ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމުގެ ތުހުމަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑް ކުރި ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރުން ލަސްވާތީ ޖޭއެސްސީން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސް މެޖިސްޓްރޭޓް އަލީ އާދަމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ޢިއުތިރާފުން ސާބިތުވާކަމާއި، އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ވަނީ ސާބިތުވެފައި ކަމަށެވެ.

އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މި އަމަލަކީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއްކަމަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލީ އާދަމް، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ އެރުވުމަށް އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށް ބަޔާނުގައި ވެއެވެ.

ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އެފަދަ އެހެން ސުލޫކީ މައްސަލައެއްގައި މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ވެސް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ އަރުވާފައިވާނެ ކަމަށް ޖޭއެސްސީއިން ބުނެފައިވެއެވެ. އޭގެ އިތުރުން، އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިތުރު ސުލޫކީ މައްސަލައެއްގެ ތަހުގީގުގެ ތެރެއިން އެ ފަނޑިޔާރު ވަނީ މަސައްކަތަށް ނުކުތުން މަނާ ކޮށްފައި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރިން އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވުމަކީ މި ކޮމިޝަންގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚިޔަލީ

    ވަރަށް ބޮޑަށް ޒާތީ ވެގެން އުޅޭކަހަލައެވެ. ޖޭ.އެސް.ސީ އެއީ ސިޔާސީ މީހުންގެ ޖަގަހައެއްކަން ވިސްނޭވަރުވެއެވެ.

  2. ރާއްޖޭގެބާޒު

    މިގޮތަށް ފަނޑިޔާރުން ފަލީހަތް ކުރުމަކީ ކަންކަން ސިޔާސީކުރުމެވެ. މިއަށް ވުރެ ޖުޑީޝަރީ ސިސްޓަމް މާތްވެފާއި ރަނގަޅުވާން ޖެހޭނެއެވެ!!