ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ނުނިންމާ އިތުރު ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ މަޖިލިހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކި ކުރުމުގެ މައްސަލައެވެ. އެކަމަކު، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ޑެންގީ ހުން ޖެހިގެން ސަލާމް ވިދާޅުވެފައިވާތީ، މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.

އަދި މާދަމާ އެ ޖަލްސާ ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން ވަނީ ނިންމައިފައެވެ.

ނަމަވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވަނީ އިހުތިޖާޖު ކުރައްވައިފައެވެ. އަދި އެ މައްސަލައިގައި ގޮތެއް ހޯދަން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ގާނޫނީ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެމްބަރު އަހްމަދު އަބްދުالله އަފީފް ވަނީ މިއަދުގެ ޖަލްސާ އަމީން ނުބޭއްވޭނެ ކަމަށް އަމީން އާންމު ކަނޑައެޅުއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އަދި ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ދެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއް އަމުރަކަށް އެދިފައި ވަނީ އަމީން އާންމު ނިންމެވުމަކީ ގާނޫނާ ހިލާފަށް ނިންމެވި ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

"[ދެވަނަ ކަމަކަށް]ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށް ފަހު ނޫނީ އެެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ މިއަދު ޖަލްސާ ހުއްޓުވާލީ ގޮތަކީ އެއްގޮތަކަށް ވެސް ގާނޫނު އަސާސީ ތަސައްވަރުކޮށްފައި އޮތް ގޮތެއް ނޫން ކަމަށެވެ. އަދި އެއީ އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުވެސް ތަސައްވަރުކޮށްފަ އޮތް ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ ޑިމޮކްރެޓިކް އެހެނިހެން ނިޒާމްތައް ހިންގާ ގައުމުތަކުގައި ވެސް ޕާލަމަންޓްރީ ޕްރެކްޓިސްތައް އޮންނަ ގޮތެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހެއް ނުހުއްޓޭނެ. ރައްޔިތުންގެ މަޖިލީހަކީ އުވާލެވޭވެސް ތަނެއް ނޫން. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ދާން ޖެހޭ ގޮތަށް ގަވައިދުތައް ހެދި ބައްޓަން ކުރެވިފައި އޮއްވާ އެކަން ނުކުރެވޭ ގޮތަށް މަޖިލީހުން ގާނޫނުތަކާ ގަވައިދުތައް މާނަކުރެވިގެންވާނެ ކަމަކަށް އަޅުގަނޑު ނުދެކެން" އަފީފް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަކި ކުރުމުގެ މައްސަލަ ނިންމުމަށް ފަހު ނޫނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖެރާޑް

    ކަލޭމެންނަށް ޤާނޫނު އަސާސީ ރަގަޅަށް ނުކިޔުނީމަ ވާގޮތްތީ އަންނިމެން ލޫޕްހޯލް ތެރެއިން އެދެމިގަންނަނީ 56 މެމްބަރުން ފަހަތުން ދުވެދުވެ ތިއްބާ

  2. އެލެކްސް ގަންޖާ

    ތިކުޅޭ ޑްރާމާ އަހަރުމެނަށް އެނގޭ

  3. ގާދިރު

    މިއަދު ލަދުގަނޭ ތިޕާޓީއަށް އިރެއްގަ ނަމަވެސް ތާއިދު ކުރެވުނީތީ މިވަގުތު ލީޑަރޝިޕް ގަ ތި ތިބީ ހުސް ހިންދީ ޑްރާމާ ބަލާ ޒާތީ ވާ ގުރޫޕެއް ހިންގާލަން އައި މީހިން ކޮސްހަދަނީ އަދިވެސް ދެންވެސް ހެދޭނީ ކޮސް

  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    "ނަކުލީ އެމް.ޑީ.ޕީ" މީހުން ކިތައްމެ ވަރަކަށް އައްދޯއި ގޮވިޔަސް ނަޝީދު އެ ގޮނޑިން ބޭލުމަކީ ވާނެ ކަމެއް ނޫން. އެކަން ވާނީ މުޢިއްޒަށް ސަޕޯޓް ނު-ކުރުމުގެ ސަބަބުން ދަ ޑިމޮކްރަޓްސް އަށް ލިބުނު ބޮޑު ގެއްލުމަށް ބަދަލު-ދީފަ! ސްޕްރީމް ކޯޓަށް ދިޔަ-އަސް ޑީލް ހަދާފަ އޮތް ކަމެއް އަލުން ނު-ބެލޭނެ. މިއީ އަސްލީ އެމް.ޑީ.ޕީ އެއް ނޫން. ނަކުލީ ބަޔެއް. ވަޢުދު އުވާލުމަކީ ޔަހޫދީން ގެ ސިފައެއް!