ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރަން މިނާއަށް ދަތުރު ފަށާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އަދި ހައްޖު ކޯޕަރޭޝަނުން ވެސް ވަނީ ދިވެހި ހައްޖުވެރިން މިނާއަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށް ބުނެފައެވެ. މިގޮތުން ދަތުރުވެރިން ބަހަށް އެރުމަށް ތައްޔާރުވާ މަންޒަރު ފެންނަ ފޮޓޯތައް ވެސް ވަނީ މިނިސްޓްރީން ހިއްސާކޮށްފައިވެއެވެ.

ޙައްޖުވެރިން މިނާއަށް ދަތުރު ފަށާފައިވާއިރު ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މިއަހަރުގެ ހައްޖު މޫސުމުގައި ދެ މިލިއަން މީހުން ހައްޖުވާނެ ކަމަށް އަރަބް ނިއުސް އިން ބުނެއެވެ.

ސަޢުދީގެ މިނިސްޓްރީ އޮފް އިންޓީރިއާ އަދި ހައްޖުގެ ކަންކަމާއި ގުޅޭ ލީޑަރުން ބުނެފައިވަނީ ހައްޖުވެރިންނަށް ދޭން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން ހައްޖު މޫސުމުގައި ކުށްތަކަށް އަރައިގަންނަ މީހުންނަށް، އެ މަގުތައް ބަންދުކުރުމަށް ކުރީ ބައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެކަންކަމުގެ ތައްޔާރީތައް ވެސް ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ. ދެންހުރި ފުރުސަތުތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.

ދިވެހި ސަރުކާރުގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މާދަމާއެވެ.