ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް ޢަމަލުކުރުން މަޑުޖައްސާލުމަށްސިވިލް ކޯޓުން ނެރުއްވި އަމުރު ދަމަހައްޓައިފިއެވެ.

އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމެވީ 3000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދެއްވުމަށްފަހު މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރުއެމް އުވާލެއްވުމަށް ނިންމެވި ނިންމުން މަޑުޖެއްސުމަށް ސިވިލް ކޯޓުން ނެރުއްވި ވަގުތީ އަމުރު މުރާޖަޢާކުރެއްވުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް މައްސަލަ މުރާޖައާ ކުރުމަށްފަހު ސިވިލް ކޯޓުން ނެރުއްވި އަމުރުގައި ވެސް ވިދާޅުވީ ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދަ ޙަޤީޤަތެއް އެމްއާރްއެމުން ހާމަނުކޮށް އޮތްކަން އިލެކްޝަންސް ކޮމިޝަނަށް ބަޔާންކޮށްދެއްވިފައި ނުވާކަމަށެވެ.

އެމްއާރުއެމްގެ ރައީސަކީ ރައީސް މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނެވެ. އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ދިނީ 20 ނޮވެމްބަރު 2019 ގައެވެ.

ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންނާއި ކުންފުނިތަކުގެ އެމްޑީން ވެސް ހިމެނޭހެން މިސަރުކާރުގައި އެމްއާރްއެމްގެ ގިނަ އަދަދެއްގެ މެންބަރުން އެބަތިއްބެވެ. ނަމަވެސް އެމްއާރްއެމް އަށް 3000 މެންބަރުން ހަމަނުވެގެން މީގެ ކުރިން ވެސް އެތައް ފަހަރަކު މެންބަރުން ހަމަކުރަން އެޕާޓީން މަސައްކަތް ކުރަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުމާ

    3000 މެންބަރުން ހަމަނުވަނީ ކަމަށް ވީއްޔާ އުވާލާ...
    ކޮންކަމެއްކަތޯ ބަލަންވީ...
    ތާއީދެއް ނެތޯ، ތާއީދެއް ނެތޯ 3000 ހަމަ ނުވި
    އަވަހަށް އުވާލާ