އެސްޓީއޯގެ ދަށުން ހިންގާ ރާއްޖޭގެ ޝިޕިން ލައިން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އިތުރު ބޯޓެއް އަންނަ މަހު ރާއްޖެ ގެނެސް ދެކުނުގައި ދަތުރުތައް ފަށަން ނިންމައިފިއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މަރަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން "ދުނިޔެ ހުއްޓުނު ވަގުތު" އަލަށް އުފެއްދި ސަރުކާރުގެ އާގުބޯޓު ކުންފުނި "ދުއްވައިގަތް" ކަމަށެވެ. އެ ކުންފުނި ސުމަކުން ފެށި ނަމަވެސް މިއަދު އެ ކުންފުނީގައި ތިން ބޯޓު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ވަރަށް އަވަހަށް އިތުރު ބޯޓެއް އެ ކުންފުނިން ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސުމަކުން ފެށި ނަމަވެސް، މިއަދު އެ ކުންފުނީގައި އަމިއްލަ ތިން އާގުބޯޓު އެބައޮތް. އިތުރު ބޯޓެއް، އަންނަ ޖުލައި މަހު އެ ކުންފުންޏަށް އިތުރުވާނެ. މިއީ ސީދާ އައްޑޫ ސިޓީގެ ސަރަޙައްދީ ބަނދަރަށް ދަތުރުކުރާނެ ބޯޓެއް. މި ބަނދަރުތަކުގެ ސޭލާތައް ހިންގުމަށް ބާރުދެނީ، މި ދެންނެވި އާގުބޯޓުފަހަރުގެ ސޯބު، އައްޑޫ ސިޓީ ޕޯޓުގެ ސޯބާ އެކުވެ ހިމުންވުމުން." ރައީސް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެމްއެސްއެސް އިން ގެނައުމަށް ހަމަޖެހިފައިވަނީ ކޮންޓެއިނަރުގައި މުދާ އުފުލޭ ބޯޓެކެވެ. އެ ބޯޓުގައި 15،000 މެޓްރިކް ޓަނުގެ މުދާ ނުވަތަ 100 ކޮންޓެއިނަރު އުފުލޭނެއެވެ. އެ ބޯޓު އައްޑޫގެ އިތުރުން ގއ. ކޫއްޑޫ އަށް ވެސް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.

އެމްއެސްއެސް އިން މީގެކުރިން ވަނީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އާއި ދެމެދު ވެސް ކާގޯ ދަތުރުތައް ކޮށްފައެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ހުރެ މިހާރު އެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލޭމެން ގެންނަނީ ބާވެ ހަސްފަށްނެތި ކުނިވެ ފުޅަ އަޅާފައި ހުންނަ ބޯޓު ތަކެއް ބޯޓު ހަތް އަގުގެ ދެގުނަ ހަރަދުކޮން މަރާމާތުކޮށްގެން ބޭނުން ކުރެވެނީ މުޅިންވެސް އޮޅުވާލުން ވައްކަން ކުރަނީ ރައްޔިތުންގެ ފައިސާ އިން ފޭރެނީ

    15
    2
  2. ފަހީމު

    އާ ނުކިޔާ ކޮންމެވެސް އެހެން އެއްޗެއް އެތަނަށް ލައިގެން ޖުމްލަ ފުރިހަމަކުރުމަށް ދަންނަވަން..