މި ސަރުކާރުން ބޭނުންވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހި ރާއްޖެއަށް ގެނައި ތަރައްގީއަށް ފަސްއަޅާ ފޮރުވަން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެހެން ވިދާޅުވީ ރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގައުމުގެ ތަރައްގީގެ ކަންކަން ކުރިއަށްގެންދާ ގޮތަށް ބަލާއިރު ޔާމީންގެ ސަރުކާރުގައި މަޝްރޫތައް ކުރިއަށް ގެންދިޔަގޮތުގައ ހަދާން އާކުރަން ޖެހޭ ކަމަށެވެ. މި ސަރުކާރުން މަސައްކަތް ކުރަނީ ޔާމީން ގެނެސްދެއްވި ތަރައްގީއަކީ ހަގީގަތެއް ނޫން ކަމުގައި ހެދުމަށް ކަމަށާއި ރައްޔިތުން ހަނދާނުން އެކަން ފުހެލުމަށް ކަމަށެވެ.

ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށ ވިދާޅުވީ މުއިއްޒު ވަނީ ޔާމީންގެ ސަރުކާރުގައި ރާއްޖެއަށް ގެނެސްދިން ބައެއް ތަރައްގީގެ މަޝްރޫއުތަކުގެ ހަނދާން އާކޮށްދެއްވާފަ އެވެ.

"2013 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް ޔާމީން ވައުދުވެވަޑައިގެން އެއް ކަމަކީ 10 އަހަރުވަންދެން އެހެން ސަރުކާރުތަކަށް ހާސިލްކޮށްނުދެވި އޮތް ސުމާނީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް. އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެފަރާތްތަކަށް ގެދޮރު ބިނާކޮށްދޭނަމޭ." މުއިއްޒު ވިދާޅުވި އެވެ.

އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ސަރުކާރުގެ އެހެން ބައެއް ވުޒާރާތަކުގެ އިސްބޭފުޅުން ގެންދަވައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމެވުނަށް ޔާމީން އެދިލެއްވި ކަމަށެވެ. އަދި އެ ބޭފުޅުންނަށް އެ ކަން ކުރުމުގެ ހުރިހާ ވަސީލަތްތަކާއި އެ މަގު ޔާމީން ފަހިކޮށްދެއްވި ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތަކުގެތެރޭގައި ރަސްފަންނު ހިމެނޭކަން ފާހަގަކުރަމުން މުއިއްޒު ވިދާޅުވި އެވެ، އެތަން ހެދިގެން ދިއުމުން ވަރަށް ނަލަ މަންޒަރެއް ފެނިގެން ދިޔަ ކަމަށެވެ.

" ރައީސް ޔާމީން އަޅުގަނޑުކައިރީގައި ދެއްނެވީ ބޭނުންވެއޭ ރާއްޖެތެރޭ ރަށެއްގެ ހިތްގައިމު ގޮނޑުދޮށެއްގައި އެ ފެންނަ މަންޒަރު އެ އިހްސާސް މާލޭގެ ހުޅަނގު ފަރާތް އޮތްގޮތް ބަދަލުކޮށްދެއްވާފައި އެކަން ކޮށްދެއްވުމަށް. ދެން އަޅުގަނޑު އެކި ކުރެހުންތައް ހަދައިގެން ގޮސް އެމަނިކުފާނު އެޕްރޫވްކުރަންދެން އެ މަސައްކަތް ކުރިން. އެ މަނިފާނު ވިދާޅުވީ މަސައްކަތް ފަށާށޭ އަދި 4 މަސް ދުވަހު ނިންމާށޭ. ރައީސް ޔާމީން އެކަމަށް ވެސް މަގުފަހިކޮށްދެއްވި އަދި ކައިރިން މަސައްކަތް ބެއްލެވި." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ސަލްޓަން ޕާކާއި ކިންގް ސަލްމާން މިސްކިތާއި ސިނަމާލެ ބްރިޖްގެ ތަރައްގީގެ ބޮޑު ބިޔަ މަސައްކަތް ރައީސް ވަރަށް ގާތުން ބައްލަވައި އެކަން ކުރެއްވުމަށް އިދާރާތަކަށް ބާރު އެޅުއްވި މިންވަރު ކިޔާދެއްވާފަ އެވެ.

ޔާމީންގެ ތަރައްގީގެ ވާހަތައް ދަންނަވާލަން ޖެހުނީ މިއަދު މި ގައުމުގެ ތަރައްގީގެ ކަންތައްތަކަށް ވެފައި އޮތްގޮތް ފެނަން އޮތުމުން ކަމަށް ވިދާޅުވި އެވެ. އެ މަޝްރޫއުތަކާއި މިހާރު ކުރިއަށްދާ މަޝްރޫތަކާއި އުޑާއި ބިމާހާ ތަފާތިކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަމަސްތޭ

    ހަހަހަ ކަލޭމެން އުޅެބަލަ ވައްކަންތަށް ފޮރުވަން ޔާމިނު ކޮށްފަހުރި . . . ކާކު ކޯޗަކަށް ފަސްއަޅާކަށް . . . މަހާނަ މައްޗަށް ފަސްއަޅާބަލަ

    5
    4
  2. Anonymous

    ޔާމީނުގެ ވެރިކަމުގައި، މައުމޫނުގެ މައިދާންތަކާ ދިވެހިވަންތަ ޕާރކުތަކާ މަރުކަޒުތަކުގެ ވަށާފާރާ ތަންތަން ފަސްއަޅާ ފޮރުވިގޮތަކަށް ނޫން. ލޮލް

    6
    4
  3. ރޯނުވި ކަދުރު ރުއް

    ބޭފުޅާގެ ތަރައްގީ އަށް ފެންޖަހާ މިހާރު ކޮންމެ ދުވަހަކު، އެމަރުނުވެ ހުރޭތޯ ބަލަން. އެވެސް ފަނަށް.

    4
    2
  4. Anonymous

    ކިތަންމެ ޔާމީނުވާން އުޅުނަސް ތިއީ ރައީސް ޔާމީނުގެ ދުޝްމަނެއް. ބޭރުފުށް އޮމާންކޮށްގެން ރައީސް ޔާމީނުގެ ނަން ބޭނުންކޮށްގެން ތިއުޅެނީ ރައީސްކަން ހޯދަން. ތިއީ ރައީސް ޔާމީނަށް އެންމެ ބޮޑު ގެއްލުމެއް ދިން މީހާ. ރައީސް ޔާމީނަށް ވަފާތެރި މީހުންނަށް ތިއީ ކާކުކަން އޮޅިފައެއް ނެތް. ވަރަށް ސަލާން.

    7
    3
  5. ޢިބްރާހީމް

    ގާނޫނުތަކަށް ބެލުމެއްނެތި އުސޫލެއް ނެތި މުވައްޒަފުންތަކެއް ނަގާފަ އެކަން އޮއްބާލަން ހެދިގޮތެއް އެއީ ހެކި އޮތީމަ މި ބުނަނީ ޓްރައިބިއުނަލަށް މުއިއްޒު ހާޒިރުކުރާނަން އިންޝާ ﷲ ވިސްނާ ހުންނާތި.