ސިޔާސީ ބައެއް "ލީޑަރުން" ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހަދާފައި މައިދާނުން ފިލައިގެން ދިއުން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަތަަކށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްދު ދެއްވައިފިއެވެ.

ވައްޑެ މިގޮތަށް ރައްދު ދެއްވާފައި ވަނީ ޗާގޯސް އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ އާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް އިމްރާން މިއަދު ހެނދުނު ކުރި ޓްވީޓަކާއި ގުޅިިގެންނެވެ.

އެ ޓްވީޓްގައި އިމްރާން ވިިދާޅުވީ، ސިޔާސީ ބައެއް "ލީޑަރުން" ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހަދާފައި މައިދާނުން ފިލައިގެން ދިއުން ކަމަށެވެ.

"ކުއްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ. ކޮންމެ ފިކުރަކަށް ނިސްބަތްވިޔަސް އެއްވެސް ރައްޔިތަކު މިގޮތައް ވިޔަނުދެއްވާ." އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ އެ ޓްވީޓާއި ގުޅިގެން ވައްޑެ ވިދާޅުވީ، މޭޑޭގައި ވާހަަކަތައް ނިކަން ބާރަށް ގޮވާފައި މުޒާހަރާ ހޫނުވުމުން ދޫކޮށް ފިއްލެވީ އިމްރާން ކަމަށެވެ.

"ވެރިކަމަށް އާދެވުނުން "އޮހޮރުނު ލޭ"ގެ މައްސަލަ ހަނދާން ނައްތާލެވީވެސް ތިޔަބޭފުޅާ". އިމްރާންގެ ކުރީގެ ވީޑިއޯއެއް ހިއްސާ ކުރައްވަމުން ވައްޑެ ވިދާޅުވިއެވެ.

ވައްޑެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މެއި 01 ވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާއަށެވެ.

މޭޑޭ މުޒާހަރާ އާއި ގުޅިގެން މިނިސްޓަރު އިމްރާން އަށް ޖަލު ހުކުމެއް އިއްވިއެވެ. ވެރިކަން ބަދަލުވުމުން އެހުމް ވަނީ ބާތިލް ކޮށްފައެވެ.

މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީގެ މަރާއި ރައީސް ޔާމީނާއި، އަދި އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އާދީބާއި ގުޅޭ ލިޔުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ ލިޔުންތަކެއް ވެސް ދައްކާފައެވެ. ފަހުން އެނގުނު ގޮތުގައި އިމްރާން އެދުވަހު ދެއްކީ ހަވީރު ނޫހުގެ ވެބް ޕޭޖްތަކެއްގެ ޕްރިންޓްތަކެކެވެ.

އެލިޔުންތަކާއި ގުޅޭ ގޮތުން ވެސް އިމްރާން ވަނީ އެތައް ފަހަރަކު ދޮގު ހަދާފައެވެ.