ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ މި މުބާރާތް ކުރިއަށްދާނީ ސޯޝަލް މީޑިއާގައި މިއަދުން ފެށިގެން ޖޫން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ މުބާރާތުގައި ބޭނުންކުރާ ޝިއާރަކީ "އަހަރެން ދެކެން ބޭނުންވާ ދުންފަތުގެ ދުމުން ރައްކާތެރި ރާއްޖެ" ކަމަށާއި ޕޯސްޓަރުތައް ހުށަހަޅާނީ އެޗްޕީއޭގެ ސޯޝަލް މީޑިއާ ފޭޖަށް މެސެޖަކުން ކަމަށް އިއުލާނުގައި ވެއެވެ.

ފޭސްބުކްން އަދި އިންސްޓަގްރާމް މެދުވެރިކޮށް ހުށަހެޅޭ ޕޯސްޓަރުތަކުގެ ތެރެއިން ފަސް ޕޯސްޓަރު ޖަޖުންގެ ޕެނަލްއަކުން ހޮވާނެ ކަމަށާއި އެ ޕޯސްޓަރުގެ ތެރެއިން އެންމެ ގިނަ ލައިކް ލިބޭ ތިން ޕޯސްޓަރު އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭނެއެވެ. ވަނަތަކަށް ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމެއް ދޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ވަނަ ލިބޭ ޕޯސްޓަރުތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އެމީހެއްގެ ނަމާއެކު ޝާއިއު ކުރާނެ ކަމަށް އެ އޭޖެންސީއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން ބުނީ މުބާރާތައް ހުށަހަޅަންވާނީ އަމިއްލައަށް ކުރަހާފައިވާ އެއްޗެއް ކަމަށެވެ. އެހެން މީހަކު ކުރަހާފައިވާ ކުރެހުމެއްކަން އެނގިއްޖެނަމަ އެ ހުށަހެޅުމެއް ވަގުތުން މުބާރާތުން އުނި ކުރެވޭނެއެވެ.

މުބާރާތުގައި ބައިވެރިވެވޭނެ އުމުރު ފުރާއަކީ:

  • 7 އަހަރާއި 12 އަހަރާއި ދެމެދު
  • 12 އަހަރާއި 18 އަހަރާ ދެމެދު
  • 18 އަހަރާއި 25 އަހަރާ ދެމެދު

އެޗްޕީއޭއިން ބުނީ މުބާރާތަށް ހުށަހަޅާ ޕޯސްޓަރުތައް ވާންޖެހޭނީ ރާއްޖޭގެ ދީނާއި އާދަކާދައާއި ހިލާފުނުވާ ކުރެހުމާއި މައުލޫމާތު ލިބޭފަދަ ޕޯސްޓަރަކަށް ކަމަށެވެ. އެ ޕޯސްޓަރުތަކުގައި އެއްވެސް ކުންފުންޏެއް ރަމްޒުކޮށްދޭ ނިޝާނެއް ހުރެގެން ނުވާނެއެވެ.

މުބާރާތަށް ބައިވެރިން ހުށަހަޅާ ހުށަހެޅުމެއްގެ ސަބަބުން ދިމާވާ ގާނޫނީ މައްސަލައަކަށް އެޗްޕީއޭއިން ޒިންމާ ނުވާނެ ކަމަށް ވެސް އެ އޭޖެންސީއިން ބުނެ އެވެ.