އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ހުރަސް އަޅަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް އެގޮތަށް ވިދާޅުވީ އޭނާ ކުރެއްވި އެކްސްއެއްގައެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ތްރީ ލައިންގެ ވިޕެއް ނެރެފައެވެ. އަދި ރައީސް ނަޝީދު ވަކި ކުރަން އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރަން ވެސް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒެއިނާ އާދަމް ވިދާޅުވީ، އެވޯޓު ނުނަގައި މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދިއުމަށް އެބޭފުޅުންގެ އެއްބާރުލުމެއް ނުލިބޭނެ ކަމަށާއި އެ ވޯޓު ނުނަގައި ކުރިއަށް ގެންދާ ކަންތައްތަކަކީ ވެސް ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަންތައްތަކެއްގެ ގޮތުގައި އެބޭފުޅުން ދެކޭނެ ކަމަށެވެ.

ވޯޓެއް ނުނަގައި ކުރިއަށް ގެންދާ ކަންތައްތަކަކީ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަންތައްތަކެއްގެ ގޮތުގައި ދެކޭނެ ކަމަށް ރޮޒެއިނާ ވިދާޅުވެފައިވާއިރު، އޭގެ ތެރޭގައި އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރުން ވެސް ހިމެނެއެވެ.

ރޮޒެއިނާ ވިދާޅުވީ، މުއިއްޒުގެ ހުވާ ކުރެއްވުން ކުރިއަށް ގެންދަންވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާއި އެކީގައި ކަމަށާއި އިތުބާރު ގެއްލިފައި ހުރި ރައީސަކު އެކަން ކުރުމަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސް

    އެބަ އިގެން ޖެހޭ މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ލައިފިއްޔާ، އެކަން ނުކޮށް މަޖިލީހުން ފުރަތަމަ ކަމަކަށް ކުރަން ޖެހެނީ އެ ވޯޓް ނެގުން ކަން. އެކި ވާހަކަ ދެއްކީމާ ރައްޔަތުން ނަށް އޮޅޭނީ.