(އައްޑޫ ސިޓީ) އެއީ މީގެ ފަސް އަހަރު ކުރިން ފެނުނު ސިޓީއެއް ނޫނެވެ. މިހާރު ބޮޑު "ކޮންސްޓްރަކްޝަން ސައިޓް"އެކެވެ. އެއްގަމަށް ބަލައިފި ނަމަ، އިންޑިއާގެ އެފްކޮންސް ކުންފުނީގެ މަގު ހަދަން ގެންގުޅޭ ބޮޑެތި މެޝިނަރީޒެވެ. ވަށައިގެން ފެންނަނީ އައްޑޫގެ މަގުތައް ކޮނެ، ބޮޑެތި ވަޅުގަނޑުތަކެވެެ. ބައެއް ހިސާބުތަކުގައި ތާރު އަޅައި ވަރަށް ރީތިކޮށްލައިފިއެވެ. މިއިން ޒަމާނަކު ވެސް ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސަކަށް ފެނިވަޑައިނުގަތް އައްޑޫގެ މަގުތަކުގެ މަންޒަރު ބަދަލުކޮށްލާ މަންޒަރު ފެންނަން ފަށައިފިއެވެ.

މަރަދޫއާ ދިމާލުގައި އޮތީ ދުނިޔޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ޑްރެޖަރު "އެޗްއޭއެމް 318"އެވެ. ނެދަލެންޑްސްގެ ވެންއޫޑް ކުންފުނިން މަސައްކަތް ފަށާފައި ވަނީ އައްޑޫގެ އެކިއެކި ހިސާބުތަކުން 194 ހެކްޓަރުގެ ބިން ހިއްކުމެވެ. އައްޑޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އައްޑޫގައި ފަތުރުވެރިކަން ފުޅާކޮށް، 7،000 އެނދު ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: ރައީސް އޮފީސް

އައްޑޫގެ މީހުން ދިރިއުޅޭ ސަރަހައްދާ ފުދޭ ވަރަކަށް ދުރުގައި އޮންނަ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ފެށީ އިހަކަށް ދުވަހުއެވެ. އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފައިވާ މަޝްރޫއު ނިމުމުން އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް އެއާޕޯޓުގައި ހިދުމަތް ދެވޭނެއެވެ. މިހެން ގޮސް، ކިތަންމެ މަޝްރޫއެއް އައްޑޫގައި ހިނގަމުންދެއެވެ. މި މަޝްރޫއުތަކަށް ހަ ބިލިއަން ރުފިޔާ އަރައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަބަދުވެސް ވިދާޅުވާ ގޮތުގައި އައްޑޫ ސިޓީ ދެން ބަދަލުވާނީ ދެކުނުގެ އިގްތިސާދީ ހަބަކަށެވެ. އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވާ ގޮތުން ނަމަ، މި ސަރުކާރުގެ ބޭނުމަކީ އައްޑޫގައި މިނިވަން އިގްތިސާދެއް ބިނާކުރުމެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ ވިސްނުމަކީ އެހެން އައްޑޫ ރައްޔިތުންނަށް އެހެން އައްޑޫއެއް ހޯދައި ދިނުމެވެ. މަޝްރޫއުތަކަށް ބެލުމުން ސަރުކާރުގެ ސިޔާސަތު ސާފެވެ.

އައްޑޫގައި މި ހުރިހާ މަޝްރޫއުތަކެއް ހިނގަމުން ދަނިކޮށް އައްޑޫ އާއި ރާއްޖޭގެ އެހެން ހިސާބުތަކުގައި ތިބި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދޭނެ ވެރިއެއް ކަނޑައެޅުމަށް ބާއްވާ އެންމެ ވަރުގަދަ އަދި އެންމެ ފޯރިގަދަ އިންތިހާބު ތިން މަސް ދުވަސް ފަހުން ބައްދަލު ކުރާނެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި ބާއްވާނެ އެންމެ ވާދަވެރި އެއް ރިޔާސީ އިންތިހާބެވެ. އައްޑޫގައި ހިނގަމުން އަންނަ މަޝްރޫއުތަކާ މެދު ހިތްހަމަޖެހި، މި ސަރުކާރު ދަމަހައްޓަން ސިޓީގެ ރައްޔިތުން ވޯޓު ދޭނެ ހެއްޔެވެ؟ އައްޑޫ ރައްޔިތުން ތިބީ ކޮން ގޮތަކަށް ބާއެވެ؟ ރައީސް ސޯލިހަށް ދެވަނަ ބުރެއް ދީފާނެބާއެވެ؟ އެމްޑީޕީ ފަނޑުވަމުން، ގޮސް މުޅިން ހެން ފިޔާތޮށި ކުލައަށް އައްޑޫ ބަދަލުކޮށްލަފާނެ ބާއެވެ؟

ރައީސް ސޯލިހް، އައްޑޫ ސިޓީ އަށް އެންމެ ފަހުން ކުރެއްވި ޒިޔާރަތް. --- ފޮޓޯ: ރައީސް އޮފީސް

އައްޑޫގެ އާބާދީ 35،000 އަށް ވުރެ މައްޗަށް އަރާ އިރު، އެ ސިޓީގައި ވޯޓުލެވޭ ޖުމްލަ އާބާދީއަކީ 25،973 މީހުންނެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކަށް ވޯޓުލެވެނީ ސ. ހިތަދޫންނެވެ. ހިތަދޫން އެކަނި ވެސް 12،405 މީހުންނަށް ވޯޓުލެވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް ވޯޓުލެވެނީ ސ. ފޭދޫންނެވެ. އެއީ 4،269 މީހުންނެވެ. އޭގެއިތުރުން ސ. ހުޅުދޫން 2،842 މީހުން، ސ. މަރަދޫން 2،760 މީހުން، ސ. މީދޫން 2،282 މީހުން، އަދި ސ. މަރަދޫފޭދޫން 1،415 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް ދައްކައެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުން، އިންތިހާބުތަކުގެ ނަތީޖާ ބަދަލު ކުރަން ބޭނުން ކުރާ އެއް ސިޓީއަކީ އައްޑޫއެވެ. ރިޔާސީ އިންތިހާބު ވިޔަސް، ރައްޔިތުންގެ މަޖިލިސް އިންތިހާބު ކަމަށްވިޔަސް، ލޯކަލް ކައުންސިލް އިންތިހާބު ކަމަށް ވިޔަސް، އެންމެ ގިނަ ވައުދުތައް "އަމުނާލާ" ދިމާލަކީ ވެސް ހަމަ މި ސިޓީއެވެ. ވެރިރަށް މާލެ ސަރަހައްދު ނެގުމަށް ފަހު، ރާއްޖޭގައި އެންމެ އާބާދީ ބޮޑު ސަރަހައްދަކީ ވެސް މިއީއެވެ. މިހާތަނަށް ފެނުނު މަންޒަރުތަކުން ސިޓީގެ ބޮޑު އަޣުލަބިއްޔަތު އަބަދުވެސް އޮތީ ވެރިކަން ކުރާ އެމްޑީޕީއަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި އައްޑޫގެ މެޖޯރިޓީ ރައްޔިތުން ވޯޓު ދިނީ ރައީސް ސޯލިހަށެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އައްޑޫގެ ހަތް ގޮނޑި ވެސް ދިނީ އެމްޑީޕީއަށެވެ. އެ ގޮނޑިތަކުގައި އެހެން ޕާޓީއެއްގެ މެމްބަރަކު އަތްލުމުގެ ފުރުސަތު ވެސް އައްޑޫ ރައްޔިތުން ނުދިނެވެ.

އޭގެ ފަހުން އޭޕްރީލް 2021 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ފެނުނީ ބައެއް މީހުންނަށް ހައިރާން ކުރުވަނިވި މަންޒަރެކެވެ. އެކަމަކު އެ އަހަރު "ވަގުތު" އިން ކުރިއަށް ގެންދިޔަ ސިޔާސީ ސާވޭގެ ނަތީޖާ އެނގުނު މީހުންނަށް އެއީ ހައިރާން ކުރުވަނިވި ނަތީޖާއަކަށް ނުވާނެއެވެ. ސާވޭގައި ދެއްކި ގޮތަށް ސ. ފޭދޫ އާއި ސ. މީދޫ ފަދަ ދާއިރާތައް އެމްޑީޕީއަކަށް ނުނެގުނެވެ.

އައްޑޫގެ ސިޔާސީ ޗާޓުގެ ފަހުގެ އެތުރުމުގެ ދިރާސާ: ރަން ރީނދޫ އުއްމީދު ގެއްލެނީ!

އައްޑޫ ސިޓީ ކައުންސިލަކީ މާޒީއަށް ބަލާއިރު، ސައްތަ އިން ސައްތަ އެމްޑީޕީގެ ކޮންޓްރޯލް ނަގަމުން އައި ކައުންސިލެކެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި 13 ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ނެގުނީ އެންމެ ހަތް ގޮނޑިއެވެ. އިދިކޮޅު ޕީޕީއެމުން ކައުންސިލްގެ ތިން ގޮނޑި ހޯދިއިރު، އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ތިން ކައުންސިލަރު އިންތިހާބުވެވަޑައިގަތެވެ. ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ބައެއް ކައުންސިލަރުން ފަހުން ވަނީ ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

"ވަގުތު ހޭރިޔާ" އިން ވަނީ ވޯޓު ދޭން ތިބި އައްޑޫގެ އާންމު ރައްޔިތުންނާ ހަމައަށް ގޮސްފައެވެ. މިދިޔަ މަހު ކުރިއަށް ގެންދިޔަ މި ދިރާސާގައި ސަރުކާރާ މެދުގައި ހިތްހަމަޖެހޭ މީހުންނާއި ހިތްހަމަނުޖެހޭ މީހުންނާ ބައްދަލުވިއެވެ. އެއްވެސް ސަރުކާރެއްގެ އަޅާލުން ނުލިބި މާޔޫސްކަމުގައި ތިބި ރައްޔިތުންނާ ވެސް ދިމާވިއެވެ. މަޝްރޫއުތަކާ މެދުގައި ހިތްހަމަޖެހޭ މީހުންނާއި ހިތްހަމަނުޖެހޭ މީހުންނާ ވެސް ބައްދަލުވެފައިވެއެވެ.

ރައީސް ޔާމީން މިދިޔަ ނޮވެމްބަރު މަހު އައްޑު އަށް ކުރެއްވި ޒިޔާރަތް. ---

"ޕްރޮޖެކްޓޭ؟ ޕްރޮޖެކްޓެއް އެބަ ހިނގާތަ؟ ތިއޮށް ފެންނަނީ ޔާމީން ހިއްކާފައި އޮތް ބިމެއް. ޔާމީން އެޅި ބްރިޖާއި ޔާމީން އެޅި ހޮސްޕިޓަލް ފެންނަން މާލޭގައި އެބަހުރި. އައްޑޫގެ ކޮންވެންޝަން ސެންޓަރު ޔާމީން ގަދަކަމުން ނުހެދި ނަމަ، މިއަދު އޮންނާނީ ވާ ފުރާފައި. ވޯޓު ދޭނީ ފިކުރެއްގެ ދިރުމަށް،" ފޭދޫގައި ދިރިއުޅެމުން އަންނަ އުމުރުން 80 ވަރަކަށް އަހަރުގެ އަންހެނަކު ދިން މެސެޖެއްގައި ބުނެފައިވެއެވެ.

"އަހަރުމެންނަށް މި ސަރުކާރު ވަރެއް ނެތް. މަރަދޫގައި ބިން އެ ހިއްކަނީ. އައްޑޫގެ ހުރިހާ މަގުތަކެއް ހެން އެ ހަދަނީ. ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނެސް، އެއަށް އަމަލު ކުރަން ފެށުނު ފަހުން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅެއްގެ ވިސްނުމަށް ވެސް ނާދެ މިކަންކަން ކުރާކަށް. ކާކު ބުނާނީ މި ކަން ކުރާނެއޭ؟ އަހަރުމެންނަށް ކަމެއް ވާ ނަމަ، ރަނގަޅު ވާނީ އަހަރުމެންނަށް. ރައީސް ސޯލިހަށް ހަމަ ދެވަނަ ދައުރެއް ހައްގު،" ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމުގެ އަޒުމުގައި ހުރި ފިރިހެނަކު ކިޔައި ދިނެވެ.

"ތަރައްގީއޭ؟ ތާރު އެޅުން އެއީ ތަރައްގީތަ؟ އަހަރުމެން އަތުން އިތުރަށް ޓެކްސް ނަގައިގެން ތާރު އަޅަނީ. މިކަން ވެސް ރަނގަޅަށް ކުރެވޭ ނަމަ، ރަނގަޅު. މަގު ހެދުން އޯކޭ، އެކަމަކު، ސުޕަވައިޒް ކުރަން މީހަކު ނުހުރޭ. ވަރަށް ފަރުވާ ކުޑަކޮށް މަގު ހަދަނީ. ވޯޓު ދޭނީ ޕީޕީއެމަށް،" އެހެން މީހަކު ކިޔައި ދިނެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު ރައީސް ބައްލަވާލައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

"އަހަރުމެންނަށް ޔާމީން ވަރުގެ ވެރިއެއް ނެތް. އަބަދު ޖެހެނީ މި ހިންގާ މަޝްރޫއުތަކާ ގުޅިގެން ޝަކުވާ ކުރަން. މި ގައުމަށް ޖެހިފައި އޮތް ބޮޑު ވަބާއެއް. ނުދޭނަން ވޯޓެއް." އައްޑޫ ސިޓީ ކައުންސިލްގެ ޓީޝާޓުލައިގެން ހުރި އުމުރުން ދުވަސްވީ މީހެއްގެ ޝުއޫރު ކިޔައި ދިނެވެ.

"ވަގުތު" އިން އައްޑޫގެ ހުރިހާ އަވަށެއްގައި ކުރިއަށް ގެންދިޔަ ސާވޭގައި 3،734 މީހުން ބައިވެރިވެފައިވެއެވެ. އެއީ 1،685 ފިރިހެނުންނާއި 2،049 އަންހެނުންނެވެ. މި ދިރާސާ އިން ފެނުނީ އެމްޑީޕީ އާއި ޕީޕީއެމްގެ ދެމެދުގައި އޮތް ވާދަވެރިކަމެވެ. އިދިކޮޅު ޕީޕީއެމުން އައްޑޫ ސިޓީ އަށް "އަތްގަދަ" ކުރާ ކަމެވެ.

މި ސަރުކާރުން ހިންގާ މަޝްރޫއުތަކާ މެދު ހިތްހަމަޖެހޭތޯ ސުވާލު ކުރުމުން %55 މީހުން ބުނެފައި ވަނީ މަޝްރޫއުތަކާ މެދުގައި ހިތްހަމަނުޖެހޭ ކަމަށެވެ. އަދި %45 މީހުން ބުނެފައި ވަނީ މަޝްރޫއުތަކާ މެދުގައި ހިތްހަމަޖެހޭ ކަމަށެވެ.

ކުރީ ސަރުކާރާއި މި ސަރުކާރާ އަޅާބަލާއިރު ރަނގަޅީ ކޮން ސަރުކާރެއްތޯ އެހުމުން 1،734 (%46.1) މީހުން ބުނެފައި ވަނީ އެމީހުންނަށް ކަމުދަނީ ޕީޕީއެމް ސަރުކާރު ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ރަނގަޅު ކަމަށް 1،357 (%36.3) މީހުން ބުނެފައިވެއެވެ. ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް 428 (%11.5) މީހުން ބުނިއިރު، އެއްވެސް ސަރުކާރެއް ރަނގަޅެއް ނޫން ކަމަށް 226 (%6.1) މީހުން ބުނެފައިވެއެވެ. ސާވޭގައި ގިނައިން ބައިވެރިވީ 35 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ކޮން ޕާޓީއަކަށްތޯ އެހުމުން ވެސް އެންމެ ގިނަ ބަޔަކު ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ޕީޕީއެމަށް ކަމަށެވެ. އެއީ ސާވޭގައި ބައިވެރިވި 1،635 (%43.8) މީހުންނެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ އެމްޑީޕީ އަށް ކަމަށެވެ. އެއީ 1،275 (%34.1) މީހުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ފިކުރެއްގެ ދިރުން ނުވަތަ ދަ ޑިމޮކްރެޓްސް ޕާޓީއަށް ކަމަށެވެ. އެއީ 381 (%10.2) މީހުންނެވެ.

އޭގެއިތުރުން ގޮތެއް ނުނިންމާ 236 މީހުންނާއި ވޯޓުލާން ނުދާނެ ކަމަށް ބުނާ 99 މީހުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވޯޓު ދޭން ބޭނުންވާ 66 މީހުންނާއި ރަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނާ 17 މީހުންނާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމަށް ވޯޓު ދޭން ބުނާ 15 މީހަކާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވޯޓު ދޭން ބޭނުންވެފައި ތިބި 10 މީހަކު ވެސް ދިރާސާގައި ބައިވެރިވިއެވެ.

 

 

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ޕީޕީއެމަށް ތާއީދު ކުރި މީހުން ކައިރީގައި ކުރި އެންމެ މުހިންމު އެއް ސުވާލަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކުރިމަތިނުލެއްވޭ ހާލަތުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅު ބޭފުޅަކާ މެދުގައެވެ. ގިނަ މީހުން ބުނެފައި ވަނީ ޕީޕީއެމުން ކޮންމެ މީހަކު ނެރުނު ނަމަވެސް ވޯޓު ދޭން ތައްޔާރަށް ތިބި ކަމަށެވެ. އެކަމަކު، އައްޑޫ ރައްޔިތުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ބޭފުޅުންތަކެއް އެބަ ތިބިއެވެ.

އޭގެ ތެރޭގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވީ ޑރ. ޝަހީމް އަލީ ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވައެވެ.

މި ސުވާލް އައްޑޫން ދިމާވި 1،597 މީހުންނާ ކުރީމެވެ. އޭގެ ތެރެއިން 1،149 (%71.9) މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ، ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. ދިރާސާގައި ބައިވެރިވި 183 (%11.5) މީހުން ބުނެފައި ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު މުއިއްޒަށް ދީފި ނަމަ، ވޯޓު ދޭނެ ކަމަށެވެ. އަދި ޝަހީމަށް ޓިކެޓު ދޭން ފެންނަ ކަމަށް 157 (%9.8) މީހުން ބުނެފައިވާ އިރު، ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނަށް ޓިކެޓު ދޭން ފެންނަ ކަމަށް 46 (%2.9) މީހުން ވަނީ ބުނެފައެވެ.

މި ތިން ބޭފުޅުންގެ އިތުރުން މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާޢިރާގެ މެމްބަރު މުހައްމަދު ސައީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ރިޔާސީ ޓިކެޓު ދޭން ބޭނުންވާ ޕީޕީއެމްގެ ސަޕޯޓަރުން ވެސް އައްޑޫގައި އެބަތިބިއެވެ.

ހިތަދޫގައި ރީނދޫ ކުލަ ފުހެވި، ފިޔާތޮއްޓަށް!

ގިނަ ބަޔަކު އިއްތިފާގުވާ ގޮތުން ނަމަ، ހިތަދޫއަކީ އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުން ތިބި އަވަށެކެވެ. މާޒީގައި ބޭއްވި ކޮންމެ އިންތިހާބަކުން ވެސް ފެންނަނީ އެ މަންޒަރެވެ. އެކަމަކު، "ވަގުތު" އިން ކުރިއަށް ގެންދިޔަ ދިރާސާގައި ފެނުނީ ތަފާތު ހައިރާން ކުރުވަނިވި މަންޒަރެކެވެ.

ކުރީ ސަރުކާރާއި މި ސަރުކާރާ ދެމެދު ރަނގަޅީ ކޮން ސަރުކާރެއްތޯ ހިތަދޫން ދިރާސާގައި ބައިވެރިވި މީހުން ކައިރީގައި އެހުމުން 1،466 މީހުންގެ ތެރެއިން 658 (%44.8) މީހުން ބުނެފައި ވަނީ އެމީހުންނަށް ކަމު ދަނީ ކުރީ ސަރުކާރު ކަމަށެވެ. މި ސަރުކާރު ރަނގަޅު ކަމަށް ބުނެފައި ވަނީ 491 (%33.49) މީހުންނެވެ. އެއްވެސް ސަރުކާރެއް ރަނގަޅު ނޫން ކަމަށް 217 (%14.80) މީހުން ބުނިއިރު، ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް 100 (%6.82) މީހުން ބުނެފައިވެއެވެ.

ހިތަދޫގެ ތިން ދާއިރާ ވެސް އިދިކޮޅު ޕީޕީއެމަށް!

ހިތަދޫގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން ހިތަދޫ އުތުރު ދާއިރާގެ 413 މީހުން ކައިރީގައި ރަނގަޅީ ކޮން ސަރުކާރެއްތޯ އެހުމުން 168 (%40.68) މީހުން ބުނެފައި ވަނީ ރަނގަޅީ ކުރީ ސަރުކާރު ކަމަށެވެ. މި ސަރުކާރު ރަނގަޅު ކަމަށް ބުނެފައި ވަނީ 161 (%38.98) މީހުންނެވެ.

ހިތަދޫ މެދު ދާއިރާގެ ސާވޭގައި ބައިވެރިވި މީހުންގެ 640 މީހުންގެ ތެރެއިން 302 (%47.19) މީހުން ބުނެފައި ވަނީ އެމީހުންނަށް ރަނގަޅީ ކުރީ ސަރުކާރު ކަމަށެވެ. އަދި 207 (%32.34) މީހުން ބުނެފައި ވަނީ އެމީހުންނަށް ރަނގަޅީ ރައީސް ސޯލިހްގެ ސަރުކާރު ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ ސާވޭގައި ބައިވެރިވި 413 މީހުންގެ ތެރެއިން 188 (%45.52) މީހުން ބުނެފައި ވަނީ އެމީހުންނަށް ރަނގަޅީ ކުރީ ސަރުކާރު ކަމަށެވެ. އަދި 123 (%29.34) މީހުން ބުނެފައި ވަނީ އެމީހުންނަށް ރަނގަޅީ މި ސަރުކާރު ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ކޮން ޕާޓީއަކަށްތޯ އެހުމުން އެންމެ ގިނަ ބަޔަކު ބުނަނީ ވޯޓު ދޭނީ ޕީޕީއެމަށް ކަމަށެވެ. އެގޮތުން 575 (%39.22) މީހުން ބުނެފައި ވަނީ ޕީޕީއެމަށް ވޯޓު ދޭން ބޭނުންވާ ކަމަށެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށް 453 (%30.90) މީހުން ބުނެފައިވާ އިރު، ފިކުރެއްގެ ދިރުމަށް ވޯޓު ދޭނެ ކަމަށް 100 (%13.64) މީހުން ބުނެފައިވެއެވެ. މި އަވަށުގައި ވެސް ވޯޓު ނުދޭން ނިންމާފައި ތިބި މީހުންނާއި ވަކި ގޮތެއް ނުނިންމާ އަދި ކުދި ޕާޓީތަކަށް ވޯޓު ދޭން ބޭނުންވެފައި ތިބި މީހުން ވެސް ފެނިފައިވެއެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ދޭނެ ގޮތަކާ މެދުގައި ހިތަދޫ ތިން ދާއިރާގެ މީހުން ކައިރީ ސުވާލުކޮށްލުމުން މެޖޯރިޓީ މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ޕީޕީއެމަށް ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 180 (%43.58) މީހުން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ބޭނުން ވަނީ ޕީޕީއެމަށް ކަމަށެވެ. އަދި އެމްޑީޕީ އަށް ވޯޓު ދޭން ބޭނުންވާ ކަމަށް ބުނެފައި ވަނީ 121 (%29.30) މީހުންނެވެ.

ހިތަދޫ މެދު ދާއިރާ އަށް ބަލާ އިރު، 253 (%39.53) މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ޕީޕީއެމަށް ކަމަށެވެ. އަދި އެމްޑީޕީ އަށް ވޯޓު ދޭން ބޭނުންވާ ކަމަށް ބުނެފައި ވަނީ 193 (%30.16) މީހުންނެވެ.

ހިތަދޫ އުތުރު ދާއިރާ އަށް ބަލާ އިރު، ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 142 (%34.38) މީހުން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ބޭނުން ވަނީ ޕީޕީއެމަށް ކަމަށެވެ. އަދި އެމްޑީޕީ އަށް ވޯޓު ދޭން ބޭނުންވާ ކަމަށް ބުނެފައި ވަނީ 139 (%29.30) މީހުންނެވެ.

ޕީޕީއެމް ނަމަ ކޮންމެ ކެންޑިޑޭޓެއް ވެސް "އޯކޭ"!

ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅު ބޭފުޅަކީ ކޮބައިތޯ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ހިތަދޫން ދިމާވި ޕީޕީއެމް ސަޕޯޓަރުންނާ ސުވާލު ކުރީމެވެ. އެގޮތުން 358 (%64،50) މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ.

ހިތަދޫގައި އެންމެ ބޮޑު ތާއީދެއް އޮތީ ޑރ. މުއިއްޒަށާއި ޑރ. ޝަހީމަށާއި ޝިޔާމް އަދި ޣައްސާނަށެވެ. މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް ބުނާ 83 (%14.95) މީހުން ތިބި އިރު، ޝަހީމަށް ޓިކެޓު ދޭން ފެންނަ ކަމަށް 65 (%11.71) މީހުން އެބަތިބިއެވެ. އަދި ޣައްސާނާއި ޝިޔާމަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 15 (%2.70) މީހުން ބުނެފައިވެއެވެ.

ހިތަދޫގެ ވަކިވަކި ދާއިރާތަކަށް ބަލާއިރު، ކޮންމެ ދާއިރާއަކުން ވެސް އެންމެ ގިނަ ބަޔަކު ބުނަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. ހިތަދޫ އުތުރު ދާއިރާގައި ތިބި 142 މީހުންގެ ތެރެއިން ޕީޕީއެމްގެ 83 ސަޕޯޓަރުން ބުނީ ޕީޕީއެމް ނަމަ، ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. މި ދާއިރާ އިން ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު ބުނެފައި ވަނީ މުއިއްޒަށް ޓިކެޓު ދޭން ފެންނަ ކަމަށެވެ. އެއީ 30 މީހުންނެވެ.

ހިތަދޫ މެދު ދާއިރާގެ ސާވޭގައި ބައިވެރިވި 239 މީހުންގެ ތެރެއިން 152 މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ، ކޮންމެ ކެންޑިޑޭޓެއް ވެސް ރަނގަޅު ކަމަށެވެ. މި ދާއިރާ އިން ވެސް ކުރީގައި އުޅުއްވަނީ މުއިއްޒެވެ. މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 37 މީހުން ބުނެފައިވެއެވެ.

ހިތަދޫ ދެކުނު ދާއިރާގެ ސާވޭގައި 174 މީހުން ބައިވެރިވިއެވެ. ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށް 123 މީހުން ބުނި އިރު، މި ދާއިރާ އިން ކުޑަ ތަފާތަކުން ކުރީގައި އުޅެނީ ޑރ. ޝަހީމެވެ.

މަރަދޫ ދާއިރާ ފެންނަނީ އެމްޑީޕީއާ އެކުގައި!

މަރަދޫ ދާއިރާގެ ކޮންޓްރޯލް އަދިވެސް އޮތް ކަމަށް ދައްކަނީ އެމްޑީޕީއަށެވެ. ކުރީ ސަރުކާރާއި މި ސަރުކާރާ އަޅާ ބަލާއިރު ރަނގަޅީ ކޮން ސަރުކާރެއްތޯ މަރަދޫ ދާއިރާ އިން ސާވޭގައި ބައިވެރިވި 340 ކައިރީ ސުވާލުކޮށްލުމުން 179 (%52.65) މީހުން ބުނެފައި ވަނީ އެމީހުންނަށް ރަނގަޅީ އެމްޑީޕީ ކަމަށެވެ. ޕީޕީއެމް ސަރުކާރު ރަނގަޅު ކަމަށް ބުނެފައި ވަނީ 119 (%35) މީހުންނެވެ. އެއްވެސް ސަރުކާރެއް ރަނގަޅެއް ނޫން ކަމަށް %23 މީހުން ބުނެފައިވާ އިރު، ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް 19 (%5.59) މީހުން ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ކޮން ޕާޓީއެއްތޯ އެހުމުން ވެސް ގިނަ ބަޔަކު ބުނީ އެމީހުން ވޯޓު ދޭނީ އެމްޑީޕީ އަށް ކަމަށެވެ. އެގޮތުން 168 (%49.41) މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ އެމްޑީޕީ އަށް ކަމަށެވެ. އަދި ޕީޕީއެމް އަށް ވޯޓު ދޭނެ ކަމަށް 108 (%31.76) މީހުން ބުނެފައިވެއެވެ. ފިކުރެއްގެ ދިރުން ނުވަތަ ދަ ޑިމޮކްރެޓްސް އަށް ވޯޓު ދޭނެ ކަމަށް 36 (%10.59) މީހުން ބުނެފައިވެއެވެ. މި އަވަށުގައި ވެސް ވޯޓުލާން ނުދާނެ ކަމަށް ބުނާ މީހުންނާއި ގޮތް ނުނިންމާ މީހުންނާއި ކުދި ބައެއް ޕާޓީތަކަށް ވޯޓު ދޭނެ މީހުން ވެސް އެބަތިބިއެވެ.

މަރަދޫ ދާއިރާ އިން ދިމާވި ބައެއް ރައްޔިތުންނާ ކުރި އެއް ސުވާލަކީ ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރަނގަޅު ބޭފުޅަކާ މެދުގައެވެ. ޕީޕީއެމްގެ 118 މީހުންގެ ތެރެއިން 65 (%55.08) މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ.

މި ދާއިރާގައި އެންމެ ތާއީދު ބޮޑު ކަމަށް ދައްކަނީ ޝަހީމަށެވެ. އެގޮތުން ޔާމީން ނެތް ހާލަތެއްގައި ޝަހީމަށް ޕީޕީއެމް ޓިކެޓު ދޭން ފެންނަ ކަމަށް 21 (%17.80) މީހުން ބުނެފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ބުނަނީ ޣައްސާނަށް ޓިކެޓު ދިނުމަށެވެ. އެއީ 18 (%15.25) މީހުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ބުނަނީ މުއިއްޒަށް ޓިކެޓު ދިނުމަށެވެ. އެއީ 9 (%7.63) މީހުންނެވެ. މި އަވަށުގައި ވެސް ޝިޔާމަށާއި ސައީދަށް ޕީޕީއެމްގެ ޓިކެޓު ދޭން ފެންނަ މަދު ބަޔަކު ވެސް އެބަތިބިއެވެ.

ފޭދޫ ދާއިރާ އޮތީ ބޮޑު ތަނުން ޕީޕީއެމް ފަޅީގައި!

މި ދިރާސާގައި އެންމެ ގިނަ ބަޔަކު ބައިވެރިވި އެއް ދާއިރާއަކީ ފޭދޫއެވެ. މި ދާއިާ އިން އެކަނި ވެސް 739 މީހުން ބައިވެރިވެފައިވެއެވެ. ކުރީ ސަރުކާރާއި މި ސަރުކާރާ އަޅާ ބަލާއިރު ރަނގަޅީ ކޮން ސަރުކާރެއްތޯ އެހުމުން 395 (%53.45) މީހުން ބުނެފައި ވަނީ ރަނގަޅީ ޕީޕީއެމް ކަމަށެވެ. މި ސަރުކާރު ރަނގަޅު ކަމަށް ބުނެފައި ވަނީ 208 (%28.15) މީހުންނެވެ. އެއްވެސް ސަރުކާރެއް ރަނގަޅެއް ނޫން ކަމަށް 92 (%12.45) މީހުން ބުނި އިރު، ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް 44 (%5.95) މީހުން ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ކޮން ޕާޓީއަކަށްތޯ ސުވާލު ކުރުމުން ގިނަ ބަޔަކު ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ އިދިކޮޅު ޕީޕީއެމަށް ކަމަށެވެ. އެގޮތުން 408 (%55.21) މީހުން ޕީޕީއެމަށް ވޯޓު ދޭނެ ކަމަށް ބުނި އިރު، 187 (%25.30) މީހުން ބުނެފައި ވަނީ އެމީހުންގެ ވޯޓު ލިބޭނީ އެމްޑީޕީ އަށް ކަމަށެވެ. އަދި ފިކުރެއްގެ ދިރުމަށް ވޯޓު ދޭނެ ކަމަށް 78 (%10.55) މީހުން ބުނާ އިރު، ގޮތް ނުނިންމާ ކަމަށް 40 (%5.41) މީހުން ބުނެފައިވެއެވެ. މި ދާއިރާގައި ޖޭޕީއަށާއި އެމްއެންޕީއަށް ވޯޓު ދޭނެ ކަމަށް ބުނާ ބަޔަކު ތިބި އިރު، ވޯޓުލާން ނުދާނެ ކަމާއި ރަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނާ މީހުން ވެސް އެބަތިބިއެވެ.

ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅު ބޭފުޅަކީ ކޮބައިތޯ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ފޭދޫން ދިމާވި ޕީޕީއެމް ސަޕޯޓަރުންނާ ސުވާލު ކުރީމެވެ. އެގޮތުން 304 (%75.62) މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ.

ފޭދޫގައި އެންމެ ބޮޑު ތާއީދެއް އޮތީ ޑރ. މުއިއްޒަށާއި ޑރ. ޝަހީމަށާއި ސައީދަށެވެ. މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް ބުނާ 41 (%10.20) މީހުން ތިބި އިރު، ޝަހީމަށް ޓިކެޓު ދޭން ފެންނަ ކަމަށް 21 (%11.44) މީހުން އެބަތިބިއެވެ. އަދި ސައީދަށް ޓިކެޓު ދޭން ފެންނަ ކަމަށް 5 (%1.24) މީހުން ބުނެފައިވެއެވެ.

ހުޅުދޫ އޮތީ ޕީޕީއެމް ކޮޅަށް ބުރަވެފައި!

މި ސާވޭ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫގައި ވެސް ކުރިއަށް ގެންގޮސްފައިވާނެއެވެ. ހުޅުދޫ ދާއިރާ އިން އެކަނި ވެސް މި ސާވޭގައި 410 މީހުން ބައިވެރިވެފައިވެއެވެ. ކުރީ ސަރުކާރާއި މި ސަރުކާރާ އަޅާބަލާއިރު، ރަނގަޅީ ކޮން ސަރުކާރެއްތޯ އެހުމުން 243 މީހުން (%59.27) މީހުން ބުނެފައި ވަނީ އެމީހުންނަށް ރަނގަޅީ ޕީޕީއެމް ސަރުކާރު ކަމަށެވެ. މި ސަރުކާރު ރަނގަޅު ކަމަށް ބުނެފައި ވަނީ 127 (%30.98) މީހުންނެވެ. އެއްވެސް ސަރުކާރެއް ރަނގަޅެއް ނޫން ކަމަށް 24 (%5.85) މީހުން ބުނި އިރު، ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް 16 (%3.90) މީހުން ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ކޮން ޕާޓީއެއްތޯ އެހުމުން ވެސް ގިނަ ބަޔަކު ބުނީ އެމީހުން ވޯޓު ދޭނީ ޕީޕީއެމަށް ކަމަށެވެ. ޕީޕީއެމަށް ވޯޓު ދޭނެ ކަމަށް 230 (%56.10) މީހުން ބުނެފައިވާ އިރު، އެމްޑީޕީ އަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 117 (%28.54) މީހުންނެވެ. ފިކުރެއްގެ ދިރުމަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 30 (%7.32) މީހުންނެވެ. މި ދާއިރާގައި ޖޭޕީއަށާއި އެމްއެންޕީއަށް ވޯޓު ދޭނެ ކަމަށް ބުނާ ބަޔަކު ތިބި އިރު، ވޯޓުލާން ނުދާނެ ކަމާއި ރަނގަޅު ކެންޑިޑޭޓެއް ނެތް ކަމަށް ބުނާ މީހުން ވެސް އެބަތިބިއެވެ.

އެހެން އަވަށްތަކުގެ މީހުންނާ ސުވާލު ކުރި ގޮތަށް މި އަވަށުގެ މީހުންނާ ވެސް ކުރި އެއް ސުވާލަކީ ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމް ޓިކެޓު ދޭން ފެންނަ މީހަކާ ގުޅޭ ގޮތުންނެވެ. އެގޮތުން 182 (%80.89) މީހުން ބުނެފައި ވަނީ ކޮންމެ ކެންޑިޑޭޓެއް ވިޔަސް މައްސަލައެއް ނެތް ކަމަށެވެ.

މި އަވަށުގައި ބޮޑަށް ތާއީދު ބޮޑީ މުއިއްޒަށާއި ޝަހީމަށެވެ. އެގޮތުން މުއިއްޒަށް ޓިކެޓު ދޭން ފެންނަ ކަމަށް 19 (%8.44) މީހުން ބުނި އިރު، ޝަހީމަށް ޓިކެޓު ދޭން ފެންނަ ކަމަށް 15 (%6.67) މީހުން ބުނެފައިވެއެވެ. އަދި ޝިޔާމާއި ޣައްސާނާއި ސައީދަށް ޓިކެޓު ދޭން ބޭނުންވާ މަދު ބަޔަކު ވެސް އެބަތިބިއެވެ.

މީދޫ ދާއިރާގެ މެޖޯރިޓީ އެމްޑީޕީ އަށް!

މި ސާވޭ އައްޑޫގެ މީދޫ ދާއިރާގައި ވެސް ކުރިއަށް ގެންގޮސްފައިވާނެއެވެ. މި ސާވޭގައި މީދޫ ދާއިރާ އިން އެކަނި ވެސް 711 މީހުން ބައިވެރިވެފައިވެއެވެ. ކުރީ ސަރުކާރާއި މި ސަރުކާރާ އަޅާ ބަލާއިރު ރަނގަޅީ ކޮން ސަރުކާރެއްތޯ ސުވާލު ކުރުމުން 338 (%47.54) މީހުން ބުނެފައި ވަނީ އެމްޑީޕީ ކަމަށެވެ. އަދި 280 (%39.38) މީހުން ބުނެފައި ވަނީ އެމީހުންނަށް ކަމު ދަނީ ޕީޕީއެމް ކަމަށެވެ. އެއްވެސް ސަރުކާރެއް ރަނގަޅެއް ނޫން ކަމަށް 54 (%7.59) މީހުން ބުނާ އިރު، ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް 39 (%5.49) މީހުން ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ކޮން ބަޔަކަށްތޯ ސުވާލު ކުރުމުން 334 (%46.98) މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ރައީސް ސޯލިހަށް ކަމަށެވެ. އަދި 281 (%39.52) މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ޕީޕީއެމަށް ކަމަށެވެ. މި އަވަށުން ދިމާވި 45 މީހުން (%6.33) މީހުން ބުނެފައި ވަނީ އަދި މިހާތަނަށް އައިއިރު ގޮތް ނުނިންމާ ކަމަށެވެ. އަދި 29 (%4.08) މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ފިކުރެއްގެ ދިރުމަށް ކަމަށެވެ.

ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ ކާކުތޯ ޕީޕީއެމްގެ ސަޕޯޓަރުން ގާތުގައި އެހިއިރު، 269 މީހުންގެ ތެރެއިން 223 (%82.90) މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. އޭގެ ފަހުގައި މި އަވަށުގައި އެންމެ ބޮޑު ތާއީދެއް އޮތީ މުއިއްޒަށެވެ. އޭނާ އަށް ޓިކެޓު ދޭން ފެންނަ ކަމަށް 26 (%9.67) މީހުން ބުނެފައިވެއެވެ. އަދި ޑރ. ޝަހީމަށް ނުވަ (%3.35) މީހުން، ޣައްސާނަށް ހަ (%2.23) މީހުން ތާއީދުކޮށްފައިވެއެވެ.

މީދޫ އަވަށުން ޕީޕީއެމް ފޮހެވި، އެމްޑީޕީ ކުރިއަށް!

"ވަގުތު" ގެ ސާވޭ އައްޑޫގައި ވަކިން އޮންނަ ސ. މީދޫގައި ވެސް ކުރިއަށް ގެންގޮސްފައިވާނެއެވެ. އެ ދާއިރާއަކީ މީގެކުރިން ނަމަ ޕީޕީއެމްގެ ތާއީދު އިންތިހާ އަށް ބޮޑު ދާއިރާއެކެވެ. އެކަމަކު، މިހާރު ވަނީ މަންޒަރު ބަދަލުވެފައެވެ. މީދޫގައި ކުރިއަށް ގެންދިޔަ ސާވޭގައި 526 މީހުން ބައިވެރިވިއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި 227 (%43.16) މީހުން ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ ޕީޕީއެމަށެވެ. އެމްޑީޕީ އަށް ވޯޓު ދޭނެ ކަމަށް 222 (%42.21) މީހުން ބުނި އިރު، ގޮތް ނުނިންމާ މީހުންނާއި ބައެއް ކުދި ސިޔާސީ ޕާޓީތަކަށް ތާއީދު ކުރާ މީހުން ވެސް މި އަވަށުގައި އެބަތިބިއެވެ.

ހުޅުދޫ އާ އެއް ފަސްގަނޑެއްގައި އޮންނަ މީދޫ އަވަށުގެ މީހުންނާ ކުރި ދެވަނަ ސުވާލަކީ ކުރީ ސަރުކާރާއި މި ސަރުކާރާ އަޅާބަލާއިރު ރަނގަޅީ ކޮން ސަރުކާރެއްތޯއެވެ. ކުރީ ސަރުކާރު ރަނގަޅު ކަމަށް 226 (%42.97) މީހުން ބުނި އިރު، މި ސަރުކާރު ރަނގަޅު ކަމަށް ބުނީ 218 (%41.44) މީހުންނެވެ. އެއްވެސް ސަރުކާރެއް ރަނގަޅު ނޫން ކަމަށް 50 މީހުން ބުނިއިރު، ދެ ސަރުކާރު ވެސް ރަނގަޅު ނޫން ކަމަށް 32 މީހުން ބުނެފައިވެއެވެ.

މީދޫގައި ދިރިއުޅޭ މީހުންނާ ކުރި އެއް ސުވާލަކީ ރިޔާސީ އިންތިހާބުގައި ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި ޕީޕީއެމްގެ ޓިކެޓު ދޭނެ މީހަކާ މެދުގައެވެ. މި ހިޔާލު ހޯދުމުގެ ސާވޭގައި 121 މީހުން ބައިވެރިވެފައިވެއެވެ. އެގޮތުން 100 މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅު ކަމަށެވެ. އެކަމަކު، 16 މީހަކު ބުނެފައި ވަނީ ޕީޕީއެމްގެ ޓިކެޓު މުއިއްޒަށް ދޭން ފެންނަ ކަމަށެވެ.

މަރަދޫފޭދޫ ރަން ރީނދޫ ކުލަ އިން ފަވާލާފައި!

"ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭގައި އެމްޑީޕީ އަށް ނެގުނު މަދު އަވަށްތަކުގެ ތެރެއިން އެއް އަވަށަކީ މަރަދޫފޭދޫއެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ކޮން ޕާޓީއަކަށްތޯ އެހުމުން ސާވޭގައި ބައިވެރިވި 185 މީހުންގެ ތެރެއިން 112 (%60.54) މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ރައީސް ސޯލިހަށް ކަމަށެވެ. ޕީޕީއެމަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 54 (%29.9) މީހުންނެވެ. އަދި ވަކި ގޮތެއް ނުނިންމާ ކަމަށް 11 (%5.95) މީހުން ބުނެފައިވެއެވެ. މި އަވަށުގައި ފިކުރެއްގެ ދިރުމާއި ޖޭޕީ އާއި އެމްއެންޕީގެ މަދު ބަޔަކު ވެސް އެބަތިބިއެވެ.

ކުރީ ސަރުކާރާއި މި ސަރުކާރާ އަޅާބަލާއިރު ރަނގަޅީ ކޮން ސަރުކާރެއްތޯ އެހުމުން 120 (%64.86) މީހުން ބުނެފައި ވަނީ އެމީހުންނަށް ރަނގަޅީ އެމްޑީޕީ ސަރުކާރު ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރު ރަނގަޅު ކަމަށް 54 (%29.19) މީހުން ބުނެފައިވެއެވެ. މި އަވަށުގައި ވެސް ދެ ސަރުކާރު ރަނގަޅު މީހުންނާއި އެއްވެސް ސަރުކާރެއް ރަނގަޅު ނޫން ކަމަށް ބުނާ މީހުން އެބަތިބިއެވެ.

މި އަވަށުގެ މީހުންނާ ކުރި އެއް ސުވާލަކީ ޔާމީން ނެތް ހާލަތުގައި ތާއީދު ކުރާނެ ކެންޑިޑޭޓަކާ މެދުގައެވެ. ޕީޕީއެމްގެ 148 މީހުން ބައިވެރިވި ސާވޭގައި ގިނަ ބަޔަކު ބުނެފައި ވަނީ ކޮންމެ ކެންޑިޑޭޓެއް ނުކުތަސް މައްސަލައެއް ނެތް ކަމަށެވެ. އެގޮތުން 123 (%83.11) މީހުން ބުނެފައި ވަނީ ޕީޕީއެމް ނަމަ ކޮންމެ ކެންޑިޑޭޓެއް ވެސް ރަނގަޅު ކަމަށެވެ. މި އަވަށުގެ އެންމެ ގިނަ ބަޔަކު ބުނީ މާލޭގެ މޭޔަރު މުއިއްޒަށް ޓިކެޓު ދޭން ފެންނަ ކަމަށެވެ. އެގޮތުން %10 (6.76) މީހުން ބުނެފައި ވަނީ މުއިއްޒު ރަނގަޅު ކަމަށެވެ. މި އަވަށުގައި ވެސް އެހެން ބައެއް ބޭފުޅުންނަށް ތާއީދު ކުރައްވާ ބޭފުޅުން އެބަތިބިއެވެ.

މި ސާވޭގައި އައްޑޫގައި ދިރިއުޅޭ އެކަމަކު، އައްޑު އަށް ނިސްބަތް ނުވާ މީހުންނާ ވެސް ސުވާލު ކުރީމެވެ. ގިނަ މީހުންނަށް ކަމު ގޮސްފައި ވަނީ ޕީޕީއެމެވެ. އަދި ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ވެސް ޕީޕީއެމަށް ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. ގިނަ މީހުން ބުނާ ގޮތުން ޕީޕީއެމް ނަމަ ކޮންމެ މީހަކު ވެސް ރަނގަޅެވެ.

އައްޑޫގައި ކުރިއަށް ގެންދިޔަ މި ސާވޭ އިން އެނގުނު ގޮތުގައި ބޮޑު "ކިއްލާ" އެއްގެ ގޮތުގައި އޮތް އެމްޑީޕީގެ ބާރު އައްޑޫ ސިޓީގައި އަންނަނީ ދަށްވަމުންނެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބެކޭ އެއްގޮތަށް ޕީޕީއެމް ފިކުރުގެ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި އައްޑޫގައި އޮންނާނެ ކަމަށް މި ބެލެވެނީ އެމްޑީޕީ އާއި ޕީޕީއެމްގެ ވާދަވެރިކަމެކެވެ. ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވާ އެހެން ސިޔާސީ ލީޑަރުންނަށް މާ ބޮޑު ތާއީދެއް އޮތް ކަމަށް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޝެއިޚް އަޖުމަލް.

    މިއީ ދުނިޔޭގެ އެކިޤައުމު ތަކުގައި ނޫސްވެރިން ކުރާކަމެއް. ވަގުތު ޓީމަށް ޝުކުރިއްޔާ.
    1.އަށްޑޫ ރައްޔިތުންނަކީ ވ ތައުލީމީ ލޯ ހޮޅުވޭބަޔެއް.
    2. އެމީހުންނަށް އިނގޭ 1.5 ބިލިއަން ރުފިޔާ އިން އެމީހުން ދަރުވާލާފަކަން ތިބިން ހިއްކަނީ
    3. އަށްޑޫ ރައްޔިތުންނަކީ ޤައުމުން އެންމެ އިންޗިއެއްވެސް ދޫކޮށްލަން ނޭދޭބަޔެއް
    4. ރ.ޔާމިން ފޭދޫގަހިއްކި ބިން އަދިވެސް އޮތީ. 5. މިސަރވޭ ނަތީޖާ އިން ދައްކަނީ ޕީޕީއެމް އިތުރަށް މަސައްކަތް ކުރަންޖެހޭކަން.
    6. އަށްޑޫގެ ޒުވާނުންނާއި އިސްރަށްވެހިން ބޭނުންވަނީ މިޤައުމު، ބިރިޔާނީތަށްޓެއްނޫން. އަދި ބޮޑް ތިލަދުންމަށްޗާއި، މެދާއި، މާލޭގެ ރައްޔިތުންވެސް ތިބީ ތަކުރުންގެ ހިތްވަރުގައި ޤައުމަށްޓަކާ ލޭއޮހޮރުވާލަން، މިއީ ފަހު ޗާންސް ކަން އެންނެނަށް އިނގޭ.

    65
    14
  2. ނަސޫހާ

    ކިތަންމެ ޕްރޮޖެކްޓެއް ހިންގިޔަސް މިފަހަރު އައްޑޫގެ މެޖޯރިޓީ ނަގާނީ ޕީ.ޕީ.އެމް ، އެއީ ޝައްކެއްވެސް އޮތްކަމެއް ނޫން ! އިންތިޚާބަށް އެންމެ ތިންމަހަށްވީމާ، ބޮޑެތި މަޝްރޫޢުތައް ހިންގަނީ ގިނަމީހުންނަށް ވަޒީފާދީ ވޯޓްގަނެވޭނެކަމަށް ހީކޮށެވެ. ނަމަވެސް
    ކަންވާނީ އެއާދިމާ އިދިކޮޅަށެވެ. އެމީހުންނަށްވެސް އެނގޭ މިއީ ވޯޓްހޯދަން ކުރާކަމެއްކަން! މާދަމާ ވެސް ސަރުކާރު ބަދަލުވީމާ، މިމީހުންގެ ބާރެއް ނޯންނާނެ ކަން !

    73
    20
    • ޟޔިތިޮއ

      https://vaguthu.mv/news/886918/
      މިވަރުގެ ބަޔަކަށް ވޯޓުދޭން ހެޔޮނުވާނެ. އެއްވެސް މިސްރާބެއްނެތް. ރައްޔިތުންނަށް ކޮށްދޭނެ ކަމެއްނެތް. ހަމަ އެކަނި ރައީސް އިބޫ ބަދަލު ކުުރަން ނިޔަތްގަތުމަކީ އަމިއްލަ ގަޔަށް ހީސްލުން.

      23
      49
  3. ކޮންސެޕުޓު

    ކޮންމެ އެއްޗެއް ހިއްކިޔަސް ވަޅުދިޔަހިއްކިޔަސް ޗޯރޭ މިފަހަރު ފެއިލްކޮށްލާނެކަމީ 100 ޕަސެންޓު ޔަގީންކަމެއް ޗޯރޭ ތިޔަތެޅެނީ މިހާރު ބިރުން.

    77
    17
  4. އއ

    އައްޑޫގެ ވާހަކަ ދިވެހި ގައުމުގެ މައްޗައް ނުނެގޭނެ ފުރަތަމަގޯސްވީ!!! ޗާގޯސްގެ ވާހަކަ އެއީ މާބޮޑުވާހަކައެއް!! ޗާގޯސް ދޯކޮއްލިގޮތައް އައްޑޫ ދޫކޮއްލާ އިންޑިއާމީހުންނައް. ! އެމީހުންނަކީ ކޮލޯނިއަލިޒަމްއައް ލޯބިކުރާ ފާޑެއްގެބައެއް.!!

    63
    9
  5. ވޯޓު

    ރައީސް ޔާމީން ނެތިއްޔާ މުއިއްޒު ރަނގަޅުވާނެ އިންޝާﷲ. އެއީ މަސައްކަތް ކުރަން ދަންނަ މީހެއް

    65
    17
    • 1111

      މުޢިއްޒަކިވެސް ވަގެއް. ބުރިޖުގެ އެއްބައި ކާލާފަ އެހުރީ

      3
      13
  6. ޑައެލޯގް

    ވިސްނޭމީހެއް ވެއްޖިއްޔާ އިބޫއަކަށް ވޯޓެއްނުދޭނެއެވެ.ސަބަބަކީ ތަރައްގީކުރަންއައީ ސީދާ އިންތިހާބަށްކަންއެގެއެވެ. އެއީ ކޮރަޕްޝަނެވެ. އިންޑިޔާގެ އަޅުވެތިކަމުގައި ތިހިއްކާބިމުން ކުރެވޭނީ ކޮންކަމެއްކަންވެސްނޭގެއެވެ. މީގެކުރިން ޔާމީނު ހިއްކިބިން އޮންނަތާ 5 އަހަރުވީއެވެ. އައްޑޫމީހަކަށް 1 ރުފިޔާއެއްވެސް އެއިންނުލިބެއެވެ.

    61
    14
  7. އއ

    އައްޑޫ އެއްމެރަނގަޅުވާނީ ބޭރު ގައުމަކައް ދޫކޮއްލީމަ. އެމީހުންނަކީ އިނގީރޭސި ކޮލަނައިޒްގެ އަރާމު ލިބިފަތިބިބައެއް. އެމީހުންނައް ރަނގަޅުވާނީ މިނިވަންކަމައްވުރެ ކާންފަސޭހަވުން. !

    43
    20
  8. ޔާމީން

    އިބޫ މިދިޔަ ފަހަރު އައްޑޫން 6000 ވޯޓު ތަފާތުން ޔާމީން ބަލިކުރީ. ހެހޭ. ހިޔެއް ނުވޭ ދެންވެސް ޕީޕީ އަށް ތިކަންވެދާނެހެން. ހާއްސަކޮށް މާލޭގައި އުޅެ އައްޑޫމީހުންގެ ބޮޑު ސަޕޯޓެއް އިބޫ ހޯދާނެ

    31
    72
  9. Anonymous

    މި ނަތީޖާއަށް ބަލާއިރު ޖޭޕީ އަކީ ވެރިކަމަށް އާދެވޭނެ ޕާޓީއެއް ނޫން ކަން ވަރަށް ސާފެވެ.

    65
    2
  10. ތަކުރު

    ދެން ތިބުނަނީ އައްޑޫ މީހުން ވޯޓް ދެނީ އަތޮޅަށް ކަމެއް ކޮށް ނުދޭ މީހާއަށޭ....

    32
    10
  11. Anonymous

    ކިތަންމެ ވަރަކަށް ޗާޓު ކުރެހިޔަސް، ހިނގާބަލަ ބަލަން އިންތިހާބު. ޗާޓު ކުރަހައި ދޭނަމޭ، މާ އިނގިގެން ތިޔަ އުޅެނި

    23
    17
  12. ހައިރާންވެއްޖެ

    އިންޑިއާ އަޑީގައި އޮވެގެން އައްޑޫގެ ދެކުނަށް އޮތް ކަނޑު ވިއްކާފައި ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަނީއެވެ. ހާދަހާވާ މޮޔަ ރައްޔިތުންތަކެކެވެ.

    41
    12
  13. ޖާބިރު

    ތިޔަ ސަރވޭގައި ބައިވެރިވެފައިވަނީ އައްދޫގައި ތިބި ކުނި ތިއީ އަސްލު ނަތީޖާއެއްނޫން.. ޕީޕީ އައްޑޫއިްނ ފޮހެލާނަން.

    34
    57
  14. ފަލަސްތިން

    އިންޑިޔާ މިހުން ވަޒަންވެރި ކުރަން މި ސަރުކާރުން ނިމްމާފަ އޮތީ.

    37
    7
    • ލޮލް

      އިންޑިޔާ މީހުން ނޫޅޭ ގައުމެއް މިދުނިޔެއިން ކަލޭ ދެކުނިންތަ. ހަހަހ. މާ އެނގޭ

      6
      14
  15. މުފައްކިރު.

    އިންޑިއާ ސިފައިން . މޮރިޝަސް އަށް ދޫކުރި ކަނޑުގެ ސަރަޙައްދަކީ އައްޑޫ އަށް މިސަރުކާރުން ޖެއްސި ބަލާވެރިކަން.

    11
    2
  16. Mr.bean

    އިންޑިޔާ އަށް އައްޑޫ އަތޮޅު ވިއްކާފަ ހިންގާ ޕްރޮޖެކްޓުތަކަށް ނޫން. އަހަރުމެންނަށް މިނިވަން ކަން މާ މުހިންމު، ޕްރޮޖެކްތަކަށް ވުރެން

    11
  17. ދީދީ

    މިއީ ހައިރާންވާން ޖެހޭ ނަތީޖާއެއްނޫންކަމަށް ދެކެން، ސަބަބުތަށް ވަރަށްބައިވަރު.
    މިއޮތް ހުރިހައިދުވަހު އައްޑޫ އޮތީއެއްލައިލައިފައި، އިންތިހާބަށް ދެދުވަހަށްވީމައި ބިންހިއްކައި، ރިސޯޓްހަދައި، އެއަރޕޯޓްހަދައި ޓުއަރިޒަމްގެ ސިނާއަތުގެ ކުލަ ފޮޓޯ ޕްރިންޓްކޮށް ދެއްކިޔަކަސް އެއީ ސިޔާސީ ޑްރާމާއެއްކަން މީހުންނަށް އެބައެނގޭ. ދޫގަސް، އީކްއޭޓަރވިލެޖް، ޝަންގްރިއްލާ އާއި ހެރެތެރެ މިއޮތްހުރިހާދުވަހު އޮތީ އަޅާނުލެވި، މިއަދުވެސް އެދަނީ ވީރާނާ ވަމުން. ރައީސް މައުމޫނުގެ ޒަމާނުގައި ހަދާގޮތަށް ވޯޓްލާން ދެދުވަހަށްވީމައި މާލެއިން ބޮޑު ވަފުދު އައިސް ކިތަންމެ މޮޅުމަންޒަރެއް ދެއްކިޔަސް ހަގީގަތްވާނީ ހަގީގަތަށް.
    މިސަރުކާރުން އިންޑިޔާ އާއި ގުޅިގެން އައްޑޫގައި އެހިންގާ މަސައްކަތުގެ ނަތިޖާ ފޮނިވުމަށްވުރެން ގާތީ ހިތިކަމަކަށް. މިއަދު އިންޑިޔާއިން ބިޔަލޯނުނަގައިގެން މާދަމާ އެލޯނު ނުދެއްކިގެން އައްޑޫ އެއަރޕޯޓް އިންޑިޔާއަށް ދޭންޖެހޭ މަންޒަރު މިއަދުވެސް ފެންނަ ކަހަލަ.
    ތެދެއް ސާކްސަމިޓަށް އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލު ނުކުރެވުނުނަމަ މިއަދު އެތަނުގައި އޮންނާނީ ޖަންގަލީ.

    11
    1
  18. މިގުލް

    އިބޫ ބޮޑު ކުރި ޓެކުސް ކޮތަޅުން ނެގި 2ރފޔ މިނިމަމް ވޭޖް ގަވާއިދެއް ނެތި ހަދާ ފަތުރުވެރިކަމުން ބިދޭސީން އިތުރު ކުރުން މީ އިބޫ ހޮވަން މަށަށް ވަރަށް އުނދަނގޫ ކަމެއް

    15
    2
  19. އައްޑޫ ހިތަދޫ

    އައްޑޫގަ އިންޑިޔާ މީހުން ވަޒަންވެރި ކުރުވަން އެއުޅެނީ. އައްޑޫމީހުން މިކަމާ ވަރައްވިންނޭ. އެމްޑީޕީޔަ ވޯޓެއް ނުދޭނެ އިންޝާﷲ

    14
    1
  20. މަލީ

    ފަސްއަހަރު ފާއިތުވެ ދިޔަ އަިރުވެސް އައްޑޫގެ މަގުތައް ކޮނެފައި ހަލާކު ކޮސްލާފައި ޗޯރޭ ދެން މި ބުނަނީ އައްޑޫ ހަދާނަމޭ ރަންގަނޑަކަށް. ތިކަމެއް ނުވާނެ. ދެންވެސް މިޤައުމުގައި ވަރުގަދަ ޕްރޮޖެކްޓެއް ހިންގިޔަސް ހިންގާނި ޕީޕީއެމް ގެ ވެރިކަމެއްގައި .ރައީސް ނަޝީދު އާޢި ޔާމިން ގުޅިގެން މިޤައުމުގައި ވެރިކަން ކުރާނަމަ މިޤައުމުގައި ސްލަހަ އާޢި މަސްލަހަތު މާރަނގަޅު ވާނެ. މިޤައުމުގައި އޮތީ ޔާމީން ފިކްރާއި ނަޝީދުގެ ފިކުރު.

    6
    2
  21. ދީމުގުރާތުސް

    އައްޑޫމީހުން ޕްރޮޖެކްޓްތައް ބަލައިނުގަންނަ ކަމަށްވާނަމަ، ވަގުތުން ވަގުތަށް ޕްރޮޖެކްޓްތައް ހުއްޓާލާ، އެހެން ސަރަހައްދަކަށް މި ޚަރަދުތައް ކުރުން މާ ރަނގަޅުވާނެ. ސިޔާސީގޮތުން ޚިޔާލުތަފާތުވިޔަސް، އައްޑޫއަށް ރަނގަޅު ކުރިއެރުންތައް ބަލައިގަތުމުގެ ގާބިލުކަން ހުންނަންޖެހޭނެ.

    5
    4
    • ކިނބޫ

      ވަގުތުން ވަގުތަށް ޕްރޮޖެކްޓްތައް ކޮމަންޑުއަށް ބަދަލު ކޮށްލާ! ހަވާދުކަރައަށް އަހަރުމެންގެ އަތޮޅު ވިއްކާފަ، އިންޑިއާގެ މުސްލިމުން އުޅޭ ހާލުގަ އުޅެން އަހަރުމެނަށް ޖައްސާނެ ކަމެއް ނެތް. ކަނޑުފަޅު ފީނައި ކުނބުރަން ކޮށައިގެން ކައިގެން އުޅެން އެނގޭ އަހަރުމެންނަށް. އެހެންވެ މަސް ކަނޑުވެސް ވިއްކާލީ. ފަޅެއް އޮތިއްޔާ ބިން ހިއްކާ އަވައިގަ މީހުން ޖައްސާފަ އެތަންތަން ހަލާކު ކޮށް ފަނާ ކުރަނީ.

  22. Anonymous

    މިކަމަށް އިސް އޮފިސަރުން އެއްބާރުލުން ނުދޭނެ ކަމަށް ހީކުރަން.
    މި އޮފިސަރުންނަކީ މިރާއްޖެ ދިފާއީ ބާރުގެ އެންމެ މަތީ ވެރިން. އެމީހުންގެ ސައިކޮލޮޖިކަލް ޕްރޮފައިލް އިންޑިޔާއިން ހެދުމަކީ އެމީހުންނާ ބެހޭ އެންމެ ސިއްރު މައުލޫމާތު ވެސް

    1
    0
  23. އައްޑޫ މީހާ

    ކޮމަންޑޫއަށް ހެދިގޮތް އަހަރުން ހަނދާނެއް ނުނެތޭ އަދި. ކޮންމެ އިންތިހާބަކަށް އައްޑޫ ތަރައްގީ ކުރަާނެ. އިންތިހާބު ނިމުނީމަ އައްޑޫ އޮތްކޮޅަށް ބޯއަޅައިގެން ނުވެސް ނިދާނެ.

  24. އެދުރު

    ރިޔަ އައްޑޫ އަކީ މުނާފިގުންގެ ހާއްޔެއް.. އެމީހުން މޑޕ ނޫނީ ދ ޑމކރޓސ އައް ނޫނީ ވޯޓެއް ނުދޭނެ.. ދީނާ ދެކޮޅުވިވަރަކަށް އައްޑޫ މީހުންނަށް ކަމުދާނީ.. އައްޑޫ އާ
    ފުވައްމުލަށް މީ ހަމަ އެކައްޗެއް..

  25. ކިނބޫ

    ވަގުތުން ވަގުތަށް ޕްރޮޖެކްޓްތައް ކޮމަންޑުއަށް ބަދަލު ކޮށްލާ! ހަވާދުކަރައަށް އަހަރުމެންގެ އަތޮޅު ވިއްކާފަ، އިންޑިއާގެ މުސްލިމުން އުޅޭ ހާލުގަ އުޅެން އަހަރުމެނަށް ޖައްސާނެ ކަމެއް ނެތް. ކަނޑުފަޅު ފީނައި ކުނބުރަން ކޮށައިގެން ކައިގެން އުޅެން އެނގޭ އަހަރުމެންނަށް. އެހެންވެ މަސް ކަނޑުވެސް ވިއްކާލީ. ފަޅެއް އޮތިއްޔާ ބިން ހިއްކާ އަވައިގަ މީހުން ޖައްސާފަ އެތަންތަން ހަލާކު ކޮށް ފަނާ ކުރަނީ.