އެމްޑީޕީ އަބަދުވެސް ދާނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުން ގެންދާ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި އެމްޑީޕީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށެވެ. "އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރަން. މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު މި ޕާޓީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން މިދަނީ މީގެ ކުރިން އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ބޮޑުނުވާ ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްދައުރެއް އަދާކުރި، އަދި ދާދިފަހަކާއި ޖެހެންދެން ޕާޓީގެ އެންމެ ނުފޫޒުގަދަ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ނަޝީދު ވަނީ މިދިޔަ ހަފްތާގައި އެމްޑީޕީން އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީން އިސްތިއުފާ ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން." އެޕާޓީން އިސްތިއުފާ ދެއްވީ ކަމަށެވެ.

2018 ވަނަ އަހަރު ރައީސް ސޯލިހް ވެރިކަމަށް އައިސް އަދި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލް ހޯދުމާއި ހަމައަށް އެމްޑީޕީގެ އެންމެ ނުފޫޒުގަދަ ލީޑަރުގެ ގޮތުގައި 15 ވަރަކަށް އަހަރު ހުންނެވީ ނަޝީދެވެ.

ނަމަވެސް ރައީސް ސޯލިހް ވެރިކަން ކުރައްވާ ގޮތުން ނަޝީދާއި ދެމެދު ހިޔާލުތަފާތުވުންތައް އުފެދި، ދެބޭފުޅުން ދުރުވެ، ސިޔާސީ ވާދަވެރިންނަށް ބަދަލުވިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް، ނަޝީދުގެ މައްޗަށް ކުރި ހޯއްދެވުމާއި އަދި އިންތިހާބުގެ ނަތީޖާ ނަޝީދު ގަބޫލު ނުކުރެއްވުމާއި، ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެކަން އިއުލާން ކުރެއްވުމާއިއެކު ނަޝީދާ ރައީސް ސޯލިހްގެ ގުޅުން ވަނީ އެއްކޮށް ކެނޑިފައެވެ.

ނަޝީދަށް ވަފާތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވާފައެވެ. އެމެންބަރުން މިހާރު ގެންދަވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.