ހަށިވިއްކަމުން ދިޔަ މައްސަލައެއްގައި ތައިލެންޑު އަންހެނެއްގެ އަތުން ފުލުހުން ގެންދިޔަ ފައިސާ އަނބުރާ އޭނާއަށް ރައްދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެ އަންހެން މީހާގެ އަތުން 23،100ރ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން، އެ ފައިސާ ހަވާލު ކޮށްފައި ނުވާތީ، އޭނާ އެ މައްސަލަ ހުށަހެޅުމުން ބެލި މައްސަލައެކެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ކޯޓު އަމުރެއްގެ ދަށުން ހަށި ވިއްކާ ތަނެއް ބަލާ ފާސް ކުރި ފަހުން، އެތަނުން ހަށިވިއްކުމަށް ބޭނުން ކުރާ ތަކެއްޗާއި، އެތަނުގައި ބަރަހަނާކޮށް ބަޔަކު ތިބިކަމަށް ބުނެ ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވި މައްސަލައެކެވެ. މި މައްސަލައިގެ ހުކުމްގައިވާގޮތުން ބަލާ ފާސް ކުރެވުނު އެ ވަގުތު ކައުންޓަރުގައި އިނީ މި އަންހެން މީހާއެވެ. އަދި އޭނާގެ ފޯނު ތަހުލީލު ކުރުމުން އެތަނުގައި ހަށިވިއްކުމަށް އެއްބަސްވެ މީހުން ހުށަހަޅާ ހުށަހެޅުމަށް އޭނާ އެއްބަސްވެ، އެކަމަށް އިޖާބަ އަދި ފައިސާގެ އަދަދުވެސް ހުށަހެޅި ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން އޭނާ ރާއްޖެ އައިސް އާމްދަނީ ހޯދުމަށް ކުރި މަސައްކަތާއި އޭނާއަށް ލިބިފައި ހުރި ފައިސާއަކީ ހާލަތާއި ނުބައްްދަލު ފައިސާ ކަމަށް ބުނާއިރު، އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް ފުލުހުންނަށް އެއީ ކުށް ކޮށްގެން ހޯދާފައިވާ މުދާ ކަން ބުނުން ފިޔަވާ، އެކަން ކަނޑައެޅުމަށް ކަމާއިބެހޭ ކޯޓަކަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އެ ފައިސާ ދޫނުކޮށް ފުލުހުން މިހާރު ހިފަހައްޓާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުރަ ވެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން އޭނާގެ ފައިސާ މިއަދުން ފެށިގެން 10 ދުވަސް ތެރޭގައި ހަވާލު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އޭނާގެ މައްޗަށް ހަށިވިއްކުމާއި ގުޅޭ ދައުވާއެއް ކުރެވުނު ނަމަވެސް އެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވެއެވެ. އަދި އެ މައްސަލަ ފައިލް ކޮށްފައިވާއިރު، އޭނާ ވަނީ ޑީޕޯޓްކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔުންތެރިއެއް

    މީ ޗޯޜޭގެ މިނިވަން ގައުމެއްގެ ގޮތުގައި އޮންނާނީ މިނިވަންކަމާއެކު ރައްޔިތުންނަށް އުޅެވޭނެ ގޮތް ހަދައި ދީގެން.

    7
    2
  2. މަކުނު

    ތިހެން ގެންދާ ލާރިތައް އެމީހުން ތިބެނީ ކައިގެން.

    11
  3. ޙސހސ

    މި ހަބަރު ކިޔާލީމާ އޮތީ ހުސް ކަންބޮޑުވާންޖެހޭ ކަންކަން. ވިސްނާ ފިކުރު ކުރާބަޔަކަށް މިވެފައިން ގޮތް ސާފް.

  4. ކާޅު ބާޒުު

    ކޯޓް އަމުރެއްގެ ދަށުން ހަށި ވިއްކީމަ ދެން ކޮބާ މައްސަލަ އަކީ..

  5. އަހްމަދު

    އަނބުރާ ފައިސާދޭށޭ ކޮންތާކުން އެފައިސާ މިހާރުވީ ބޮޑުގޮހޮރައް ކައިހުސްކޮށްފަ އެފައިސާ ދެންދޭންޖެހޭނީ ފިނޭންސް މިނިސްޓްރީން