މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރި އެ ލިސްޓުގައި ގިނަ އަދަދަކަށް މަރުވެފައިވާ މީހުން ހިމެނޭ ކަން ހާމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކުގެ ތަފާސް ހިސާބުތައް މިއަދު އާންމުކޮށްފައެވެ.

އެގޮތުން އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުން ލިސްޓުގައި އޮތުމެވެ.

އެގޮތުން މަރުވެފައިވާ 465 މީހުން ވޯޓާސް ލިސްޓުގައި އޮތެވެ.

ދެން އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ އެޑްރެސް ބަދަލުވެގެންނެވެ. އެއީ 58 ޝަކުވާއެވެ. އެއަށް ފަހު ލިސްޓުގައި ނެތިގެން ވެސް 19 ޝަކުވާ ހުށަހަޅާފައި ވެއެވެ.

އަންނަ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 30 ސެޕްޓެމްބަރުގައި ބާއްވަންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ އޮގަސްޓް ނުވައެއްގައެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް ލިބޭ މުއްދަތަކީ އޮގަސްޓް 10 އިން ފެށިގެން ސެޕްޓެމްބަރު އަށެއްގެ ނިޔަލަށެވެ.

ވޯޓު ލެވޭ މީހުންގެ ރީ ރަޖިސްޓްރޭޝަންގެ ގޮތުގައި 16 ދުވަސް އޮންނަ އިރު، އެ މުއްދަތަކީ 16 ޖުލައި އިން ފެށިގެން އޮގަސްޓް ފަހަކާ ހަމައަށެވެ.

އިންތިހާބަށް ކުޑަތަންވެފައިވާ އިރު އަދިވެސް ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބެ އެވެ. އެހެންވެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ވަނީ އިއުލާންކޮށްފަ އެވެ.