ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސް ގާޟީ ކަމަށް އަލްއުސްތާޛާ މަރްޔަމް ވަހީދު ހަމަޖެއްސައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ން ވިދާޅުވީ، މި ދެބޭފުޅުން މަގާމަށް އައްޔަންކުރެއްވީ އިއްޔެ ބޭއްވި އެކޮމިޝަނުގެ 68 ވަނަ ޖަލްސާއިންް ކަމަށެވެ.

އަލްއުސްތާޛު ހުސައިން ޝަހީދުއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަރސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.

2014 ނޮވެމްބަރު 26 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު ޙުސައިން ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރެވިފައިވާ އަލްއުސްތާޛާ މަރްޔަމް ވަޙީދު އަކީ ވިލާ ކޮލެޖްއިން މާސްޓަރސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗެލަރސް އޮފް ލޯސް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ގާޟީއަަކަށް އައްޔަންކުރުމުގެ ކުރިން އަލްއުސްތާޛާ މަރްޔަމް ވަޙީދުވަނީ ކ.ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައެވެ. އަލްއުސްތާޛާ މަރްޔަމް ވަޙީދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނީ 2013 ޖަނަވަރީ 08 ވަނަ ދުވަހުއެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރުު ހާތިފް ހިލްމީ ރިޓަޔާވެވަޑައިގަތުމުންނެވެ. ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަލްއުސްތާޒު އަޙްމަދު ނިމާލް ޖުނައިދު މިދިޔަ މަހު އަވަހާރަވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްނި

    ވެރިކަން ނިމިފަވާމިދަނޑިވަޅުގާ ތިޔަހަދަނީގޯހެއް އަންނަން އޮތްޖީލުތަކައް ދައްކައިދޭ ނުރަގަޅު ކަންކަން ކުރިޔައް އޮތްތާގާ ތިކަން ކޮންމެވެރިއަކު ކުރަން ފަށައިފިނަމަ ދެން ވާނެގޮއް ވިސްނަވާ ކުޑަކޮއްވެސް އެމްޑީޕީ ބައިގަޑު މިގައުމާދޭތެރޭގަ ނުވިސްނާ ހައްތަހާވެސް އަމިއްލަފައިދާއައް