އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްހެ ތެރޭގައި ފިރިހެނަކު ހިފަހައްޓާ އޭނާއަށް އަނިޔާކޮށް އޭނާގެ އެކައުންޓުން ފައިސާތަކެއް ފޭރުނު މައްސަލައިގައި ފައިސާ ފޮނުވި އެކައުންޓުގެ ކާޑު އެ މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިދު(ސްޓެޕް އައްޔަ) އަތުން ފެނުނު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިތުރު ބަޔަކާ ބައިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓާ އަނިޔާކޮށް އަދި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްޕާ ކޮށްގެން އޮގަސްޓު ހަތަރު ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ޝާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެ މައްސަލައިގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ވެސް ޖަހައިފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނީ ފައިސާތައް ފޭރުމުގައި ބައިވެރިވިކަމަށް ޝާހިދު އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓްކުރީ ވެސް އޭނާކަމަށް ބުނި ކަމަށެވެ.

ނަމަވެސް ވިކްޓިމްގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ ފަރާތެއްގެ ކޭޝްކާޑު ޝާހިދުގެ އަތުން ފެނިފައިވާކަން ފުލުހުންގެ ތަހުގީގުން އެނގިފައިވާ ކަމަށް އެ އަމުރުގައި ބުނެފައި ވެއެވެ.

އެ މައްސަލައިގައި ވަކީލެއް ބޭނުން ކަމަށް ޝާހިދު ބުނި ކަމަށާއި ނަމަވެސް ވަކީލެއްގެ ފުރުސަތު ދިނުމުން ވަކީލު ބޭނުންނުވާ ކަމަށް ބުނި ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ޝާހިދު އަކީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. އަދި އޭނާ ވަނީ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.