ހއ.ދިއްދޫ އާއި ގއ.ވިލިނގިލިން ރޯ ހައުސްއަށް އެދި ކުރިމަތިލުމުގެ ފުރުސަތު ޕްލޭނިންގ މިނިސްޓްރީން ހުޅުވާލައިފިއެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދިއްދޫ އާއި ވިލިނގިލީގައި ރޯ ހައުސް އެޅުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ދިއްދޫގައި 75 ރޯ ހައުސް، ވިލިނގިލީގައި 50 ރޯ ހައުސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ރޯ ހައުސްތަކަށް ކުރިމަތިލުމަށް އަންނަ މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް މިހާރު ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށެވެ. އެހެންކަމުން www.gedhoruverin.gov.mv އަށް ލޮގިންގ ކޮށްގެން ފޯމު ހުށަހެޅޭނެއެވެ.

ދިއްދޫގައި ތަރައްޤީކުރާ 75 ރޯހައުސްގެ ތެރެއިން 72 ރޯހައުސް ޚާއްސަކޮށްފައިވަނީ ދިއްދޫގެ ރައްޔިތުންނަށެވެ. އަދި 2 ރޯހައުސްއެއް ޚާއްސަކޮށްފައި ވަނީ ދިއްދުއިން ބޯހިޔާވަހިކަމަށް އެދެން ބޭނުންވާ އެހެނިހެން ރަށްރަށުގެ މީހުންނަށެވެ. މި މަޝްރޫއަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ވިލިނގިލީގެ 50 ރޯހައުސްއަކީ ހަމައެކަނި އެރަށުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ރޯހައުސްތަކެކެވެ. ވިލިނގިލީ ރޯހައުސްތަކުގެ މަސައްކަތަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ރޯހައުސްތައް ފަރުމާކޮށްފައިވަނީ 2 ފަންގިފިލައަކަށެވެ. އަދި މިއިން ކޮންމެ ރޯހައުސްއެއްގައި 700 އަކަފޫޓު ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަދި މި ރޯހައުސްތަކަކީ ތިން ކޮޓަރީގެ ގެތަކެކެވެ. ކޮންމެ ގެއެއްގައި 3 ކޮޓަރިއާއި 3 ފާޚާނާގެ އިތުރުން ސިޓިންގ ރޫމަކާއި ބަދިގެއާއި ކާގެ ހިމެނޭބަޔަކާއި ބެލްކަންޏަކާއި ލޯންޑްރީ އޭރިއާއަކާއި ސްޓޯރޫމެއް ހުންނާނެއެވެ.

މި ދެ މަޝްރޫއުވެސް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަގުލީ

    2018 ވަނައަހަރު ކެމްޕޭނު ވައުދު ހއ.ދިއްދޫ ގައި އެއާޕޯޓަކާއި ޓާސަރި ހޮސްޕިޓަލެއްއަޅައިދެންވައުދުވެފައި އޮންނާނެ މިހާރު 5 އަހަރުގެ ދައުރެއްނިމިގެންހިގައްޖެ ވީ އެއްކަމެއްނެތް އެވައުދުތައް އޮއްބާލުމަށްޓަކައި 2 ޓެކްސީގެ ހިދުމަތްދީފައި ރަށުގައި އޮތްހުސްބިންކޮޅު ސިމެންތި ގަލެއްބޭއްވުމަކުން ބަލައްނުގަންނާނެ އޭގެބަދަލްގައި ރަށުގެ ރަތްޔެތުން ބޭނުންވާކަންތައްކޮށްދިންނަމަ ސަރުކާރުބަލައިގަންނާނެކަން ޔަގީން އަޅުގަމެން މިފަހަރު ވޯޓް ނުދިނީވެސް ކޮއްދެއްބުނި ވައުދު ނުފުއްދާދިނީމަ

  2. އަޙުމަދު

    ވިއްކާނަމަ ވިއްކާ އަގަކާއި މަހުކުއްޔަށް ދޭނަމަ ދައްކަންޖެހޭ ކުލީގެ ވިންވަރ ހާމަ ކުރެވިފަނެތޯ؟ ޑރ މުއިއްޒު ވިދާޅުވެފައި އޮތީ 2500 ރުފިޔާއަށް ކުލި ކުޑަ ކޮށްދޭނެކަމަށް، އޮނަބަލް ގާސިމް ވިދާޅުވީ މުޅިން ހިލޭ ކޮށްދޭނެކަމަށް ވީމާ ސަރުކާރަށް ކެރޭނެތޯ މިތަން ތަނުގެ ކުއްޔަށް ވަގޮތެއް އިޚުލާސްތެރިކަމެއް ހުރިއްޔާ.