ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައިގެ ތެރެއަށް ވަންނާނެ ކަމަށް ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.

ޑިމޮކްރެޓްސްއިން އެކަން ހާމަ ކުރީ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހުއެވެ. ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވިއެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ބޮޑު ބައްޔާއެކު ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ސޯލިހަށް ނުލިބި އިންތިހާބުން ބަލިވަޑައިގަތުމާއެކު މި މަހުގެ 12 ވަނަ ދުވަހު ރައީސް ސޯލިހުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މަޖިލީހުން ވަނީ ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވިގެން އެމްޑީޕީން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ޑިމޮކްރެޓްސްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާޒިމް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ޑިމޮކްރެޓްސްއިން ވެސް ވަންނާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ [ޑިމޮކްރެޓްސްގެ] ހުރިހާ މެމްބަރުންވެސް ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކުރެވިފައިވާ ދައުވާއެއް މި ދައުވާއަކީ، އެހެންވީމާ އެކަމަށް ތަދައްހުލްވާން ޖެހޭނެ. އަޅުގަނޑު ހަމަ ޔަގީނުންވެސް ވާނަން އެނގޭތޯ.".އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި އަމުރުގައި ވަނީ ދެ އަމުރަކަށް އެދިފައެވެ. އެއީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި ނެތި ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަމީން އާންމު ނިންމެވުމަކީ ގާނޫނާ ހިލާފަށް ނިންމެވި ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމާ އެކު ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށް ފަހު ނޫނީ އެެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު