ފާއިތުވީ އަޟުހާ އީދާ ދިމާކޮށް އއ.މާޅޮހުގައި ފެތުރެމުންދިޔަ ރޯގާ މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެރަށު ހެލްތު ސެންޓަރުން ބުނެފިއެވެ.

މާޅޮހު ހެލްތު ސެންޓަރުގެ މެނޭޖަރ މައުލޫމާތު ދިންގޮތުގައި އަޟުހާ އީދާ ދިމާކޮށް އެރަށުގައި ފެތުރިގެންދިޔަ ރޯގާ މިހާރު ވަނީ ކޮންޓްރޯލްކުރެވިފައެވެ. ރޯގާ ޖެހިގެން ގިނަ އަދަދެއްގެ މީހުން ޑޮކްޓަރަށް ދެއްކި ކަމަށާއި މިހާރު ޑޮކްޓަރަށް ދައްކާ އަދަދު މަދުވެފައިވާ ކަމަށް މެނޭޖަރ ނާޝިދު ވިދާޅުވިއެވެ.

ނާޝިދު އިތުރަށް ވިދާޅުވީ އެރަށުގައި އާދަޔާ ޚިލާފަށް ރޯގާ ފެތުރި މަރުކަޒުގެ އެދުތައް ފުރާލި ކަމަށް ބުނެ ބައެއް މީޑިޔާތަކުން ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށެވެ.

"އީދާ ދިމާކޮށް ވަރަށް ގިނަ މީހުން ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި. އެހެންނަމަވެސް މިހާރު އެ އަދަދު މިވަނީ މަދުވެފައި. މިހާތަނަށް އެއްވެސް މީހަކު އެޑްމިޓްކޮށްގެން ފަރުވާދީފައި ނެތް. އެހެންވީމަ އެދުތައް ފުރާލައިފިއޭ ކިޔާފަ ފަތުރަނީ ދޮގު ހަބަރެއް." މަރުކަޒުގެ މެނޭޖަރ ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ ރޯގާޖެހިގެން ޑޮކްޓަރަށް ދެއްކި އެއްވެސް މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދީފައި ނުވާ ކަމަށާއި ރޯގާއެއް ފެތުރިގެން ދިޔަ ނަމަވެސް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ފާއިތުވީ އަޟުހާ އީދާ ދިމާކޮށް ދަތުރުފަތުރުތަކާއެކީ ބަލިތައްވެސް މިދަނީ އިތުރުވަމުންނެވެ. އަނެއްކޮޅުން ހައްޖު މޫސުމަށްވެފައި ހައްޖުވެރިން އެނބުރި އަންނަ ދުވަސްތަކަކީ ބަލިތައް އިތުރުވެގެންދާނެ ދުވަސްވަރެކެވެ. އެހެންކަމުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.