ކުރީގެ ނޫސްވެރިޔާ އަދި އެކްޓިވިސްޓް އައިޝަތު އާނިޔާއަކީ ރާއްޖެއަށް އިސްލާހީ މަސައްކަތްތައް ގެނައުމުގައި ބޮޑު ހިއްސާދާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ އާނިޔާ މިއަދު ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އާނިޔާއަކީ ގިނަ ރޮނގުތަކަކުން ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ވަރަށް ބޮޑު ހިދުމަތްތަކެއް ކޮށްދެއްވި ބޮޑު ހިއްސާދާރެއް ކަމަށެވެ.

އަދި އޭނާ ނިޔާވި ހަބަރު އެހީ ހިތާމައާއެކު ކަމަށް ވިދާޅުވިއެވެ.

"މާތް ﷲ މަރުހޫމާއަށް ސުވަރުގެ މިިނިވަން ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވެއެވެ.

އާނިޔާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އިންޑިއާގެ ބެންގަލޫރުގައެވެ.

އާނިޔާއަކީ މިނިވަން ނޫހާއި މިނިވަން ރޭޑިއޯގައި ވެސް މަސައްކަތް ކޮށްފައިވާ ނޫސްވެރިއެކެވެ.

ފެށުނީއްސުރެ އެމްޑީޕީގައި އުޅުނު އާނިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނު ފަހުން އުޅުނީ އެމްޑީޕީއާ ވަރަށް ދުރުގައެވެ.

އަދި އެ ޕާޓީއާ ހިޔާލު ތަފާތުވުން ބޮޑުވެ މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ވަނީ އެމްޑީޕީއާ ވަކިވެފައެވެ.

އާނިޔާ އެއިރު ބުނީ، އެމްޑީޕީއާ ދުރަށް ދިއުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، ނަމަވެސް މިހާރު އެޕާޓީ އުފެދިގެން އައި އިރު އޮތް މަގުސަދާ ޕާޓީ ވަރަށް ބޮޑަށް ދުރަށް ގޮސްފި ކަމަށެވެ.

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އާނިޔާ ތާއިދުކޮށްފައި ވަނީ އިންތިހާބުން ބަލިވި ކެނޑިޑޭޓް މެންބަރު އިމްތިޔާޒް ފަހުމީއަށެވެ. ފަހުން އިމްތިޔާޒް ވެސް ވަނީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެހެން މީހުންގެ މަރުން ތިމާ ޢިބްރަތް ލިބިގަންނަާށެވެ.

    12
  2. ޖައުހަރު

    އާނިޔާ އަދި ނަޝީދު ގެންނަން މަސައްކަތް ކުރި ބަދަލުތަކަކަށް އިސްލާހެކޭ ނުކިޔާނެ. ނަޝީދު ވެސް ތައުބާވާކަށް ނުވޭތަ ؟