ތ.ވޭމަންޑޫ އާއި ތ.ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫއު ނުފެށި ހުއްޓިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މިއަދު މަޖިލީހުގެ އިދާރާއަށް ފޮނުއްވި ސިޓީއަކުންނެވެ.

ރިޔާޒް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މަޝްރޫއަކީ މި ސަރުކާރުގެ ވައުދެއް ނަމަވެސް، މި ވެރިކަމުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވީ އިރުވެސް އެ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ.

ނަމަވެސް މި މަޝްރޫއަކީ 2019 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުގައި ހިމެނި ބަޖެޓުކުރެވިފައިވާ މަޝްރޫއެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

2019 ވަނަ އަހަރުގެ ތެރޭގައި، މި މަޝްރޫއަށް އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކުރެވިފައިވެއެވެ. އެހެން ނަމަވެސް، މަޝްރޫއު ނުފެށި ލަސްވެގެން ގޮސް، 2023 ވަނަ އަހަރުގެ ޖޫން މަހު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ފަހުން ހާމަކޮށްފައި ވެއެވެ. އަދި މަޖިލީހުގައި މިއަހަރުގެ އޭޕްރީލް މަހު ޕްލޭނިންގ މިނިސްޓަރު މި މަޝްރޫއާމެދު ދެއްވި އުންމީދާ ޔަގީންކަމުގެ ވާހަކަ ރިޔާޒްގެ ސިޓީގައި ވެއެވެ.

މިނިސްޓަރު މަޖިލީހުގައި ވިދާޅުވެފައިވަނީ މި އަހަރުގެ ސެކަންޑް ކުއާޓާ ނިމުމުގެ ކުރިން އެ މަސައްކަތް ޓެންޑަރަށް ހުޅުވައިލުމަށް ޓާގެޓް ކޮށްގެން މިއަހަރު ފެށުނީއްސުރެން މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރު ޢަމަލީ މަސައްކަތް ފެށުމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރިޔާޒް ވިދާޅުވެފައިވަނީ ވޭމަންޑޫ އާއި ކިނބިދޫ ގުޅާލާ ކޯޒްވޭ އަކީ އެ ދެރަށުގެ ތަރައްގީއާ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ މުހިއްމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވާތީ، އެ ދެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމާ، ޝަކުވާ އިންތިހާއަށް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެ މަޝްރޫއާމެދު ސަރުކާރުގެ ބަހާ އަމަލާ ދިމާނުވެ، މަޝްރޫއު ހުއްޓިފައިވާތީ، އެމައްސަލަ ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހެޅުއްވީކަމުގައި އެ ސިޓީގައި ރިޔާޒް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޔަ

    ބަލަގަ ހިންނަވަރު އިބުރާހީމްގެ ުހރިހައި ވަޢުދުތަކެއް ފުއްދާފިކަމަށް ފ އަތޮޅަށް ކުރި ދަތުރުގައި ބުނެފައިވޭ! ދެން އިތުރަކަށް ނުޖެހޭނު ފުއްދާކަށް. ކެކެކެކެކެކެ