ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ދޭން ފެންނަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށް އައްޑޫ ސިޓީގައި ޕީޕީއެމަށް ތާއީދު ކުރާ ގިނަ ސަޕޯޓަރުންތަކެއް ބުނެފިއެވެ.

"ވަގުތު" ހޭރިޔާ ޓީމުން މިދިޔަ މަހު ކުރިއަށް ގެންދިޔަ ދިރާސާގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށާއި ވަކިން އޮންނަ ސ. ހުޅުދޫ އާއި ސ. މީދު އަށް ވެސް ޒިޔާރަތްކޮށްފައި ވާނެއެވެ. އައްޑޫ ސިޓީގައި ދިރިއުޅޭ 3،734 މީހުން ސާވޭގައި ބައިވެރިވި އިރު، ގިނަ ސުވާލުތަކެއް އެމީހުންނާ ކުރިމަތިކޮށްފައިވާނެއެވެ.

އައްޑޫގައި "ވަގުތު" ނޫހުގެ ނޫސްވެރިން ކުރިއަށް ގެންދިޔަ ސާވޭ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އޭގެތެރެއިން އެއް ސުވާލުގެ ގޮތުގައި ކުރީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި ރިޔާސީ ޓިކެޓު ދޭން ފެންނަ ބޭފުޅަކާ މެދުގައެވެ. އެ ސުވާލު ކުރީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ވޯޓު ދޭން ނިންމާފައިވާ 1،597 މީހުން ކައިރީގައި އެކަންޏެވެ.

"ވަގުތު" ސާވޭ: އައްޑޫން އެމްޑީޕީ ފިތްކަނޑައިގެންދާ ވަރުގެ ނަތީޖާއެއް!

ގިނަ މީހުންނާ އެ ސުވާލުކުރުމުން ބުނީ ޕީޕީއެމްގެ ޓިކެޓުގައި ކޮންމެ މީހަކު ނުކުތަސް، ބަދަލަކަށް ވޯޓު ދޭން ތައްޔާރަށް ތިބި ކަމަށެވެ. އަދި ބައެއް މީހުން ބުނަނީ ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ކުރިމަތިލައްވައިފި ނަމަ، އެބޭފުޅުންނަށް ވޯޓު ދެއްވަން ތައްޔާރަށް ތިއްބެވި ކަމަށެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކުގެ ތެރެއިން ދިރާސާގައި ބައިވެރިވި 1،149 (%71.9) މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ، ކޮންމެ ކެންޑިޑޭޓެއް ވެސް ރަނގަޅު ކަމަށެވެ. ރިޔާސީ ޓިކެޓު މުއިއްޒަށް ދޭން ފެންނަ ކަމަށް 183 (%11.5) މީހުން ބުނެފައިވެއެވެ. މުއިއްޒު އާ އެންމެ ކައިރި ކުރަނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވީ ޑރ. ޝަހީމް އަލީ ސައީދެވެ.

އައްޑޫ ސިޓީގެ ޖުމްލަ ޗާޓު. --- ވަގުތު ގްރެފިކް: އިބްރާހިމް އަޝްވާގް

ރިޔާސީ ޓިކެޓު ޝަހީމަށް ދޭން ފެންނަ ކަމަށް ބުނެފައި ވަނީ 157 (%9.8) މީހުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ބުނެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނަށް ރިޔާސީ ޓިކެޓު ދިނުމަށެވެ. އެއީ 46 (%3.88) މީހުންނެވެ. މި ދިރާސާ އިންނާއި ޅ. އަތޮޅުގައި ކުރިއަށް ގެންދިޔަ ދިރާސާ އިން އެނގުނު ގޮތުގައި ޕީޕީއެމްގެ މެދުގައި އެންމެ ބޮޑަށް މަގުބޫލީ މުއިއްޒު އާއި ޝަހީމެވެ.

އައްޑޫގައި "ވަގުތު" ނޫހުގެ ނޫސްވެރިން ކުރިއަށް ގެންދިޔަ ސާވޭ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ތިން ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީގައި އެހެން ބައެއް ބޭފުޅުންނަށް ވެސް މަގުބޫލުކަން ބޮޑެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިމެނިވަޑައިގަންނަވައެވެ.

ޝިޔާމަށް ޓިކެޓު ދޭން ފެންނަ ކަމަށް 28 މީހުން، 20 މީހުން ބުނެފައި ވަނީ ސައީދަށް ޓިކެޓު ދޭން ފެންނަ ކަމަށެވެ. އަދި 14 މީހުން ވަނީ 2012 ގައި ރާއްޖޭގައި ވެރިކަން ކުރެއްވި ވަހީދަށް ޓިކެޓު ދޭން ފެންނަ ކަމަށް ބުނެފައެވެ.

ސ. ހިތަދޫގެ ޖުމްލަ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

މުއިއްޒަށް ފަސް ދާއިރާ، ޝަހީމަށް ދެ ދާއިރާގެ މެޖޯރިޓީ!

އައްޑޫ ސިޓީގެ ވަކިވަކި ދާއިރާތަކަށް ބަލާ އިރު، ހިތަދޫ އުތުރު ދާއިރާ އާއި ހިތަދޫ ދެކުނު ދާއިރާގެ މެޖޯރިޓީ މީހުން ބުނެފައި ވަނީ މުއިއްޒަށް ޓިކެޓު ދިނުމަށެވެ. ހިތަދޫ ދެކުނު ދާއިރާގެ ގިނަ މީހުން ބުނެފައި ވަނީ ޓިކެޓު ޝަހީމަށް ދިނުމަށެވެ. ހިތަދޫގެ ޖުމްލަ ނަތީޖާ އަށް ބަލާއިރު، ހިތަދޫން ދިރާސާގައި ބައިވެރިވި 555 ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރެއިން 358 މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. މުއިއްޒަށް ޓިކެޓު ދޭން ފެންނަ ކަމަށް 83 މީހުން ބުނި އިރު، ޝަހީމަށް ޓިކެޓު ދޭން ފެންނަ ކަމަށް 65 މީހުން ބުނެފައިވެއެވެ.

ހިތަދޫ މެދު ދާއިރާގައި ތިބި ޕީޕީއެމްގެ 239 ސަޕޯޓަރުންގެ ތެރެއިން 152 މީހަކު ބުނެފައި ވަނީ ޓިކެޓު ކޮންމެ މީހަކަށް ދިން ކަމުގައި ވިޔަސް މައްސަލައެއް ނެތް ކަމަށެވެ. އަދި މުއިއްޒަށް ޓިކެޓު ދޭން 37 މީހުން ބުނި އިރު، ޝަހީމަށް ޓިކެޓު ދޭން ފެންނަ ކަމަށް 34 މީހުން ބުނެފައިވެއެވެ.

ހިތަދޫ އުތުރު ދާއިރާ އިން ސާވޭގައި ބައިވެރިވި 142 މީހުންގެ ތެރެއިން 83 މީހުން ބުނެފައި ވަނީ ކޮންމެ ކެންޑިޑޭޓެއް ނުކުތަސް މައްސަލައެއް ނެތް ކަމަށެވެ. މި ދާއިރާގައި މުއިއްޒަށް ޓިކެޓު ދޭން ފެންނަ ކަމަށް 30 މީހުން ބުނިއިރު، ޝަހީމަށް ޓިކެޓު ދޭން ފެންނަ ކަމަށް 12 މީހުން ބުނެފައިވެއެވެ.

އައްޑޫގައި "ވަގުތު" ނޫހުގެ ނޫސްވެރިން ކުރިއަށް ގެންދިޔަ ސާވޭ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ހިތަދޫ ދެކުނު ދާއިރާ އިން ސާވޭގައި ބައިވެރިވި 174 މީހުންގެ ތެރެއިން 123 މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. މި ދާއިރާގައި ޝަހީމަށް ތާއީދު ކުރާ 19 މީހުން ތިބި ކަމަށް ދެއްކި އިރު، މުއިއްޒަށް ތާއީދު ކުރާ 16 މީހުން ތިބި ކަމަށް ދައްކައެވެ. އަދި ޣައްސާން މައުމޫނަށް ޓިކެޓު ދޭން ފެންނަ ކަމަށް ހަ މީހަކު ބުނެފައިވެއެވެ.

މަރަދޫ ދާއިރާ އަށް ބަލާ އިރު، ސާވޭގައި ބައިވެރިވި 118 މީހުންގެ ތެރެއިން 65 މީހަކު ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. މި ދާއިރާ އިން އެންމެ ގިނަ ބަޔަކު ބުނީ ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ޝަހީމަށް ޓިކެޓު ދިނުމަށެވެ. އެއީ 21 މީހުންނެވެ. ޣައްސާނަށް ޓިކެޓު ދޭން ފެންނަ ކަމަށް 18 އަދި މުއިއްޒަށް ޓިކެޓު ދޭން ފެންނަ ކަމަށް ނުވަ މީހުން ބުނެފައިވެއެވެ.

މަރަދޫ ދާއިރާގެ ނަތީޖާ. -- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

ފޭދޫ ދާއިރާ އިން މި ދިރާސާގައި ބައިވެރިވި ޕީޕީއެމްގެ 402 ސަޕޯޓަރުންގެ ތެރެއިން 304 މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. އަދި މުއިއްޒަށް ޓިކެޓު ދޭން ފެންނަ ކަމަށް 41 މީހަކު ބުނި އިރު، 21 މީހުން ބުނެފައި ވަނީ ޝަހީމަށް ޓިކެޓު ދިނުމަށެވެ. އަދި ފަސް މީހުން ބުނެފައި ވަނީ ސައީދަށް ޓިކެޓު ދިނުމަށެވެ.

ފޭދޫ ދާއިރާގެ ނަތީޖާ. -- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ ކާކުތޯ ހުޅުދޫ ދާއިރާގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ގާތުގައި އެހިއިރު، 225 މީހުންގެ ތެރެއިން 182 މީހުން ބުނެފައި ވަނީ ކޮންމެ ކެންޑިޑޭޓެއް ވިޔަސް މައްސަލައެއް ނެތް ކަމަށެވެ. މި އަވަށުގައި ބޮޑަށް ތާއީދު ބޮޑީ މުއިއްޒަށާއި ޝަހީމަށެވެ. އެގޮތުން މުއިއްޒަށް ޓިކެޓު ދޭން ފެންނަ ކަމަށް 19 މީހުން ބުނި އިރު، ޝަހީމަށް ޓިކެޓު ދޭން ފެންނަ ކަމަށް 15 މީހުން ބުނެފައިވެއެވެ.

ސ. ހުޅުދޫ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

މީދޫ ދާއިރާގައި ހިމެނޭ މީދޫ އާއި މަރަދޫފޭދޫގެ ނަތީޖާއަށް ބަލާއިރު، ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ ކާކުތޯ ޕީޕީއެމްގެ ސަޕޯޓަރުން ގާތުގައި އެހިއިރު، 269 މީހުންގެ ތެރެއިން 223 މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. އޭގެ ފަހުގައި މި އަވަށުގައި އެންމެ ބޮޑު ތާއީދެއް އޮތީ މުއިއްޒަށެވެ. އޭނާ އަށް ޓިކެޓު ދޭން ފެންނަ ކަމަށް 26 މީހުން ބުނެފައިވެއެވެ. އަދި ޑރ. ޝަހީމަށް ނުވަ މީހުން، ޣައްސާނަށް ހަ މީހުން ތާއީދުކޮށްފައިވެއެވެ.

ސ. މީދޫ ނަތީޖާ. --- ވަގުތު ގްރެފިކްސް: އިބްރާހިމް އަޝްވާގް

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތް ހިނގަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ.

ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އެ ސުވާލު އުފެދެނީ ރައީސް ޔާމިންގެ ޖަލު ހުކުމް އިސްތިއުނާފްގެ މައްސަލަ އިންތިހާބުގެ ކުރިން ބަލައި ނިމޭނެ ކަމަށް ނުބެލެވޭތީއެވެ.

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން ދަނީ އިންތިހާބުގެ ކުރިން ރައީސް ޔާމިން މިނިވަން ވާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވައެވެ.

ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތެއް ނާންނާނެ ކަމަށާއި އެމަނިކުފާނުގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަމެއް ނެތް ކަމުގެ ޔަގީންކަން، ޕީޕީއެމްގެ އެތެރޭގައި ތިއްބެވި ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ލަފާ ކުރައްވާ ހުރިހާ ބޭފުޅުން ވެސް ވަނީ ދެއްވައިފައެވެ.

ނޯޓު: ދިރާސާގެ ތަފްސީލް ރިޕޯޓު ކިއާލުމަށް މި ލިންކަށް ފިއްތާލައްވާ!

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކުރިޔަށް

    މުއިއްޒުއަކީ ދީނީ ގޮތުން ރަނގަޅު، ހިދުމަތުގެ ޓްރެކް ރިކޯޑު އޮތް މީހެއް މާޝާﷲ. ޔާމީނު ނަގާފަ، ދެން މިއުޅޭ ކެނޑިޑޭޓުންނައްވުރެ ހާސް ބައި ރަނގަޅުވާނެ އިންޝާﷲ

    42
    18
    • ނޫންތަ؟

      މުއިއްޒު ރަނގަޅުވާނެ ޢުމަރުގެ ރަނިންމޭޓަކަށް.

      19
      21
      • ލިޔާ ކުއްޖާ

        ރައީސް ޔާމީން ނެއްހާލަތެއްގަ އެންމެ ބެސްޓް ކެނޑިޑޭޓަކީ ހަމަ މުއިއްޒު

        15
        7
    • ޑޮލަރު

      އެބޭފުޅާ ކުރި ކަމެއް 2ފަހަރު ނުކޮށް ނުނިމޭ، 2ދައުރު ދޭން ޖެހުނީ ދޯ، 2ދައުރު ދޭން ޖެހުނަސް އަދުރޭ އަށް ވުރެ ހާސްބައި ރަނގަޅުވާނެ.

  2. އަބްދޫ

    އަޅުގަނޑަށް ވެސް ފެންނަނީ މުއިއްޒު އާއި ސަހީމް ނެރުން އެކަކު ރައީސް ކަމަށް އަނެކަކު ނާއިބް ރައީސްކަމަށް މިއީ ދިވެހިގައުމުގާ ތިއްބެވި އެންމެ ފުންނާބު އުސް ތައުލީމީދެބޭފުޅުންނަށް ވެފަ ހިނަގުންތެރި ދެބޭފުޅުން.

    34
    10
    • Anonymous

      ޝަހީމު އޯކޭ، ޣައްސާނު އޯކޭ. މުއިއްޒު އޯކޭއެއް ނޫން. މުއިއްޒު އަށް ވެރިކަން ލިބިއްޖެނަމަ ރައްޔިތުންނަށް އަނިޔާވެރިވާނެ. ޔާމީނުގެ ވެރިކަމުގައި ވެސް ރައްޔިތުންނަށް އެންމެ ބޮޑަށް އަނިޔާވެރިވީ މުއިއްޒު. ޔާމީނުގެ ވެރިކަން ވެއްޓުނީ ވެސް މުއިއްޒުގެ އަނިޔާވެރިކަން ބޮޑުކަމުން.

      8
      13
      • ސަފީ

        ތިބުނާކަހަލަ ސިފަތަކެއް ދުވަހަކު ވެސް މުއިއްޒު ކިބަޔަކުން ފެނިފަ ނެތް.

        2
        1
  3. އަސްލުވެސް

    ޑރ. މުޢިއްޒު+ ޣައްސާން ނެރެންވީ. ހޯޕްގެއްލިފައި ތިބޭނެކަމެއްނެތް.

    30
    8
  4. މަމިހެންބުނީވެސް

    މުޢިްޒު ޝިޔާމް ވެސް ގަދަވާނެ.

    19
    11
  5. Anonymous

    ޑރ މުއީޒް ރައީސް ކަމަށް، ނައިބް ރައީސް ކަމަށް ޑރ ޝަހީމް ނެރެންވީ ޕީޕީއެމުން ، ޢައްސާން މަޖިލިސް ރައީސް ކަމަށް ގެންނަންވީ !

    12
    5
  6. ދިވެހިން

    ޝަހީމް ރަގަޅުވާ ރައީސް އަކަށް. ގައްސާން މައުމޫން ރަނިންމޭޓަކަށް. "އަޅުގަނޑަށް ފެންނަ އެންމެ ރަގަޅުގޮއި.

    13
    5
  7. ފިޔާ

    ދޮގު ފޭކު ރިޕޯޓްތަށް އަބަދުވެސް ގެންނާނީ.

    9
    8
  8. The

    މުއިއްޒު އެއީ ކަމުދާ މީހެއްނޫން. އަބަދުވެސް އުޅެނީ އެއްޗެއް ބަޑުއަޅައިނުލެވިގެން

    12
    12
  9. ތަކުރާ

    އަޅުގަނޑުވެސް ފޯނުން ގުޅައިގެން ސާވޭއެއް ހެދިން.. ފުވައްމުލައް ތިނަދޫ ކުޅުދުއްފުށި އަދި އައްޑޫ އިން 500 މީހުންނަށް ގުޅި އިރު 76.75 ޕަސެންޓް މީހުން ބޭނުން ވަނީ ޔާމީން އަށް ކުރިމތި ނުލެވޭ ހާލަތުގައި މެޑަމް ފާތުން ނިކުންނަން.

    9
    10
  10. ޕީޕީއެމް

    ތި އާރޓިކަލް ލިއުނީ މުޢީޒު ބުނެގެން

    8
    9
  11. ނަމަސްތޭ

    ހެހެހެ މިޔަކުން ތަނެއް ދޮރެއް ނޭނގޭނެ . . . 500 ގެ ގަނޑުކޮޅަކުން ތި އެނބުރޭނެ . . ޕަކާސް . . ދިވެހިން ނެންނު

    5
    1
  12. ސިމާ

    ޔާމިނު ހަށީހޭހުއްޓާ ޕީޕީއެމްގެ ރިޔާސީޓިކެޓް އެހެން މީހަކަށް ނުދޭނެ.

    8
    9
  13. ގައުމީދޫ

    ގައްސާނަކީ އަދި ވެރިކަމަށް ކަމާދާ މީހެއް ނޫނެވެ

    11
    6
  14. ޓިނު

    އަޅުގަނޑު ސާވޭއެއްހެދިން އައްޑޫން 1000 މީހުން ފޯއްމުލަކުން500 މީހުން ރިޔާސީ ކެންޑިޑޭޓަކަށް އަދުރޭ. ހަމަހަބޭސް.

    1
    5
  15. Anonymous

    މަޖިލިސް ރައީސް ކަމަށް ޢައްސާން ނައިބް ރައީސް ކަމަށް ޝިޔާމް ރަގަޅުވާނެ !

  16. އިބްރާހިމް

    ރ ޔާމީނަށް، އިންޑިއާގެ އަޅުވެތިކަމުގައިތިބި އެމްޑީޕީ ކޯލިޝަންވެރިން ކުރަމުންދާ އަނިޔާ އަންނަ ރިޔާސީ އިންތިޚާބާއި ހަމައަށްވެސް ދަމަހައްޓައިފިނަމަ ދެން އިންޑިއާގެ އަޅުވެތިކަމުން މި ޤައުމުސަލާމަތްކުރެވޭނީ ރ ޔާމީނުގެ ފިކުރުގެ ބޭފުޅަކަށެވެ. އެފަދަ ބޭފުޅުން ތިބީ ޕީޕީއެމްގައިކަން ފާހަގަކުރަން.