ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތް މައްސަލައަށް ހައްލު ހޯދެން އޮތް ހަތަރު ގޮތެއް މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ ސްޕްރީމް ކޯޓަށް ހަތަރު ކަމެއް ހުށަހަޅާފައެވެ. ނިއުޝާ ވިދާޅުވާ ގޮތުގައި މިކަންތައްތަކަކީ ނިޒާމުގެ ތެރެއިން ހައްލު ކުރެވިދާނެ ކަންތައްތަކެކެވެ.

މަޖިލީހުގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހައްލު ކުރެވިދާނެކަމަށް ނިއުޝާ ވިދާޅުވި ކަންތައްތަކަކީ:

  1. މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަ އިސްލާހެއް ގެންނެވުމަށްފަހު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުން،
  2. މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް މަޖިލީހުގެ މެމްބަރަކު މަޖިލީހަށް ގަރާރެއް ހުށަހެޅުން ؛ އެހެނަނަމަވެސް މިވަގުތު މިކަމަކީ ގިނަ ވަގުތު ހޭދަވާނެ ފަދަ ކަމަކަށް ވާނެތީ މިއީ އެންމެ އެކަށޭނަ ހައްލަށް ނުވެދާނެކަން ފާހަގަކުރެއްވި،
  3. މަޖިލީހުގެ ގަވާއިދުގެ 249 މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހު މައްސަލައެއްގެ ގޮތުގައި ހުށަހެޅުން ؛ މިހާރު ވެސް އެފަދަ މައްސަލައެއް އޮތްކަން ފާހަގަކޮށް ނިއުޝާ ވިދާޅުވީ އެ މައްސަލަ އެޖެންޑާކުރަން ނައިބު ރައީސްގެ ކިބައިން އެދިފައިވާނެ ކަމަށް،
  4. މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގައި މިހާލަތުގައި އަމަލުކުރާނެ ގޮތެއް ނެތުމުން، 250 ވަނަ މާއްދާގެ ދަށުން ގަވައިދުގައި ބަޔާންކޮށްފައި ނުވާކަމެއް ދިމާވެއްޖެކަމަށް ބަލާ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުން،

ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކަނޑައަޅާފައިވަނިކޮށް އެ ހާއްސަ އިޖުރާއަތާ ދުރަށްގޮސް އާންމު އިޖުރާއަތުގެ ދަށުން މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައެޅުމަކީ މަޖިލީހުގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.

ނިއުޝާ މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިޒްލާ ވިދާޅުވި ގޮތުގައި މަޖިލީހަށް ގަރާރެއް ހުށަހެޅި ކަމަށް ބެލެވޭނީ މަޖިލީހުގެ ގާނޫނީ ޖަލްސާއެއްގައި ގަރާރު ހުށަހެޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުނުކޮށްގެން އެ މާއްދާ މާނަކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ވެރިކަންކުރާ އެމްޑީޕީން މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ މައްދާގެ ދަށުން މަޖިލީހުގެ ރިޔާސަތަށް ބޭފުޅަކު އައްޔަނުކުރުމަކީ މަޖިލީހުގެ އިދާރާގެ އޮތޯރިޓީއެއް ނޫންކަމަށް މަޖިލީހުގެ އަމީން އާންމު ނިއުޝާ ވިދާޅުވިއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. މި މައްސަލައިގެ ތެރެއަށް ތިން ފަރާތަކުން ތަދައްޚުލުވެފައިވެއެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު