ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ޗެނަލް 13 އަށް ބިރު ދައްކާ އިންޒާރުދި ހަދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 20 މެމްބަރުން ނެވެ. ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ.

އެހެންކަމުން އެ މައްސަލަ ބަލައިގަނެ ބަހުސްކުރާކަަށް ފާހެއް ނުވިއެވެ.

ޗެނަލް 13އާ ގުޅޭ ކުއްލި މައްސަލައެއް ޝިޔާމް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "ޗޯރަށް" ގޮވި ކަމަށް ބުނެ އެޗެނަލްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފެށުމުންނެވެ.

ބްރޯޑްކޮމްއިން ޗެނަލް 13 ގެ މޭނެޖިން ޑިރެކްޓަރ، އަހުމަދު ނާސިފަށް ފޮނުވި ސިޓީގައި ވަނީ އެ ޗެނަލުން މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 20:52 އިން 21:02 އަށް ބްރޯޑްކާސްޓް ކުރި ލަވަތައް ކަމަށްވާ ("ކަނޑުފޭރޭ ޗޯރު، "ފެލާލައިފި" އަދި ލުޓޭރު އިބުރޭ") ގައި ހިމެނޭ ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ހިލާފުވާ މަންޒަރާއި އަޑު ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ޝިޔާމް މިއަދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ,މިނިވަންކަމާއެކު ފިކުރުކުރުމާއ،ި އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއ،ި ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް އޮތީ ދީފައި ކަމަށެވެ.

ހަމަ އެހެންމެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަންކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއ،ި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއ،ި ހިޔާލުތައް ފާޅުކުރުމާއ،ި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ފުރިހަމައަށް ދިވެހިންނަށް އޮތީ ގާނޫނު އަސާސީން ފޯރުކޮށްދީފައި ކަމަށެވެ.

އެެހެންކަމުން ސަރުކާރުން ޕުރެޝަރުކޮށްގެން ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ގާނޫނު އަސާސީއާއ،ި އަސާސީ ހައްގުތަކާއި ޑިމޮކްރެޓިކް އަގުކުރުންތަކާއ،ި ވެރިކަން ހިންގުމުގެ ރަނގަޅު އުސޫލުތައްކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާ މިންގަނޑުތަކާއ،ި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އެމައްޗަށް ބިނާކުރާނެކަމަށް ބުނި އުސޫލުތަކާއި އަސާސްތަކާއި ހިލާފަށް މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވައިގެން ޗެނަލް 13 އަށް ބިރުދެއްކުމާއި އިންޒާރުދިނުމަކީ ދަށު ދަރަޖައިގެ
އަމަލެއް ކަމަށް ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

އަދި އެ އަމަލު ކުށްވެރިކޮށ،ް މުސްތަގިއްލުކަމާއެކު ވަކި ބައެއްގެ ނުފޫޒަށް ތަބާނުވެ މަސައްކަތްކުރުމަށް
ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވައިލުމާއެކ،ު ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ބިރުދެއްކުމާއި އިންޒާރުދިނުން ހުއްޓައިލުމަށް ސަރުކާރަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ޝިޔާމް ގޮވާލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންކަލޭފާނު

    ތިޔަ ޗެނަލް 13އަކީ މިހާރުންމިހާރަށް އުވާލާ ވުޖޫދުން ފޮހެލަން ޖެހޭ ތަނެއް. ހުރިގޮތަށް ހުރި ފިތުނައެއް. ނިކަން މިކޮމެންޓް ޖަހާލަބަލަ. ވަގުތު ނޫހަކީ ޗެނަލް 13ގެ ޕަޕެޓެއް.

    6
    5
  2. ޢިޔާބު

    ކޮބާ ނުފެންނަ ކަމަށް ވޯޓްދިން މީހުންނަކީ

    1
    1
  3. އިސްޢާފް ސަލީމް

    ޗެނަލް 13 ފިތުނަ ޓީވީއަކަށް ވަނީ މިސަރުކާރުން ކުރާ ވައްކަންތަކާ ، ޤަވްމުގެ ބެއިތިލްމާލް ސަރުކާރުން ލޫޓުވާގޮތް ހެއްކާއެކު ހާމަކުރާތީހެއްޔެވެ؟ ނުވަތަ ސަރުކާރު މެދުވެރިވެ ޤަވްމު އަޅުވެތިކުރުމާ އިސްލާމްދީނަށް ކުރާ ފުރައްސާރަތައް ބިރެއްނެތި ހާމަކުރާތީހެއްޔެވެ؟ ޔާމީންގެ ވެރިކަމުގައި ރ ޓީވީން ޔާމީނަށާ ސަރުކާރަށް ކުރި ފުރައްސާރަތަކާ ޢަބުރަށް އެރި އެރުން އެއީ ކމަކަށް ނުވަނީހެއްޔެވެ؟