތިކަމެއް ނުވާނެ އަސްލަމްމެންނަކަށް،