އައްޑޫގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުރުގެ ތެރެއިން ބިން ހިއްކުން އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް ފަށަން ތައްޔާރުވެފައިވާ ކަމަށް އައްޑޫސިޓީ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއަކީ އައްޑޫގެ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެ ސިޓީގެ އެކި ދިމަ ދިމާލުން ބިން ހިއްކުމެވެ. މި ބޮޑު މަޝްރޫއުގައި ހިމެނެނީ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރިސޯޓު ހަދަން މުޅިން އާ ރަށްތަކެއް ހެދުމެވެ. މި މަޝްރޫއުގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މޭޔަރު އަލި ނިޒާރު މިއަދު "ވަގުތު" އަށް ވިދާޅުވީ، މީގެ ކުރިން އޮތީ ބިން ހިއްކާ ޖައްރާފު އައްޑޫއަށް އައުމާއި އެކީ މަސައްކަތް ފެށުން ކަމަށާއި ނަމަވެސް މިހާރު ޝެޑިއުލްއަށް އައި ބަދަލާއި އެކީ ބިން ހިއްކުން ރަސްމީކޮށް ފަށާނީ ހޮނިހިރު ދުވަހު ކަމަށެވެ.

"ރައީސް ސޯލިހް އައްޑޫއަށް ވަޑައިގެން ރަސްމީކޮށް ފެށުމަށް މިހާރު ތައްޔާރު ވެފައި އޮތީ. ބިން ހިއްކުން ފަށާނީ މަރަދޫއިން" ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ދަށުން 194 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައިވާއިރު، އޭގެ ތެރެއިން 90 ހެކްޓަރު ހިއްކަނީ ހިތަދޫންނެވެ. އެއީ ހިތަދޫގެ އެތެރެއަށްވާ ގޮތަށް 50 ހެކްޓަރާއި ހިތަދޫ ސަރަހައްދީ ބަނދަރުން ފެށިގެން މައި ބަނދަރާއި ހަމައަށް 40 ހެކްޓަރުގެ ބިމެވެ.

ހިތަދޫގެ އިތުރުން މަރަދޫ ފޭދޫން 76 ހެކްޓަރުގެ ބިން، ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށެއްގެ އިތުރުން ލިންކް ރޯޑު ހަދަން 3.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ ނެދަލޭންޑް ވެން އޫޑް ކުންފުނިންނެވެ. ބިން ހިއްކުމުގެ މަޝްރޫއު ހިންގުމަށް ވެލި ނަގާނީ ދެ ސަރަހައްދަކުން ކަމަށް ވެން އޫޑް އިން ބުންޏެވެ. އެކަމަކު، ވެލި ނަގާނީ ސީދާ ކޮން ސަރަހައްދަކުން ކަމެއް ބުނެފައެއް ނުވެއެވެ. މި މަޝްރޫއު 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ވެން އޫޑް ކުންފުނިން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝެއިޚް އަޖުމަލް.

    ރ.ޔާމިން ފޭދޫގެ ބިންހިއްކީ 60 ދުވަހުން، 18 މަސް ދޯ. ވޯޓަށް ނުލިބޭނެ، ކަނޑާލާ ގެޔަށް.

    3
    0
  2. އައްޔަ

    ވޯޓުލާން 4 މަސްދުވަހަށް ވީމަ ކުއްލިއަކަށް އައްޑޫމަތިން ހަދާންވެ ބޮޑެތި ޑްރެޖަރުތައް ގެންގޮސް ހިންނަވަރު އިބްރާހީމް މިޖަހަނީ ކޮން ސަކަރާތެއް! ހަތަރު އަހަރާއި ބައި ފާއިތުވެދިޔައިރުވެސް ޑްރެޖަރުގަނޑުމަތިން ހަދާންނުވީދޯ!

    4
    2
  3. Anonymous

    އައްޑޫގައި ކޮންމެ ސަރުކާރަކުން ވެސް ބިން ހިއްކާ ނިކަން ބުނެބަލަ އާދައިގެ ރައްޔިތަކަށް އެއިން ބިންކޮޅެއް ލިބުނިތޯ ؟ މުޅިންވެސް ބިންލިބެނީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުންނަށް !

    3
    1
  4. Anonymous

    އައްޑޫ ދަރިންގެ ދަރިންގެ ބޮލުގައި އަޅުވާ ރިބާގެ ދަރަނި !

    3
    1
  5. ހގފދ

    5 އަހަރުވީ ލަވައި ފެށުމުގެ ކުރިން އަންނަ ހަރުމުނިޔާގެ އަޑު ނޫސްތަކުން އިވޭތާ. ހޮނިހިރުދުވަހު ލަވަފަށަން ތިކިޔަނީ. ލަވަފެށުމާއެކު ހެޑަށް އޮޅި ހުއްޓިފަދެން ހުންނާނީ.