"ދަ ޑިމޮކްރެޓްސް"ގެ މެމްބަރުންގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ގެއްލިފައިވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ޙުސެއިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އަނދުން ޙުސައިން ވިދާޅުވީ، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ގެއްލިފައިވާ ކަމަށާއި މަޖިލީހުގައި މިވަގުތު އޮތީ ހަމައެކަނި އޮނިގަނޑެއް ކަމަށެވެ. އަދި ކޮމިޓީތަކުގައިވެސް މެންބަރުން ނެތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހަކީ "ދަ ޑިމޮކްރެޓްސް"ގެ މެމްބަރުންނަށް އެއާ ޓައިމްދޭ ތަނެއް ނޫންކަމަށާއި އެފަދަ ތަނަކަށް މަޖިލިސް ހެދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އަނދުން ހުސައިން ވަނީ ވިދާޅުވެފައެވެ.

ހުސައިން ވިދާޅުވި ގޮތުގައި މަޖިލީހުގެ އިމްތިޔާޒު ގެއްލުވާލާ މައްސަލައިގައި ތަކުރާރުކޮށް ރިޔާސަތުން އެކަން ވަނީ ފާހަަކުރައްވާފައެވެ. އެހެންކަމުން މިހާރު ހުށައަޅާފައިވާ އިމްތިޔާޒްގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ކުރިޔަށް ގެންދިޔައިރުވެސް ޑިމޮކްރެޓްސްގެ މެންބަރުން ޖަލްސާގައި ނެތްކަމަށް ހުސައިން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި މައްސަލާގައި ބަހުސްކުރަން އެދިވަޑައިގެންނެވި މެމްބަރުން ތަޅުމުގައި ނެތްކަމަށް ބުނެ، މަޖިލީހުގެ ރިޔާސަތުން މިއަދު އެމައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ރިޔާސަތުން ބުނެފައިވަނީ ބަހުސްގައި ވާހަކަ ދައްކަވަން ހަތަރު މެމްބަރުން ތިއްބެވި ކަމަށާއި ނަމަވެސް، އޭގެ ތެރެއިން އެއްވެސް މެމްބަރަކު ތަޅުމުގައި ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޖިލީހަށް ހުށައަޅާފައިވާ އިމްތިޔާޒްގެ މައްސަލަ ދައުރު ދިގުކޮށްގެންނަމަވެސް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 184 ވަނަ މާއްދާގެ ދަށުން، އިމްތިޔާޒްގެ މައްސަލަތަކުގައި ބަހުސް ކުރެއްވުމަށް މައްސަލަ ހުށަހެޅުއްވި މެމްބަރަށާއި، ސިޔާސީ ޕާޓީތަކުގެ ކޮންމެވެސް އެއް މެމްބަރަކަށް އަދި މިނިވަން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކަށް ހަމަހަމަ އުސޫލުން ފުރުސަތު ދޭން ޖެހެއެވެ.