އައިޖީއެމްއެޗްގައި އިންޓާންޝިޕް ފުރިހަމަކުރާ ޑޮކްޓަރުންނަށް ސަރުކާރުން އެލަވެންސްއެއް ދިނުމަށްފަހު، އެ އެލަވެންސްގެ ބަދަލުގައި ދެ އަހަރު ސަރުކާރަށް ޚިދުމަތްކުރުން މަޖުބޫރުކުރަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން އިންޓާންޝިޕް ފުރިހަމަ ކުރާއިރު އެއްވެސް އެލަވަންސެއް، ނުދޭތީ އެކަމުގެ ޝަކުވާ އިންޓާންޝިޕް ހަދާ ދަރިވަރުން އައީ ކުރަމުންނެވެ. އެޝަކުވާއަށް ނިމުންގެނެސް އިންޓާންޝިޕް ދަރިވަރުންނަށް އެލަވަންސެއް ދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރީ މެއި މަހުގެ ފުރަތަމަ ދުވަހު އެވެ.

އައިޖީއެމްއެޗްގައި އިންޓާންޝިޕް ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު އެއްވެސް ބޮންޑެއް ނޯންނަގޮތައް މަހަކު -/10000 ރުފިޔާގެ މުސާރައެއް އިންޓާންޝިޕް ދަރިވަރުންނަށް ވެސް އައީ ދެމުންނެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު ވަނީ އިންޓާންޝިޕް ދަރިވަރުންނަށް އެލަވަންސް ދިނުން ހުއްޓާލާފައެވެ.

މިހާރު އަލުން އެލަވަންސް ދޭން ފަށާއިރު މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/400 ރުފިޔާ ދޭން ވަނީ ނިންމާފައެވެ. ނަމަވެސް އެލަވަންސް ލިބޭނީ އައިޖީއެމްއެޗް އިން ތައްޔާރުކޮށްފައިވާ އެއްބަސްވުމެއްގައި ސޮއި ކުރާނަމައެވެ. އެ އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި އިންޓާންޝިޕް ނިންމުމަށްފަހު ދެއަހަރު ދުވަހު އައިޖީއެމްއެޗް ނުވަތަ އައިޖީއެމްއެޗް އިން ކަނޑައަޅާ ތަނެއްގައި މަސައްކަތް ކުރަން ޖެހޭނެއެވެ.

ސަރުކާރުން ޚިދުމަތްކޮށްދިނުމަށް އެދިފައިވަނިކޮށް ޚިދުމަތްނުކޮށް ނުވަތަ ޚިދުމަތްކުރަން އެއްބަސްވި މުއްދަތުގެ ދެބައިކުޅަ އެއްބައި ހަމަނުވަނީސް އެއްބަސްވުން އުވައިލާނަމަ ހޮސްޕިޓަލުން ޚަރަދުކުރި ފައިސާގެ އިތުރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ފައިސާގެ %25 އެއްފަހަރާ ދައްކަން ޖެހޭނެއެވެ. އަދި ޚިދުމަތްކުރަން ޖެހޭ މުއްދަތުގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު މުއްދަތަކަށް ޚިދުމަތްކުރުމަށްފަހު އެއްބަސްވުން އުވައިލާނަމަ ހޮސްޕިޓަލުން ޚަރަދުކުރި ފައިސާ އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމުގައިވެސް އެއްބަސްވުމުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    އޭރައްތާ އިންޑިއާގެ ނުކިޔަވާ ޑޮކްޓަރުންނަށް ގިނަ ދުވަހު މި ޤައުމުގަ ފައި ހިއްޕާ ލައިގެން ތިބެވޭނީ؟

  2. ރިވެލި

    ހުރިިހާ ކަމެއްވެސް މިދަނީ ފަހަތަށް

    13
    4
  3. ޑރ ވިލްދާން

    ހާދަ ހަރުކައްޓޭ. ތީތީ ކަޑަ. ތިގޮތަށް ކަން ކުރާނަމަ މާލެ އާ ރަށްރަށުގެ ސަރުކާރު ހޮސްޕިޓަލްތަކަށް ވަންނަ ދިވެހި ޑރން މަދުވަމުން ދާނީ. އަދި މިފަދަ ހޮސްޕިޓަލް ތަކަށް ބޭރު ޑރން ގިނަވެ ބައިވަރު ލާރި ތަކެއް ގައުމުން ބޭރުވާނީ.

  4. އިނގޭ

    ރައީސަ ޔާމޯުގެ ސަރުކާރުގަވެސް ނުދޭ. ދޮގު މައުލޫމާތު ނު ފަތުރާ

    • Anonymous

      ދެއްވި. ތިކަހަލަ ދޮގު ހަދާކަށް ނުވާނެ.