ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް މަޖިލީހުގެ ގަވައިދު މާނަ ނުކުރެވޭނެ ކަމަށާއި ރައީސް ނަޝީދުގެ މައްސަލަ ނުނިމި އޮތަސް ދުސްތޫރީ ޒިންމާތައް މަޖިލީހުން އަދާކުރަންޖެހޭނެ ކަމަށް ސްޕްރީމް ކޯޓުން ބުނެފިއެވެ.

އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް އެ ގަވާއިދު މާނަ ނުކުރެވޭނެ ކަމަށާއި ރައީސް ނަޝީދުގެ މައްސަލަ ނުނިމި އޮތަސް ދުސްތޫރީ ޒިންމާތައް މަޖިލީހުން އަދާކުރަން ޖެހޭނެ ކަމަށެވެ.

އަދި ހަމައެއާއެކު މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލިހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލިހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. މަޖިލިހުގެ ރިޔާސަތު ހުސްނުވާނެ ގޮތަށް އެ ގަވާއިދުން ޖާގަ ދީފައިވާއިރު، ހުށަހެޅިފައިވާ ގަރާރާ ގުޅިގެން ގަވާއިދު މާނަކުރަން ޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

އަޑުއެހުމުގައި އެންމެ ފުރަތަމަ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ރައުޔު އިއްވަވާފައެވެ. މި މައްސަލައަށް ތަދައްޚުލް ވި ދަ ޑިމޮކްރެޓްސްއިން ހުށައަޅާފައިވާ 3 އިޖުރާއީ އިއުތިރާޒުވެސް ބަލައިނުގެންނެވުމަށް މަހާޒު ވަނީ ނިންމާފައެވެ. އެއީ މި މައްސަލައަކީ ސުޕްރީމް ކޯޓުން ބަލަންޖެހޭ މައްސަލައެއް ނޫންކަމަށް ބުނެ، އެ ޕާޓީން ހުށައެޅި އިއުތިރާޒުތަކެކެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 205ގެ (ބ)ގައި ބަޔާންކޮށްފައިވާ ގޮތަށް، ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި، 44 ވަނަ މާއްދާގެ ދަށުން އެ ޖަލްސާ ކުރިއަށް ގެންދެވިދާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އީވާއަށް ކުރިމަތިވެވަޑައިގެންފައިވާ އުޒުރު ފިލައިގެން ދަންދެން މަޖިލިސް މަޑުޖައްސާލުމަކީ މަޖިލީހުގެ ގަވާއިދުގެ ރޫހުކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މިއަދު ބޭއްވުނު އަޑުއެހުމުގައި ފަނޑިޔާރު ސުއޫދު ވިދާޅުވާގޮތުގައި ސުޕްރީމް ކޯޓަކީ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދައިދޭ ތަނެއް ނޫން ކަމަށާއި ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކައިގެން ކަމަށެވެ. އަދި ހުށަހެޅިފައި މިވާ މައްސަލައަކީ އަސްލީ އިޚްތިސާސްގެ ތެރެއިން ސުޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައެއްކަން ވެސް ސުއޫދު ފާހަގަކުރެއްވިއެވެ.