ލިޔެކިޔުންތައް ނައްތާލުމަކީ ޝައްކުގެ ނަޒަރުން ބެލޭނެކަމެއް ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު އެގޮތަށް ވިދާޅުވީ ފިއުލް ސަޕްލައިޒް އޮފް މޯލްޑިވްސް(އެފްއެސްއެމް)އިން ލިޔުންތަކެއް ނައްތާލި މައްސަލައަކާ ގުޅިގެން ކުރެއްވި އެކްސްއެއްގައެވެ.

އެފްއެސްއެމްގެ ލިއުންތަކެއް ކޮންކްރީޓް މެޝިނަކަށް އަޅައިގެން ނައްތާލި މައްސަލަ ފަޅާ އަރުވާލީ އެ ކުންފުނީގެ މުވައްޒަފެކެވެ.

އެ މައްސަލައިގައި އެ މުވައްޒަފު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިއުން އެފްއެސްއެމްއަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ޝައިހް ޒައިދު ވިދާޅުވީ އިންތިގާލީ ދުވަސްވަރެއްގައި ސަރުކާރުގެ ނުވަތަ ސަރުކާރުގެ ބާރު ހިނގާ އެއްވެސް އިދާރާއަކުން ލިޔެކިޔުންތައް ނައްތާލުމަކީ އެބަޔަކާމެދު ޝައްކުގެ ނަޒަރުން ބެލޭނެ ކަމެއް ކަމަށެވެ.

"އެހެނީ ސިއްރު ކުރުމާއި ވަންހަނާ ކުރުމުގެ ތަބީއަތް އޮންނާނީ ކޮރަޕްޝަނާއި ފަސާދަ، ވައްކަމާ ހިޔާނާތް ފަދަ ކަންކަމުގައެވެ.". ޒައިދު ވިދާޅުވިއެވެ.

ލިޔުންތައް ނައްތާލި މައްސަލައާ ގުޅިގެން އެފްއެސްއިިމްއިން ވިދާޅުވީ ނައްތާލީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން ކަމަށެވެ.

އަދި ކުންފުނީގެ ނަން ކިލަނބުކުރަން އުޅޭ ކަމަށް ވެސް އެ ކުންފުނިން ތުހުމަތު ކުރެއެވެ.

އެފްއެސްއެމްއިން ލިޔުންތައް ނައްތާލި މައްސަލައާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ލިޔުންތައް ނައްތާލީ ގޯސްތައް ފޮރުވަން ކަމަށް ވެސް މެމްބަރުން ތުހުމަތު ކުރައްވައެެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ޜަޝީދު (ބޮންޑެ) މިއަދު ވިދާޅުވީ އިންތިގާލީ މަރުހަލާގައި ލިޔެކިއުންތަކާ މެދު އަމަލު ކުރަން ޖެހޭނީ އެގޮތަށް ނޫން ކަމަށެވެ.

ބޮންޑެ ވިދާޅުވީ މެޝިނުން ގަށާލި ލިޔުންތަކުގެ ތެރޭގައި މަސްވެރިންނަށް ދީފައި ހުރި ސަބްސިޑީއާއި އަދި ކޮވިޑްގެ ތެރޭގައި ހިންގި ތެލޮގެ ބޮޑު ވައްކަމުގެ މައްސަލައިގެ ލިޔުންތައްވެސް ހިމެނޭ ކަމަށެވެ.

"ކުރިއަށް މި އޮތް ހަވާލުވާ ސަރުކާރުން މި މައްސަލަ ބަލަން ޖެހޭނެ. މި މައްސަލައަކީ ޕްރޮސިކިއުޓް ކުރަން ޖެހޭ މައްސަލައެއް. އަޅުގަނޑުވެސް މި މައްސަލައިގެ ސަމާލުކަން އެސްޓީއޯގެ ހެޑް އޮފީހަށްވެސް ގެނެސްދީފައި. އެ ފަރާތުންވެސް އޮތީ ސިޓީވެސް ފޮނުވާފައި. އެކަން ހުއްޓުވަންވެސް އަންގާފައި އޮތީ. އެ ގަށަގަށާ އޮއްވަ ހުއްޓަން އަންގާފަ." ބޮންޑެ ވިދާޅުވިއެވެ.