ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ކުރުމުގައި މި ސަރުކާރު ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލްކޮށްފައި ވަނިކޮށެވެ. އެ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން ކަމަށް ހައި ކޯޓުން ވިދާޅުވެއެވެ.

އެކަމާ ގުޅިގެން އަބްދުއްރަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ކުރުމުގައި މި ސަރުކާރުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް އަނިޔާ ކުރުމާ ދިވެހި ރައްޔިތުން މިހާރު ދެކޮޅު ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އެކަން މި ވަނީ މި މަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވަރަށް ސާފުކޮށް ފެންނަން. އިންޝާ ﷲ މި މަހުގެ 30 ވަނަ ދުވަހު އިބޫ ސޯލިހްގެ މި އަނިޔާވެރި ސަރުކާރު ނިންމަން ދިވެހި ރައްޔިތުން ތިއްބެވީ ތައްޔާރަށް،" އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާ އެކީގައި އަތޮޅު ތެރޭގައި ކެމްޕެއިންގައި މިވަގުތު ހުންނެވި އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީންގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލާގައި އަޑުއެހުމެއް އެންމެ ފަހުން އޮތީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އިސްތިއުނާފް ޝަރީއަތްތައް ލަސްވާތީ ޔާމީންގެ ވަކީލުންނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.

ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ވެސް ވަނީ ކޮށްފައެވެ. އެކަމަކު، ޖޫރިމަނާގެ ހުކުމުން މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ވަނީ ފަސްކޮށްދީފައެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ނިންމެވީ 2022 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަދުވަހުއެވެ. އެ ހުކުމާ ގުޅިގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް ގެއްލުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫނޭ ނުލަފާ

    ކެތް ކޮއްލާ ހިސާބު ޓީޗަރ 30 ގައި މިކަން ނިމިދާނެ.

  2. އަބް

    ހަމައެކަނި ޔާމީން، ޔާމީން، ކޮބައިތޯ ތިޔަ ހިޔާނާތުގައި ބައިވެރިވި އެހެން ބޭފުޅުން،