މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 6-0 ގެ ނަތީޖާއަކުން ކަމަށާއި އެއީ ރައްޔިތުންގެ %60 ވޯޓު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ފައިނަލް މެޗެއްގެ ފުރަތަމަ ހާފް ކަމަށާއި ފަހު ހާފްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކުޅެން އަރައި ގޯލްތައް ޖަހައި މޮޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު، އިދިކޮޅުން ކުރީގައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ ފަހު ހާފްގައި ބަދަލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރ. ވާދު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ފަހު ހާފްގައި ކުޅެން އަރައި އިތުރު ދެ ލަނޑު ޖަހައި މޮޅުވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތަށް ރައީސް ސޯލިހް ވިދާޅުވުމުން އެ ހިސާބު ދިމާ ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެއީ (ރައީސް) ސޯލިހް ވިދާޅުވަނީ ބަލިވީ 3-1 އިންނޭ. ދެވަނަ ހާފްގައި އަރާ ތިމަންނަމެން އަރާ ޖަހާނީ އިތުރަށް ދެ ލަނޑޭ. ޖެހީމަ 5-2 އިން ތިމަންނަމެން މޮޅުވެއޭ. އެއީ ކޮންކަހަލަ ހިސާބެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވި ނަމަވެސް ރައީސް ސޯލިހް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ދެވަނަ ހާފްގައި ކުޅެން އަރާނީ ވަރަށް ބޮޑަށް ރާވާލައިގެން ކަމަށާއި ފަހު ހާފްގައި އިދިކޮޅުން ޖެހި ލަނޑުތަކާ އަރާ ހަމަކޮށް އިތުރު ދެ ލަނޑު ޖަހާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެވަނަ ހާފް ނިންމާލާނީ އިދިކޮޅުން 5-3 އިން ބަލިކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެވަނަ ހާފްގައި އަޅުގަނޑުމެން އެ ވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހައި ފަސް ލަނޑުން މި މެޗު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ހިސާބު ޖައްސަވަނީ ސިޔާސީ މަސްރަހު ދިރާސާކޮށް ބަލައި، ރައްޔިތުންގެ ފިކުރު ހުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހިސާބު ދިމާވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަަނީ، ތިޔަބޭފުޅުން ބައްލަވަން ތިއްބަވާ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ 6-0 އިން. 6-0 އޭ ބުނީމަ ހިސާބު އޮޅުވާލަފާނެ، އެހެންވީމަ ކޮން އެއްޗެއްތޯ ވާނީ؟ 60." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މީގެކުރިން ޖެއްސެވި ހިސާބެއް ދިމާވުމުން، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންގެ ތައުރީފް އޭނާ އަށް ލިބުނެވެ. ފުރަތަމަ ބުރުގެ ކެމްޕެއިން ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި %40 ވޯޓު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ %39 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ.

    ކިތެންމެވަރަށް ކޮމަކޯޅިޔަށް ލިޔަސް ފަހެއް ދޭކޭ ނުބުނާކަމަކަށް ނުވާނެ.
    ދެންހުރިވަހަކަ ގަބޫލުކުރެވޭ އެހެން ނޫނަސް މޮޅުވާނީ މޮޅުވާހަކަ ދައްކާމީހެއްނޫން.

    3
    1
  2. ސާ

    ކިތަންމެ ވަރެއްވިޔަސް މިހާތަނަށް ހަމައެކަނި އެއްބުރުން ހޮވުނު ރައީސް އަކީ އިބޫ