ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ/ހިޔާލު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އިތުރުވި ހަ ދާއިރާއެކު އިންތިހާބީ 93 ދާއިރާ ކަނޑައެޅިގޮތުގެ ރިޕޯޓް އެ ކޮމިޝަނުން އާއްމުކޮށްފައި ވަނީ މީގެ ދެ ހަފްތާ ކުރިންނެވެ.

މަޖިލީހުގެ އިންތިހާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލިއެވެ.

އީސީގެ ނައިބް ރައީސް ހަބީބް މިއަދު ވިދާޅުވީ، އެ ހުށަހެޅި 65 ޝަކުވާ ނުވަތަ ހިޔާލުތަކަށް މި އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އީސީން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ޝަކުވާ ނުވަތަ ހިޔާލު ހުށަހެޅި ފަރާތްތަކަށް އީސީން ނިންމާ ނިންމުން ސަބަބާއެކު އަންގާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ޝަކުވާ ނުވަތަ ހިޔާލު ލިބިފައި ވަނީ ފޭދޫ އުތުރު ދާއިރާއާ ގުޅޭގޮތުންނެވެ. އެ ދާއިރާއަށް އެކަނި 44 ޝަކުވާއެއް ލިބިފައި ވެއެވެ.

ހަބީބް އާއްމު ކުރި ވަގުތީ ރިޕޯޓަށް ލިބުނު ޝަކުވާ/ހިޔާލު

މަޖިލީހަށް އިތުރު ކުރި ހަ ދާއިރާގެ ތެރޭގައި

‏1- ހުޅުމާލެ މެދު ދާއިރާ
‏2- ހުޅުމާލެ އުތުރު ދާއިރާ
‏3- ހިތާދޫ ދާއިރާ (މާޅޮސް މަޑުލު ދެކުނުބުރި)
‏ހިތާދޫ، މާޅޮސް، ދަރަވަންދޫ
‏4- ހުރާ ދާއިރާ (މާލެ އަތޮޅު)
‏ހުރާ، ހިންމަފުށި، ގުޅީ
‏5- ކޮލަމާފުށި ދާއިރާ (ހުވަދުއަތޮޅު އުތުރުބުރި)
‏ކޮލަމާފުށި، ދެއްވަދޫ
‏6- ފޭދޫ އުތުރު ދާއިރާ (އައްޑޫ ސިޓީ)
‏ފޭދޫ، މަރަދޫފޭދޫ.

ހަބީބް ވިދާޅުވީ، މި ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާ އަށް ނިސްބަތްވާ ރަށް އެކަނި ކަމަށެވެ. އަދި ‏މި ރިޕޯޓުގައިވާ ގޮތުން، ބައެއް އިންތިހާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

‏އެގޮތުން، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާއަށް ބަދަލުވިއިރު، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް ވަނީ ބަދަލު ވެފައެވެ. އަދި ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަށް ބަދަލުވެގެންދިޔައިރު ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ވަނީ ބަދަލުވެފައެވެ.

މިހާރުގެ މަޖިލީހުގައި 87 މެންބަރުން ތިބެއެވެ. އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބޭނެ މެންބަރުންގެ އަދަދު 93 އަަށް އަރާނެއެވެ.