ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އުމްރާ ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ގައެވެ.

އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް ޕްރޮޕޯޒަލް ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި އަންނަ މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި އެ ޕްރޮޕޯޒަލްތައް ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީގެ ކައުންޓަރަށެވެ.