ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާތަން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެ ޕާޓީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް، އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ އެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އިތުބާރާއެކު ދެމިހުރެވޭނެ މަގާމެއް ނޫން ކަމަށާއި އަދި އެ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުންވެސް އެ ޕާޓީން ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލިހުން ވަކިވުން ކަމަށެވެ.

ރިޔާސީ އައު ދައުރެއްގެ ފެށުން ކައިރިވެފައިވާ ދުވަސްވަރެއްގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީސް ނަޝީދު ކުރިއަށް ގެންދިޔުމަށް އެ ޕާޓީން އެއްބާރުލުން ނުދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަދި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒާ ނައިބްރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާއި މެދު ގާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން އެކަން އެމަގުން ކުރިއަށް ގެންދިޔުމަށް އެ ޕާޓީން ކުރަންޖެހޭ ހުރިހާ މަސައްކަތަށް ކުރާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ ދީފައެވެ.

"ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ގާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫން ކަމުން ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއްބާރަށް ވާއިރު، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން". އެ ބަޔާނުގައި ވެއެވެ.

އޭގެއިތުރުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން އެ މައްސަލަ ނިންމުމަށް އެ ޕާޓީން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    މީހަކާޒާތީވިއަސް ތީބޮޑުވަރު މަށައްޔަގީން ތިޔައިން ކޮންމެމީހަކު ތިޔަގޮނޑިކާމިޔާބުކޮށްފަހުނނާނީ ނަޝީދުގެ ބުރަމަސައްކަތުންކަން މިއަދުނަޝީވަރުނުބައިމީހަކުނެތްކަމައް ބުނާއިރު ތިޔަޕާޓީއަކާހެދި އެވަރުގުރުބާނެއްވި ދެވަނަމީހަކު އެބަހުރިބާ

    1
    3
  2. ތައުފީގު

    ނާ ހަމަ ތެދެއް ؟! އަދި ކިރިޔާތަ ތި ރޭކާލީ؟ ކޮން ޒަމާނެއް އަހަރުމެން ކިޔާތާ ތި ނަޝީދަކީ ހަމަ މީހެއް ނޫނޭ. އޭނަ މިޔަންމާރު ސޫޗީއާ ހެދި އުޅެން ފެއްޓީމަވެސް ބުނިން ތި ދެމީހުން ވެސް ސަހަލުނުވާނޭ. މިހާރު ދުނިޔެއަށް ސޫޗީ ފަލީހަތްވެއްޖެ. ނަޝީދު އެ އަދިވެސް މަސައްކަތް ކުރަނީ އެ ފިޔަވަޅުތަކުގަ.