ވަކި މީހަކު ޕާޓީޢެއް އުފައްދަން ހުށަހެޅުމުން އެކަމަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)ގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ހުށަހެޅި ނަމަވެސް އިލެކްޝަންސްއިން ދަނީ އެ ޕާޓީ އުފައްދަން ހުއްދަ ދިނުމަށް ލަސް ކުރަމުންނެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް އެކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އިލެކްޝަންސްގެ މަސައްކަތް އެންމެ ރަނގަޅަށް ތަރުތީބުވެފައިވާތަން ނުފެންނަ ކަމަަށެވެ.

ނާޒިމް ވިދާޅުވީ ޕާޓީތައް އުފެއްދުމުގައި ތަފާތު ކުރުމެއް ނެތި ކަންކަން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން އީސީއަށް ފޯމު ހުށަހެޅުމަށް ފަހު ހަސަން ލަތީފް ނޫސްވެރިންނާވާހަކަ ދައްކަވަނީ. --

"އެއީ ވަކި މީހަކު ހުށަހެޅީތީ ވަކި މީހަކު ހުށަނާޅާތީއެއް އެ ކަމުގައި ހުރަސްތައް އޮވެގެން ނުވާނެ. މި ކަހަލަ ކަންކަން ދިމާވީމާ އިންސްޓްޓިއުޝަނާ ދޭތެރޭ އޮންނަ އިތުބާރު ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް ގެއްލިގެން އެބަދޭ. ހާއްސަކޮށް މި ޕާޓީން ގަބޫލު ކުރަނީ ހަމަހަމަ ކަމާއި އިންސާފު ކޮންމެ މީހެއްގެ މައްޗަށް ވެސް ގާއިމު ކުރެެވެން ޖެހޭނެ" ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާއިރު ދެން ތިއްބެވި މެމްބަރުން އުޒުރުވެރިވާކަން ވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ. އަދި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ތަކުރާރުކޮށް އެ ބޭފުޅުން އެބަ އެ ބޭފުޅުން ވިދާޅުވޭ ދެން ތިބި ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކަންކަން ސަލާމަތް ކުރައްވަން އުޅުއްވާ ބޭފުޅުންނޭ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިލްޒާމް އަޅުވަމުން އެބަދޭ" ނާޒިމް ވިދާޅުވިއެވެ.