އއ. މާޅޮހު ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ އިތުރު ޝިޕްމަންޓެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ ޖެޓީގެ ބީމް ޝަޓަރިންގ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.