އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ޓިކެޓު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެރުވުމުގެ ޖަލްސާ ފެށުމުގެ 24 ގަޑިއިރެއްހާ އިރު ކުރިން އިވެންޓު މެނޭޖަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދާއި ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ރައްޔިތުންނަށް ދެއްވި ޔަގީން ކަމެއް އޮތެވެ.

އެއީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ރަށް ރަށުން ގާސިމާއި ޖޭޕީ އަށް ތާއީދު ކުރާ ސަޕޯޓަރުން ނުގެންނާނެ ކަމުގެ ޔަގީންކަމެވެ. އެކަމަކު، ރަށް ރަށުގައި ތިއްބެވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަން ފާހަގަ ކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ކައިރި ހިސާބުތަކުން އަމިއްލަ ގޮތުން ބަޔަކު އައުމާއި ނައުމަކީ އަޅުގަނޑުމެންނަށް އެނގޭ ކަމެއް ނޫން. އަޅުގަނޑުމެން އެކަހަލަ އެއްވެސް އިންތިޒާމުތަކެއް ހަމަޖައްސާފައި ނޯންނާނެ." މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވިދާޅުވިއެވެ.

ފަސް އަހަރު ތެރޭގައި 100 މިލިއަނަރުން އުފައްދާނަން: ގާސިމް

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވާ ރިޔާޒް އެ ދުވަހު ވިދާޅުވި ގޮތުގައި، ޖަލްސާގައި 4،000 މީހުން ބައިވެރިވާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެކަމަކު، ތަފާތު އެކިއެކި ސަބަބުތަކާ ހުރެ، ބައިވެރިވާ މީހުންގެ އަދަދު އިތުރުވުން ނުވަތަ މަދުވުން އެކަށީގެންވާ ކަމަށް ވެސް ހަމަ އެ ނޭވާގައި ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒްގެ ވާހަކަ އިން ޔަގީންވި އެއް ކަމެއް އެބައޮތެވެ. ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާއަކީ ޖޭޕީގެ ދިދަ އާއި ލޯގޯ ޖަހައިގެން ބޮޑެތި ދޯނިފަހަރުގައި އާއި ލޯންޗުފަހަރުގައި މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫން ކަމެވެ. އެހެން ނޫން ނަމަ، ހުކުރު ދުވަހުގެ އެންމެ އަވި ބާރު ގަޑީގައި ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން މަރުހަބާ ދަންނަވަން މާލޭގެ ބަނދަރު މައްޗަށް ގޮސް ސަފަކަށް އެތުރިގެން ތިއްބާ ފެނުނީހެވެ. އދ. މާމިގިއްޔާއި އދ. ފެންފުށި ފަދަ ހިސާބުތަކުން ރަތް ފޮއްޗާއި ދިދަ ދަމާލައިގެން ދޯނިފަހަރު ލެފީހެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކާނިވާ ސަރަހައްދުގައި އޮތް ޖަލްސާ ނުފެށި އެހާ ބޮޑަށް ލަސްވީ، ކާނިވަލަށް ޖަމާވި މީހުންގެ އަދަދު މަދުވެގެން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ކާނިވާ ސަރަހައްދުގައި ޖަހާފައި ހުރި ގިނަ އަދަދެއްގެ ގޮނޑިތައް ނެގި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މީސް މީޑިއާގައި ދައުރުވިއެވެ.

އެކަމަކު، ރޭގެ ޖަލްސާއަކީ ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ލީޑަޝިޕްގެ ބޭފުޅުން ގަބޫލެއް ނުކުރައްވައެވެ. އަދި އެ ޕާޓީގެ އާންމު މެމްބަރުން ތިބީ ރޭގެ ޖަލްސާ އަށް ފަހު، ވަރުގަދަ ފޯރިއަކާއި ޖޯޝެއްގައެވެ.

ގާސިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާއަކީ ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން އިއްތިފާގުވާ ގޮތުގައި ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބިޔަ، އަދި ބޮޑު ޖަލްސާއެވެ. އަދި ރިޔާސީ ޓިކެޓު އެރުވުމަށް މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ، އަދި އާދަޔާ ހިލާފު އެއް ޖަލްސާ އަށް ވި ކަމަށް ގަބޫލުކުރައްވައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއީ ޖޭޕީން ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ޖަލްސާ އަށް ވާނެއެވެ.

މި ޖަލްސާގެ އެޖެންޑާ އޮތް ގޮތުން ޖޭޕީ އާއި ގާސިމްގެ ސަޕޯޓަރުން ކާނިވާ ސަރަހައްދަށް އައުމަށް ކިއާފައި އޮތީ ރޭގަނޑު 8:15 އަށެވެ. ޖަލްސާގައި ފުރަތަމަ ވެސް އޮތީ "ހަބޭސް" ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކެކެވެ. އެކަމަކު، ރޭގަނޑު 9 ޖަހާ ބޮޑުވި ފަހުން، ޖަލްސާގައި ބައިވެރިވި ބައެއް މީހުން ޖަލްސާ ދޫކޮށް ދިޔައެވެ.

ގާސިމްގެ ވެރިކަމެއްގައި 20،000 ފްލެޓު އަޅަނީ، އަމާޒަކީ 30،000!

"ރޭގެ ޖަލްސާ ފެށުން ލަސްވުމުގެ ސަބަބުން 9:15 ވީއިރު މީހުންތައް ކާނިވާ ސަރަހައްދުން ނުކުންނަން ފަށައިފި. އެއީ ހަމައެކަނި ބޮޑުބެރު ޖަހާ ކަމަށް ހީކޮށް އަދި މާ ބޮޑަށް ލަސްވާން ފެށުމާ އެކު." ޖޭޕީގެ ޖަލްސާ ރޭވުމުގައި އިސްކޮށް އުޅުއްވި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅަކު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ރޭގެ ޖަލްސާއަކީ ކާމިޔާބު، ވަރަށް ބޮޑު ޖޯޝެއް ގެނުވި ޖަލްސާއެކެވެ.

"ހަގީގަތުގައި ރޭގެ ޖަލްސާ އިން އެނގިގެން ދިޔައީ، އެމްޑީޕީ، ޕީޕީއެމް ފަދަ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކާ ފައި ހަމަކޮށްލެވޭ ވަރުގެ ޕާޓީއެއް ކަން ޖޭޕީއަކީ ވެސް،" އެ ބޭފުޅާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާއަކީ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެއް ޖަލްސާ ކަން ފާހަގަކޮށް ޖޭޕީގެ ބައެއް ސަޕޯޓަރުން ވެސް މީސް މީޑިއާގައި ޝުއޫރު ފާޅުކޮށްފައިވެއެވެ.

ލާމު އިއްސެ ނަމުގައި ޓުވިޓާގައި ހުޅުވާފައިވާ އެކައުންޓަކުން ކުރި ޓުވީޓެއްގައި ބުނީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީން ވެސް ބޮޑެތި ޖަލްސާ ބާއްވަނީ ޓިކެޓާއި ހުރުމުގެ ހަރަދު ދީގެން އެހެން ރަށްރަށުން ސަޕޯޓަރުން ގެނެސްގެން ކަމަށެވެ. ރަށްރަށުން މީހުން ނުގެނެސް ޖޭޕީން ބޭއްވި ބޮޑު ޖަލްސާއަށް ދިޔަ މީހުން މަދެކޭ ބުނެވެން ނޯންނާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޖޭޕީގެ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާގައި ގާސިމް ވަނީ ރާއްޖޭގެ އެހެން ސިޔާސީ ފިކުރުތައް ޓެސްޓް ކުރެވުނު ކަމަށާއި އެއީ ވަރަށް ނިކަމެތި، ހިތި ތަޖުރިބާއެއް ކަމަށް ވިދާޅުވެ، މިފަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާ އޭނާ ވާހަކަ ދައްކަވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގާސިމް ވިދާޅުވި ގޮތުގައި ގައުމު މި އޮތީ ނުރައްކާ ފައްތަރެއްގައެވެ. އެގޮތުން އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަމުން އަރައިގަތުމަށްޓަކައި ރައްޔިތުން އެކަތިގަނޑަކަށްވެ، މި ހާސްކަމުން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް އޭނާ އަށް ވެރިކަން ދިނުމަށް ވެސް ގާސިމް އެދިވަޑައިގެންނެވިއެވެ.

ގާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓު އަރުވައިފި

"ތިޔަ އިއްޒަތްތެރި ރައްޔިތުން ވަނީ އެމްޑީޕީ އާއި ޕީޕީއެމް ވެސް ތަޖުުރިބާކޮށްފައި. ތިޔަ ބޭފުޅުންނަށް ޓެސްޓް ނުކުރެވި އޮތް ސިޔާސީ ފިކުރަކީ، 2008ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް އެހީތެރިވި ޖުމްހޫރީ ފިކުރު،" ގާސިމް ވިދާޅުވިއެވެ.

ޖޭޕީގެ މެމްބަރުންގެ މެދުގައި އުފެދުނު ރޫހާއި ޖޯޝުން އެމީހުންނަށް އެއްބަސްވާ އެއް ކަމެއް އެބައޮތެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އޮތް ހަމައެކަނި ޗޮއިސަކީ ގާސިމެވެ. ޖޭޕީން ފަހަތް ބެލުމެއް ނެތި ދާނީ ކުރިއަށް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލޮލް

    ކާމިޔާބުކަމެއް އެނގޭނީ ކެންޑިޑޭޓު ނަމްބަރު ގުރުއަތުލާ ނިމުމުން.

    24
    1
  2. ކިނބޫ

    ޤާސިމަކީ ލާރި ފަހަތުން ދުވާ މީހެއް.....އޭނާގެ ވިޝަން އެއް ނެތް...2023 އަަށް ހަމަ ރަގަނޅީ ޢުމަރު.

    26
    2
  3. މަތިމަތިން

    ސޭޓުއަތުގައި ހުރިއްޔާ ހުރި ފައިސާކޮޅެއް ކަހާލެވެންދެން ފޯރިއަރުވާށެވެ. ފައިސާ ލިބެންޏާ ގޯހެއް ނެތެވެ. ރައްޔިތުން ދަހިވެތި ބަޚީލު ސޭޓަކަށް ވޯޓެއް ނުލާނެ. ރައްޔިތުންނަށް އިރެއްގައި އޮޅުވާލެވުނަސް މިހާރު ރައްޔިތުންނަށް އެނގޭ. ސޭޓަކީ ރިސޯޓްތައް 50 އަހަރަށް ނަގާފައި ހިއްސާ ނުވިއްކި ސޭޓުކަމާއި، އޭގެ ފަހުން 100 އަހަރަށް ހަދައިގެން މިލްކުކުރި ކަމާއި، ކޮވިޑްގައި މުސާރަ ނުދިން ސޭޓުކަމާއި އޭގެ އިތުރަށް ސަރވިސްޗާޖްކޮޅުވެސް މުވައްޒަފުންނަށް ބަހާލަން ނުކެރޭ ދަތިވެތި ސޭޓެއްކަން ދަނޭ. އަދި އެވަރުން ނުވެގެން ތިލަފުށީގައި އޮތް ރައްޔިތުންގެ ބިންކޮޅުވެސް މިހާރު އަންބޮޑިއަށް ކަހާލައިފިކަންވެސް ރައްޔިތުން ދަނޭ.

    11
    1
  4. މީރާ

    ގާސިމަށް ވެރިކަން މިހާރު ދޭން ވެއްޖެ. މިގައުމު ޑިމޮކުރަސީއަކަށް ގެންުނަން އެންމެ ބޮޑު ހޭދަޔަކާ މަސައްކަތެއް ފޫހިކަމެއްނެތި ކުރި މީހަކަށް ވަނީ ގާސިމު. އޭނަ މުގުލުގަ ނެތް ނަ ދެން އޭރު ތިބި މިހުންގެ ހިއްވަރެއް އޭރުކަންކަންހުރިގޮތުން ނުހުން ނާނެ. އަދު ނުވެސް ކެރޭނެ. ގާސމުގެ ވަރިކަމެއްގަ ހަަމަ ޔަގީނުން ވެސް ކަރަފުޝަން މަދުވާނެ އެއީ ގާސިމު ކަރަފު ވާކަށް ނުޖެހޭނެ. އަދި ތައުލިމާ ތަރައްގީ ވެސްގެންނާނެ ސަބަބަކި އޭނަ އެކަންކަން އަމިއްލަ އަށް ކުރަމުން ދާތީ. ދެ އެނުން މީހަކު އަހަރެން ނަކަށް ނުފެނޭ.މިގަުމުގަ މުއްސަދިން އެބައުޅޭ.

    1
    32
    • ކޮވިޑް

      އިބޫ ވެރިކަން ފޭރިގަނެގެން ބޭރު ޤައުމުތަކަށް މި ޤައުމު ވިއްކާހުސްކުރަނީ. ގާސިމަށް ވެރިކަން ދީފިނަމަ މުޅި ޤައުމު ވިލާ ކުންފުންޏާ ، ހަތަރު އަނބިންނަށް ޤައުމު ހިބަ ކުރާނެ ކަމާ މެދު ޝައްކެއްނެތް. މިހާރުވެސް އެ އުޅެނީ ދައުލަތަށް ދައްކަން ޖެހޭ ބިލިޔަނުން ރުފިޔާ ނުދައްކަވޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް އެކުރަނީ. ކޮވިޑުޑަ ތިވިދާޅުވާ އޯގާތެރިޔާ އޭނާގެ މުއައްޒަފުންނަށް މުސާރަ ނުދޭ. މުސާރަ ދިން މީހުނަށް ވެސް ދީފަ އެބަހުރި 1000ރުފިޔާ. މީރާ އަށް މިކަން ނުފެންނަނީ ދެއްތޯ؟

      11
      0
  5. މުށިމަސް

    3500 މީހުން ތިބި

    1
    4
  6. އަލީ

    ދިވެހިލޮބުވެތި ރައްޔިތުން ހަމަހޭގަތިބެގެން ނުވާނެ ގާސިމަށްވެރިކަންދޭކައް. ރައްޔިތުންގައުމާދޭތެރޭ ވަރައްބޮޑައް ވިސްނާނެކަމަށް ހީކުރަން މިގައުމު މިއަނދަވަޅައް ވައްޓާލުމުގެ މުގުލުގައިހުރީ މިސޭޓް.

    14
  7. ޙހ

    ރިސޯޓް ކުދިންނަށް މަޖުބޫރު ކޮށްގެން ގެންގޮސްގެން ކާމިޔާބޯ

    14
  8. ޔާގޫތު

    ކާމިޔާބުކަމުން މީހުން ނައިސްގެން ގޮނޑިތައް ނަގާ ތަން ފެނުނީ

    17
  9. ރރ

    ވެރިކަމައް ކޮރަޕްޓް ހިސްޓްރީއެއް އޮތް އެއްވެސްމީހަކު ގެންނަން މަސައްކަތް ކުރުމަކީ ގައުމައް ޣައްދާރުވުން. !

    14
  10. ދުންމާރި

    انشالله ދެހާސް ތޭވިސް މަމެންގެ ކެންޑިޑޭޓު ރައީސް ޔާމީން ރަނގަޅު ޤާސިމް އަކީ އިސްލާހައް މަސައްކަތްކުރިމީހެއް އެއީ ތިރީސްއަނހަރުގެ ދިގުވެރިކަމެއް ނިންމަން އެއިގެފަހުން އުފެދުނުކޮންމެ ސަރުކާރެއްގަވެސް މަސައްކަތްކުރީ އަމިއްލަ ފައިދާއައް އެއިގެ ހެކި މިހާރު މިފެންނަނީ ދެން ވިސްނަވާ
    ވަގުތު ނޫހުން މިކޮމެންޓްޖަހާދޭނެކަމައް އުއްމީދުކުރަން

  11. ލޮލް

    ކާމިޔާބުކަމުން ތަނުގަ ތިބީ 200 ވަރަކަށް މީހުން. ދެން ހީ ހީ

  12. ނަޖްވާ

    ހަވާ އަރުވާ ބޮޑެތި ރެލީ ތައް ރާވާ ހަދައިގެން ސޭޓު ބެބޫ ހައްދައިގެން ފައިސާ ދަމާލާ މީހުންނަށް ނޫނޭވާ ސާބަސް! ކޮބާތަ ތިޔަ ބިޔަ ބޮނޑު ޖަލްސާ އަށް ދިޔަ މީހުން! 8:30 ގަ ފަށަން އޮތް ޖަލްސާ މީހުން ނުގޮސްގެން ބަސް އިސްޓޭންޑުންނާ ތަންތަނުން މީހުން ހޮވައިގެން ގެންގޮސް ޖަލްސާ ފެށޭވަރުވީ 10:00 ޖަހާ ބޮޑުވި ފަހުން! ކޮބާތަ އާ ފިކުރަށް އޮތް ސަޕޯޓެއް!